Download Logo
Copy Logo

ޕީއެޗްޕީގައި ހިމެނޭ ބަލިކަށިކަމަކުން އިންޓަނެޓުގެ %70 ނުރައްކަލަށް

ހިންދު ޢަލީ • 23 އޮކްޓޯބަރު 2026

އޮކްޓޯބަރު 20 ވަނަ ދުވަސް ވެގެން ދިޔައީ ސައިބަރ ސެކިޔުރިޓީ ދާއިރާއިން ގިނަ ބަޔަކަށް ނުރައްކާތެރި އިންޒާރެއް ލިބުނު ދުވަހަކަށެވެ. އެއީ އިންޓަރނެޓުގައި ހިމެނޭ ވެބްސައިޓްތަކުގެ ގާތްގަނޑަކަށް %70 އުފައްދުމަށް ބޭނުންކޮށްފައިވާ ޕީ.އެޗް.ޕީ (PHP) ޕްރޮގްރާމިންގ ލެންގުއޭޖްގައި ބޮޑު ސެކިއުރިޓީ މައްސަލައެއް އުޅޭކަން އާންމުވެގެން ދިއުމާއެކުގައެވެ.

މިހަބަރާއި އެކު ދެން ފެނުނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ސަރުކާރުތަކުން، ޕީއެޗްޕީ ޕްރޮގްރާމިންގ ލެންގުއޭޖުން އުފައްދާފައިވާ އެގައުމުގެ އެކި އިދާރާތަކުގެ ވެބްސައިޓްތަކަށް ނުރައްކަލެއް އަތުވެދާނެ ކަމަށްޓަކައި އަވަސް އަވަހަށް ވެބްސައިޓްތައް އޯފްލައިން ކުރާކަމުގެ ހަބަރުތަކެވެ.

މިއާއެކު ޕީއެޗްޕީ ޕްރޮގްރާމިންގ ލޭންގުއޭޖް ޑިވެލޮޕަރުން މިމައްސަލަތަކަށް ހައްލުހޯދުމަށް ބޭނުންކުރާނެ އައު ޕެޗުތަކެއް ބުދަ ދުވަހު އާންމުކުރިއެވެ. އަދި އެލެންގުއޭޖް ބޭނުންކޮށްގެން އެޕްލިކޭޝަންތައް އުފައްދާފައިވާ ފަރާތްތަކުން ވަގުތުން ސިސްޓަމްތައް އަޕްޑޭޓްކުރުމަށް ގޮވާލާ ސެކިޔުރިޓީ ލަފާދޭ ބަޔާނެއް ނެރުނެވެ.

މިއީ އެހާ ބޮޑު މައްސަލައަކަށް ވަނީ ކީއްވެ؟

ޕީއެޗްޕީއަކީ ސޮފްޓްވެއަރ އުފައްދާ ލެންގުއޭޖެކެވެ. 1990ގެ އަހަރު ތަކުގައި އުފެދުނު މިލެންގުއޭޖަކީ އޯޕަންސޯސް، ސަރވަރ ސައިޑް ޕްރޮގްރާމިންގ ލެންގުއޭޖެކެވެ. ސޮފްޓްވެއަރ އުފެއްދުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި އިންޓަރނެޓްގައި ހިމެނޭ ވެބްސައިޓްތަކުގެ %70 އުފައްދާފައިވަނީ ޕީއެޗްޕީ ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި ވަރަށް ގިނަ އީކޮމަރސް ވިޔަފާރި ކުރާ ފިހާރަތަކާއި، ސަރުކާރުތަކުގެ ޕޯޓަލްތަކާއި، ވަރަށް ގިނަ ވެބްސައިޓް އުފެއްދުމަށް ބޭނުންކުރާ ވޯޑްޕްރެސް، ޖޫމްލާ އަދި ޑްރޫޕަލްފަދަ ޕްލެޓްފޯމްތައް އުފައްދާފައިވަނީ ވެސް ޕީއެޗްޕީ ބޭނުންކޮށްގެންނެވެ. ވިކިޕީޑިއާ އުފެއްދުމަށް ބޭނުންކުރާ މީޑިއާވިކީ ޕްލެޓްފޯމަކީވެސް ޕީއެޗްޕީ ބޭނުންކުރާ އެއްޗެކެވެ.

