Download Logo
Copy Logo

އޭއައި ކެޓަގަރީއިން "ދިވެހިޖީޕީޓީ" އަށް 1 ވަނަ

އަޙްމަދު ދާއޫދު • 25 އޮކްޓޯބަރު 2026

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ "މޯލްޑިވްސް އެކްސްޕޯ 2026" ގައި ޖަވާބު ކުންފުނީގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕްލެޓްފޯމް "ދިވެހިޖީޕީޓީ" އަށް އޭއައި ކެޓަގަރީން 1 ވަނަ ލިބުނުއިރު، އެ ކުންފުނީގެ "ދިވެހިވާހަކަ.ކޮމް" އަށް އައިސީޓީގެ އެހެނިހެން ސަބް-ކެޓަގަރީން 2 ވަނަ ލިބިއްޖެއެވެ.

މި އެވޯޑުތައް ހަވާލުކޮށްފައިވަނީ 24 އޮކްޓޫބަރު 2026 ގައި މާލޭގެ ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި މަޢުރަޒުގެ އެންމެ މަތީ ވަނަތައް ހާސިލުކުރި ފަރާތްތަކަށް އެވޯޑު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

އެކްސްޕޯގައި ޖަވާބުގެ ސްޓޯލް:

އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން "ފިއުޗަރ މޯލްޑިވްސް – އިންނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް" ތީމްގެ ދަށުން ކުރިއަށްގެންދާ މި އެކްސްޕޯ ކުރިއަށްދަނީ މި މަހުގެ 25 އިން ނޮވެމްބަރު 2 ގެ ނިޔަލަށެވެ. މި އެކްސްޕޯގެ ޑިޖިޓަލް އެންޑް އިންނޮވޭޝަން ޑިސްޓްރިކްޓްގައި ޖަވާބު ކުންފުނީގެ ސްޓޯލް ޤާއިމުކޮށްފައިވާއިރު، އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ ކުންފުނީގެ އެވޯޑު ހޯދި އުފެއްދުންތަކުގެ މައުލޫމާތު ހޯދައި، އެ ޚިދުމަތްތައް އަމަލީގޮތުން ތަޖުރިބާކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

1 ވަނަ ހޯދި "ދިވެހިޖީޕީޓީ"

އޭއައި ކެޓަގަރީން 1 ވަނަ ހޯދި "ދިވެހިޖީޕީޓީ" އަކީ ދިވެހި ބަހަށް ޚާއްޞަކޮށްގެން ތަޢާރަފުކުރި ފުރަތަމަ އޭއައި ޕްލެޓްފޯމެވެ. 120,000 އަށްވުރެ ގިނަ ރެޖިސްޓާޑް ޔޫޒަރުން ބޭނުންކުރަމުންދާ މި ނިޒާމުގައި ދިވެހި ބަހުން ސުވާލުކުރުމުން ޖަވާބުދިނުމާއި، ސިޓީއާއި މަޒުމޫނު އަދި އެއްބަސްވުންތައް ފަދަ ތަކެތި ލިޔެދިނުމުގެ އިތުރުން ސްޕީޗް ޓު ޓެކްސްޓް، "ހާމާން" އަޑުން ކިޔައިދޭ ޓެކްސްޓް ޓު ސްޕީޗް އަދި ދިވެހި އޯސީއާރު ފީޗާ ހިމެނެއެވެ. އަދި އޮފީސްތަކަށް ޚާއްޞަ ޓީމް ޕްލޭންތަކާއެކު ސަރުކާރުގެ ވުޒާރާތަކާއި ބޭންކުތަކަށް އޭއައި ތަމްރީނު ޕްރޮގްރާމްތައްވެސް ދަނީ ހިންގަމުންނެވެ.

2 ވަނަ ހޯދި "ދިވެހިވާހަކަ.ކޮމް"

އައިސީޓީ ސަބް-ކެޓަގަރީން 2 ވަނަ ހޯދި "ދިވެހިވާހަކަ.ކޮމް" އަކީ ދިވެހި ލިޔުންތެރިންނާއި ވާހަކަ ކިޔާ މީހުންނަށް ޚާއްޞަކޮށްގެން ސެޕްޓެމްބަރު 2026 ގައި ލޯންޗުކުރި ޕްލެޓްފޯމެކެވެ. މިއީ ދިވެހި ވާހަކަތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމުގެ އިތުރުން، ލިޔުންތެރިންނަށް އާމްދަނީ ހޯދޭނެ މަގުފަހިކޮށްދީ، އޯޑިއޯ ބުކްސްގެ ޚިދުމަތްވެސް ފޯރުކޮށްދޭ ޕްލެޓްފޯމެކެވެ.

ޖަވާބު ކުންފުނިން ދެކޭގޮތް

2016 ވަނަ އަހަރު މުޙައްމަދު ޖައިލަމް (ސީއީއޯ) އަދި އަރުޝަދު އަޙްމަދު (ސީޓީއޯ) އުފެއްދެވި ޖަވާބު ކުންފުނިން ފާހަގަކުރި ގޮތުގައި، މި ދެ އެވޯޑަކީ ދިވެހިބަހަށް ޚިދުމަތްކުރުމަށާއި، ދިވެހި އުފެއްދުންތެރިން ބާރުވެރިކުރުމުގެ އިތުރުން ދިވެހިންނަށް ޓެކްނޮލޮޖީގެ އާ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މިއީ އޭއައި އާއި ޑިޖިޓަލް ވާހަކަލިޔުމުގެ ދާއިރާއިން ދިވެހި އުފެއްދުންތެރިކަން ކުރިއެރުވުމަށް ލިބުނު އިތުރު ހިތްވަރެއްގެ ގޮތުގައިވެސް އެ ކުންފުނިން ސިފަކުރެއެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.