ބިޓްކޮއިން: 2021 ގައި 318،000 ޑޮލަރުން ސުމަކަށް

މުހައްމަދު ރައްޔާން 12 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބައެއް ފަރާތްތަކުން ހާމަ ކުރާގޮތުގައި 2021 ވަނަ އަހަރު ބިޓްކޮއިންގެ އަގު 318،000 ޑޮލަރުން 0 ކަށް ވެއްޓޭނެއެވެ. ނަމަވެސް ބިޓްކޮއިންގެ އަގު އެންމެ ރަނގަޅަށް ލަފާ ކުރާ އެއް ކުންފުނި ކަމުގައިވާ ޕްލޭން ބީ އިން ލަފާކުރާ ގޮތުގައި 2021 ވަނަ އަހަރު ނިމެން ވާއިރަށް ބިޓްކޮއިން ގެ އަގު އުޅޭނީ ގާތްގަނޑަކަށް 288،000 ޑޮލަރުގައިއެވެ.

ޕްލޭން ބީ އިން އުފައްދާފައިވާ ސްޓޮކް ޓު ފްލޯ މޮޑެލް އަކީ މިހާތަނަށް ބިޓްކޮއިންގެ އަގު ލަފާކުރުމަށް އުފައްދާފައިވާ އެންމެ ކާމިޔާބު މޮޑެލްއެވެ. އެގޮތުން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބިޓްކޮއިންގެ އަގު އުޅުނީ މި މޮޑެލް އިން ލަފާކޮށްފައިވާ އަގަށްވުރެ 26 އިންސައްތަ މަތީގައިއެވެ. މިހާރު ބިޓްކޮއިން ގެ އަގު އުޅެނީ ގާތްގަނޑަކަށް 56،000 ޑޮލަރުގައިއެވެ. އެހެންކަމުން އަހަރު ނިމެންވާއިރަށް މި މޮޑެލް އިން ލަފާކޮށްފައިވާ 288،000 ޑޮލަރަށް ބިޓްކޮއިންގެ އަގު އުފުލޭނީ މިހާރުން ފެށިގެން ޑީސެމްބަރާއި ދެމެދު ގާތްގަނޑަކަށް ބިޓްކޮއިންގެ އަގު 400 އިންސައްތަ އުފުލިގެންނެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި 2021 ވަނަ އަހަރު ބިޓްކޮއިންގެ އަގު 200،000 އާއި ހިސާބަށް ނުދާނެއެވެ. އެގޮތުން މޯގަން ކްރީކް ޑިޖިޓަލް ގެ އެންތޮނީ ޕޮމްޕްލިއާނޯ އާއި ޕޭންޓެރަ ކެޕިޓަލްގެ ޑޭން މޯހެޑް ލަފާކުރާ ގޮތުގައި 2021 ވަނަ އަހަރު ނިމޭއިރު ބިޓްކޮއިންގެ އަގު އުޅޭނީ 100،000 ޑޮލަރުގައިއެވެ.

ނަމަވެސް ބިޓްކޮއިން އަށް ފާޑުކިޔާ ފަރާތްތަކުން ދެކޭގޮތުގައި ބިޓްކޮއިން އަކީ އިންވެސްޓަރުންނަށް ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިކުރުވާނެ އެއްޗެކެވެ. އަދި އެމީހުން ދެކޭގޮތުގައި ބިޓްކޮއިންގެ އަގު ކުއްލިއަކަށް ވެއްޓި ސުމަކަށް ހިނގައިދާނެއެވެ.


މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.