މިފަދަ އެތައް ވެބްސައިޓްތަކެއްގެ އޮނިގަނޑު ބިނާވަނީ ޕީއެޗްޕީއަށެވެ. އެހެންކަމުން ޕީއެޗްޕީ ލެންގުއޭޖްގައި ހިމެނޭ ބޮޑު އުނިކަމެއްގެ ސަބަބުން އެތައް މިލިއަން ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކެއް ނުރައްކަލަށް ހުށަހެޅެއެވެ. މިއީ އެޕްލެޓްފޯމްތައް ހުޅުވޭފަދަ ތަޅުދަނޑިއެއް އާންމުކޮށް ލިބުން ފަދަ ކަމެކެވެ. އެއްތަޅުދަނޑިއަކުން އެތައް ބައިވަރު ދޮރުތަކެއް ހުޅުވިދާނެ ފަދަ ނުރައްކާތެރި ކަމެކެވެ.

މި ވަލްނަރެބިލިޓީގެ ސަބަބުން ހެކަރުންނަށް ސަރވަރތަކުގައި ނުރައްކާތެރި ކޯޑްތައް ރަން ކުރެވިދާނެއެވެ. ސަރވަރތަކުގައި ރައްކާކުރެވިފައިވާ ޑޭޓާތަކަށް އެކްސެސް ކުރެވިދާނެއެވެ. މީގެ ސަބަބުން އެސިސްޓަމްތައް ނުރައްކަލަށް ހުށަހެޅެއެވެ.

މިކަން އަދި އިތުރަށް ނުރައްކާވާ އަނެއް ސަބަބަކީ، މިވަލްނަރަބިލިޓީ ހާމަކޮށް އިއުލާނު ކުރި ފަހުން ސިސްޓަމްތަކަށް އެކްސެސް ކުރަން ނުޖެހޭ ފަރާތްތަކުން އެކްސެސް ކުރުމުގެ މަސައްކަތްތައް ވަރަށް ހަލުވި ސްޕީޑެއްގައި ކުރާކަމުގެ މައުލޫމާތު ލިބިފައިވާތީއެވެ. ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން ވެސް މިފަދަ އަމަލުތައް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ޕީއެޗްޕީގެ މިމައްސަލަ ހިމެނެނީ ޕީއެޗްޕީގެ ކޯ (ނުވަތަ އެންމެ އެތެރޭ) ލެވެލްގައެވެ. މިއީ ވަކި ވެބްސައިޓެއް ނުވަތަ ޕްލަގް-އިންއެއް ނުވަތަ އެޕްލިކޭޝަނެއްގައި ފެނުނު މައްސަލައެއް ނޫނެވެ. އެހެން ކަމުން ވޯޑްޕްރެސް ޕްލަގް-އިންއެއް އަޕްޑޭޓް ކުރުމަކުން ނުވަތަ އެޕްލިކޭޝަނެއްގެ އަމިއްލަ ކޯޑް ރަނގަޅު ކުރުމަކުން އޭގެ އަޑީގައިވާ ޕީއެޗްޕީ ސޮފްޓްވެއަރގައި ހުރި މައްސަލައެއް ހައްލެއް ނުވެއެވެ. މިސަބަބަށްޓަކައި މިކަން އިތުރަށް ނުރައްކާވެއެވެ. ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި އެމީހުންގެ އަމިއްލަ ސިސްޓަމްތައް މުޅިން ރައްކާތެރިނަމަވެސް އަޑީގައިވާ ޕީއެޗްޕީ ކޯޑުގައި ހިމެނޭ މިމައްސަލައިގެ ސަބަބުން ސިސްޓަމްތަކަށް އަސަރުކޮށްފާނެއެވެ.


ކަންތައް ހިނގައި ދިޔަ ގޮތް

އާންމުކޮށް މިމައްސަލަ އިއުލާނުކުރުމުގެ 3 މަސް ކުރިން ހަގީގަތުގައި މިވާހަކަ ދައްކަން ވަނީ ފަށާފައެވެ.

އޮގަސްޓް 2026: އެތައް އަހަރެއް ވަންދެން ފޮރުވިފައިވާ މައްސަލައެއް ފެނުން

ސެކިއުރިޓީ ދާއިރާއިން ދިރާސާކުރާ މީހުން އޭއައި ބޭނުންކޮށްގެން ކުރި ދިރާސާއެއްގައި ސިސްޓަމްގެ ކޯޑުތައް ޗެކްކުރަނިކޮށް އޯގަސްޓް މަސްތެރޭގައި، ޕީއެޗްޕީ2ޝެލް (PHP2Shell) ގެ ނަމުން ނަންދެވިފައިވާ ބޮޑު 2 މައްސަލައެއް ވަނީ ފެނިފައެވެ. މި 2 މައްސަލައަކީ ވެސް ސެކިޔުރިޓީ މިންގަނޑުތަކުން ނުރައްކާތެރިކަމުގެ ސްކޭލްގައި 10 އިން 9.2 ދީފައިވާ މައްސަލަތަކެކެވެ. އެހެންކަމުން ދެކަން ވެސް ގިންތިކުރެވިފައިވަނީ "ކްރިޓިކަލް" ހާލަތުގައެވެ.

