އޮޕޯ އަދި ޝިއައުމީ ޗައިނާ ބާޒާރުގައި ކުރި ހޯދައިފި

މުހައްމަދު ރައްޔާން 14 މާރިޗު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޗައިނާގެ ސްމާރޓްފޯނު ކުންފުނިތައް ކަމުގައިވާ، އޮޕޯ އަދި ވީވޯ، އެގައުމުގެ އެތެރޭގެ މާރކެޓްގައި ކުރިއެރުން ހޯދާފައިވާ އިރު ޝިއައުމީ ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު ފައިދާއެއް ހޯދައިފިއެވެ. ޝިއައުމީ އިން ހޯދި ފައިދާގެ އެންމެ ބޮޑު ސަބަބަކީ ވާވޭ ޓެކްނޮލޮޖިކަލް ކުންފުންޏަށް، އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ގެއްލުމެވެ.

މިދިޔަ ހުކުރު ދުވަހު ކައުންޓަރޕޮއިންޓް ރިސާރޗް އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޖެނުއަރީ މަހުގައި އޮޕޯއިން ވަނީ ފުރަތަމަ ފަހަރަށް ޗައިނާގެ ބާޒާރުގައި 21 އިންސައްތަ ކުރިއަށްޖެހި، 1ވަނަ ސްމާރޓްފޯނު ބްރޭންޑްގެ މަގާމު ހޯދާފައެވެ. އަދި ރެނޯ 5 ސީރީސް ގެ ފޯނު އަގުހެޔޮކޮށް ބާޒާރަށްނެރުމުގެ ސަބަބުން އެކުންފުނީގެ ވިޔަފާރި ވަނީ އެއް މަސް ދުވަސްތެރޭގައި 33 އިންސައްތަ ކުރިއަރާފައިއެވެ. ބާޒާރުގައި 20 އިންސައްތައިގެ ކުރިއެރުމެއް ހޯދައި ވީވޯ އިންވަނީ އޮޕޯގެ ފަހަތުން 2 ވަނައިގައި ފައިވިއްދާފައެވެ. ވީވޯ، އޮޕޯ އަދި ވަންޕްލަސް އަކީ ބީބީކޭ އިލެކްޓްރޯނިކްސް އަށް ނިސްބަތްވާ ސްމާރޓްފޯނު ބްރޭންޑްތަކެވެ.

ޗައިނާ ބާޒާރު ގިނަދުވަސްތަކެއް ވަންދެން ކޮންޓްރޯލް ކުރުމަށްފަހު، ވާވޭ ކުންފުނި ވަނީ އެޕަލް އަދި ޝިއައުމީ ކުންފުންޏާއެކު ބާޒާރުގެ 3 ވަނައަށް ވެއްޓިފައެވެ. ވާވޭގެ ވިޔަފާރި ދައްވުމުގެ ފައިދާ ނަގައި އޮޕޯ، ޝިއައުމީ އަދި ވީވޯ އިން އެ ކުންފުނިތަކުގެ ވިޔަފާރި ފުޅާކޮށްފައިވާކަމަށް ރިޕޯޓްތަކުން ދައްކައެވެ. މީގެ އިތުރުން ރިޕޯޓް ތަކުން ދައްކާ ގޮތުގައި ވާވޭ ގެ އޮންލައިން ޝެއަރ ދަށްވުމުގެ ފައިދާ އެންމެ ބޮޑަށް ކޮށްފައިވަނީ ޝިއައުމީ އަށެވެ.

2019 ވަނަ އަހަރު އެމެރިކާއިން ވާވޭ އާއި ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކުވެސް އެކުންފުނިން ވަނީ ވާދަވެރިންނާއި ފައިތިލަ ސާބިތުކޮށްފައިއެވެ. އެކުންފުނީގެ އުފެއްދުންތަކަށް ގައުމީ ފެންވަރުގައި ވަނީ ތައުރީފު ލިބިފައިއެވެ. އަދި ގައުމިއްޔަތުގެ ސަބަބުން އެކުންފުންޏަށް ވަނީ ބޮޑެތޮ ފައިދާ ތަކެއް ވެފައިއެވެ. ގޫގަލް ގެ ހިދުމަތްތަށް ނުލިބުމާއި ގުޅިގެން ބައިނަލްއަގްވާމީ ބާޒާރުގައި އެކުންފުންޏަށް ގެއްލުން ވިޔަސް ޗައިނާގައި މިއީ މާބޮޑު މައްސަލައަކަށް ވެފައިނުވެއެވެ.

ވާވޭ ކުންފުންޏަށް ދިމާވެފައިވާ ގެއްލުންތަކަށް ފަހު އެކުންފުނީގެ ވާދަވެރިން ވަނީ ޗައިނާ އާއި އެގައުމުން ބޭރުގައިވެސް ކުރި ހޯދާފައިއެވެ. އެގޮތުން އޮޕޯ އިން ވަނީ އެކުންފުނީގެ މޯބައިލް ޗިޕް އުފެއްދުން 50 އިންސައްތަ އިތުރުކޮށްފައެވެ. ވާވޭ އަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކު އޮޕޯ އަދި ވީވީ އިންވަނީ ޖެނުއަރީ މަހު ވާވޭ ފަހަތަށް ޖައްސައި ބައިނަލްއަގްވާމީ ބާޒާރުގެ 4 ވަނަ އަދި 5 ވަނަ ހޯދާފައިއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.