މިކަމުގައި ހައިރާންވާ ކަމަކީ އެއްވެސް މީހަކަށް ނޭނގި، މިމައްސަލަތައް ޕީއެޗްޕީ ކޯޑު ސިސްޓަމްގެ ތެރޭގައި ފޮރުވިފައި ހުންނަތާ 10 އަހަރު ވެފައިވާކަމެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޯޕަންއޭއައިއާ ގުޅިގެން މަސައްކަތްކުރާ ސައިބަރ ސެކިއުރިޓީ ކުންފުނި، ކެލިފް އިން ވަނީ މިވަލްނަރެބިލިޓީގެ ވާހަކަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ރިޕޯޓްކޮށްފައެވެ. އަދި ގޫގުލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓްގެ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ ވިޒް އިން އޮގަސްޓް 24 ވަނަ ދުވަހު ދެވަނަ ވަލްނަރެބިލިޓީ ވެސް ރިޕޯޓްކޮށްފައިވެއެވެ.

އޮގަސްޓް - އޮކްޓޯބަރ 2026: ސިއްރުން މައްސަލަ ރަނގަޅު ކުރަން ފުރުސަތު ދިނުން

މައްސަލަ ފާހަގަކުރެވުނު ސެކިއުރިޓީ ޓީމުތަކުން، މިކަން އާންމު ނުކޮށް ޕީއެޗްޕީ އުފައްދާ ޓީމަށް މައްސަލަ ރަނގަޅުކުރާނެ ޕެޗް ތައްޔާރުކުރުމުގެ ފުރުސަތު ދިނެވެ. މިއީ މިފަދަ މައްސަލަތައް ފާހަގަވުމުން، ހެކަރުންނަށް މައްސަލަ އެނގުމުގެ ކުރިން ރައްކާތެރިކަން ހޯދުމަށް އާންމުކޮށް ކަންތައް ކުރާ ގޮތެވެ.

17 އޮކްޓޯބަރ 2026: ހެކުކުރަން އުޅޭކަމުގެ އިންޒާރު ދިނުން

މައްސަލަ އާންމު ކުރަން ރޭވުނު ދުވަހުގެ 4 ދުވަސްކުރިން، ހެކަރުން މިމައްސަލަ ދެނެގަނެފިކަމާއި، އެކަމުގެ ފައިދާ ނަގަން އުޅޭކަން ފާހަގަ ކުރެވިއްޖެކަމަށް، އެމޭޒަންގެ ސެކިއުރިޓީ ހެޑް، ރިޕޯޓްކުރިކަމަށް ވެއެވެ.

20 އޮކްޓޯބަރު 2026: އާންމުކޮށް މައުލޫމާތު ލީކުވުން

ރަސްމީ އަޕްޑޭޓްތައް މުޅިން ތައްޔާރު ނުވަނީސް، މި މައްސަލައިގެ މައުލޫމާތު އިންޓަރނެޓްގައި ލީކުވިއެވެ. މިކަމުގެ ސަބަބުން މައްސަލަ ހައްލުކުރަމުން ދިޔަ އިންޖިނިއަރުންނަށް އަވަސް އަރުވާލައިގެން މަސައްކަތްކުރުމަށް މަޖުބޫރުވިއެވެ.

21 އޮކްޓޯބަރު 2026: ދުނިޔޭގެ ލެވެލްގައި ކުއްލިހާލަތުގެ ފިޔަވަޅުތައް އެޅުން

މިހަފްތާގެ ބުރާސްފަތި ދުވަހު ޕީއެޗްޕީގެ ޑިވެލޮޕަރުން، ދިމާވި މައްސަލައިގެ ތަފްސީލުތަކާއި، ޕެޗްތައް އާންމުކޮށް، ސެކިއުރިޓީ އިންޒާރު ނެރުނެވެ. މައްސަލައިގެ މައުލޫމާތު ލީކުވުމުގެ ހަބަރާއެކު، ޕެޗް އާންމުކުރީ ކުރިން އެކަން ކުރަން ރޭވުނު ދުވަހަށް ވުރެ 1 ދުވަސް ކުރިންނެވެ.

ޕީއެޗްޕީ ބޭނުންކުރާ ފަރާތްތަކުގެ ސަމާލުކަމަށް، އެމެރިކާގެ އެންއެސްއޭއިން ވެސް އަވަސް އިންޒާރެއް ނެރުނެވެ.


އެކި ފަރާތްތަކުން އަމަލުކުރި ގޮތް

މިކަމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުންފުނިތަކާއި ސަރުކާރުތަކުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަރަށް ގިނަ ވެބްސައިޓްތައް އޯފްލައިން ކުރިއެވެ. ރިއުޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތުން، ޖަރމަނީ، ފްރާންސް، ބެލްޖިއަމް، ނެދަރލޭންޑްސް، ފިންލެންޑް، ޗެކް ރިޕަބްލިކް އަދި ޖަޕާނުގައި އޮންލައިން ހިދުމަތްތަކާއި ވެބްސައިޓްތައް ވަގުތީގޮތުން ޑައުންކުރިއެވެ.

މިގޮތުން ނެދަރލަންޑްސްގެ ގައުމީ ސައިބަރ ސެކިއުރިޓީ އެޖެންސީ ސިސްޓަމްތައް ރައްކާތެރިކަމަށްޓަކައި ވަގުތީގޮތުން އޯފްލައިން ކޮށްލިއެވެ. މީގެތެރޭގައި އެގައުމުގެ މައި ޕޯޓްތަކުގެ އެޕްލިކޭޝަންތަކާއި، ހޮސްޕިޓަލާއި، ބައެއް ޕޮލިޓިކަލް ޕާޓީގެ ސައިޓްތައް ހިމެނެއެވެ.

ފިންލަންޑް، ފްރާންސް އަދި ބެލްޖިއަމްގެ ސަރުކާރުގެ ވިއުގަތަކާއި އޮފީސްތަކުގެ ސައިޓްތައް ވަގުތީގޮތުން މެއިންޓެނަންސް މޯޑަށް ބަދަލުކުރިއެވެ.

ސައުތު ކޮރެއާ އިން ގައުމީ ސައިބަރ ސެކިއުރިޓީ އެލާޓް ލެވެލް މަތިކޮށް، 28,000 އަށްވުރެ ގިނަ ކުންފުނިތަކާއި ޑޭޓާ ސެންޓަރުތަކަށް ސިސްޓަމްތައް ރައްކާތެރިކުރުމަށް އަންގާފައެވެ.

ވިކިޕީޑިއާ (Wikipedia) އަދި އިންޓަރނެޓް އާކައިވް (Internet Archive) ފަދަ މަޝްހޫރު ބައެއް ސައިޓްތައް ވެސް ވަނީ އަޕްޑޭޓްތައް އިންސްޓޯލް ކުރެވެންދެން ސިސްޓަމްގެ ބައެއް ބައިތައް ވަގުތީގޮތުން ބަންދުކޮށްފައެވެ.

ރާއްޖޭގައިވެސް ނޭޝަނަލް ސައިބަރ ސެކިޔުރިޓީ އެޖެންސީ (އެންސީއެސްއޭ) އާއި މޯލްޑިވްސް ޑިޖިޓަލް ސަރވިސް (އެމްޑީއެސް) ގުޅިގެން ވަނީ ސެކިޔުރިޓީ ލަފާދޭ ބަޔާނެއް ވަނީ 22 އޮކްޓޯބަރ ވަނަ ދުވަހު އާންމުކޮށްފައެވެ. މީގައި ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތައް ހިމާޔަތް ކުރުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅަމުންދާކަމަށާއި، އަޕްޑޭޓްކުރެވުމުގެ މަސައްކަތުގައި ސަރުކާރުގެ ޑިޖިޓަލް ހިދުމަތްތަކަށް ވަގުތީ ގޮތުން ބުރޫއަރާފާނެކަމުގެ މައުލޫމާތު ދީފައިވެއެވެ.

މިގޮތަށް ހިދުމަތްތަކާއި ވެބްސައިޓްތައް ޝަޓްޑައުން ކުރިނަމަވެސް އޭގެ މާނައަކީ އެ ހުރިހާ ސިސްޓަމްތަކަށް އަސަރުކުރި އެކޭ ނޫނެވެ. ނުވަތަ ހެކްކުރީ އެކޭ ވެސް ނޫނެވެ. ގިނަ އިދާރާތަކުން ހިދުމަތްތައް އޯފްލައިން ކުރީ މައްސަލައިގެ ސަބަބުން އަސަރެއްކޮށްފާނެ ކަމަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އަދި ސިސްޓަމަށް ހުރި ނުރައްކާތައް ވަޒަންކޮށް އަޕްޑޭޓްތަކާއި ޕެޗުތައް އިންސްޓޯލް ކުރުމަށެވެ.

އެހެން ނަމަވެސް ހަލުވިކަމާއެކު ބައެއް ސިސްޓަމްތަކަށް އެޓޭކްކުރަން މަސައްކަތް ކުރެވޭކަމުގެ ރިޕޯޓްތައް ފެނިގެން ދިޔައެވެ. ކްލައުޑްފްލެއަރގެ ސީއީއޯ މެތިއު ޕްރިންސް ބުނިގޮތުގައި ޕީއެޗްޕީ ފައުންޑޭޝަނުން މިކަން އިއުލާނުކުރުމުގެ 10 ވަރަކަށް ގަޑިއިރު ކުރިން ފެށިގެން ސިސްޓަމްތައް ހެކްކުރުމުގެ އެތައް ހާސް މަސައްކަތްތަކެއް އެކުންފުންޏަށް ފެނިފައިވާ ކަމަށެވެ. އަދި އިއުލާނަށް ފަހު 45 މިނިޓެއް ހާއިރު ތެރޭގައި ދިހަހާހަށް ވުރެ ގިނަ ހަމަލާދޭން މަސައްކަތްކުރިކަން ރެކޯޑް ކުރެވުނުކަމަށް ވެއެވެ. އޭގެ ފަހުން 2 ގަޑިއިރުގެ ތެރޭގައި އެ ނަންބަރު ލައްކައަކަށް އަރައިގެން ދިޔައެވެ. އަދި ޕްރިންސް އޭނާގެ ޕޯސްޓް ކުރުމާއި ހަމައަށް އެއަދަދު މިލިއަނަކަށް އެރިކަމަށް ވެއެވެ. މިކަމާއި ގުޅިގެން ފުޅާދާއިރާއެއްގައި ހެކްކުރުމުމަށް ހަރަކާތްތަކެއް ހިންގާފައިވާ ކަމަށް އެމޭޒަންގެ ސެކިއުރިޓީ މޮނިޓަރިންގ ޑިޕާޓްމަންޓްތަކުން ވެސް ރިޕޯޓްކުރިއެވެ.

މި އަދަދުތަކުން ދައްކައި ދިނީ ހެކްކުރަން މަސައްކަތްކުރި ކަމުގެ އަދަދުތަކެވެ. ކާމިޔާބު ކަމާއެކު ހެކުކުރެވުނު މައްސަލައިގެ އަދަދެއް ނޫނެވެ. އެހެން ނަމަވެސް މީގެން ފެނުނީ މުހިއްމު ވަލްނަރެބިލިޓީއެއްގެ ތަފްސީލުތައް ލިބުމާއިއެކު ހަމަލާދޭ މީހުން ރިއެކްޓްކުރި ހަލުވި މިނެވެ.

މިކަމުގައި މިހާރުގެ އަދާހަމައަކީ، މުޅި ދުނިޔޭގައި ވަރަށް ގިނަ ކުންފުނިތަކެއްގެ އައިޓީ ޓީމުތަކުން ޕީއެޗްޕީ ސިސްޓަމްތައް ރައްކާކުރާ ސަރވަރތަކަށް އަޕްޑޭޓް އަޅާ، ރައްކާތެރި ކުރުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރާކަމުގެ ހަބަރުތަކެވެ.

މިހާދިސާއިން އެނގުނީ އެޕްލިކޭޝަންތަކުގައި އެކުލެވޭ ސެކިއުރިޓީ މައްސަލަތައް ދެނެގަތުމަށް އޭއައިގެ ރަނގަޅު ބޭނުންކުރެވެމުން ދިޔަކަމެވެ. މީގެ ކުރިން 10 އަހަރު ވަންދެން އެހެން އެއްވެސް ފަރާތަކަށް ނުފެނި ހުރި މައްސަލައެއް އޭއައިގެ އެހީގައި މިވަނީ ހޯދާފައެވެ.

އެހެން ނަމަވެސް، އަނެއްކޮޅުން ހެކަރުން ނުރައްކާތެރި ހަމަލާދޭން ވެސް އޭއައިގެ ބޭނުން އެބަ ކުރެއެވެ. މިކަމަށް ވެސް މުހިއްމު ގޮތެއްގައި ސަމާލުކަން ދޭންޖެހެއެވެ.

ހިންދު ޢަލީ

ހިންދު ޢަލީ

ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.