ދިވެހި ނޫސްވެރިކަމާއި އިންޓަރނެޓާ ދެމެދު އޮތް ގުޅުމުގެ މައްޗަށް ބައްލަވައިފައި ވާ ށައުގުވެރި ލިޔުމެއް އެޕުރީލު މަހު ކުރީކޮޅު މުހައްމަދު ހަމްދޫން އަދަދު.ކޮމް ގައި ލިޔުއްވައިފައި ވެއެވެ.
ދިވެހިރާއްޖެއަށް އިންޓަރނެޓް ތައާރަފުކުރީ ކީއްވެ، ކޮން އިރަކު، ކާކު ހެއްޔެވެ؟
އެއީ 1996 ގެ ކުރީކޮޅު ހައި ހިސާބެވެ. އަޅުގަނޑު އޭރުގެ ވިޔަފާރިއާއި ސިނާއަތުގެ ވުޒާރާ ގައި މަސައްކަތްކުރަމުން ދިޔަ ދުވަސްވަރެވެ. އަޅުގަނޑުގެ މަސައްކަތު ވާޖިބުތަކުގެ ގެރޭގައި ވުޒާރާ އިން ކުރާން ޖެހޭ ހާރިޖީ އެންމެހައި ކަމެއްގެ އިސް ޒިންމާތައް ހިމެނުނެވެ.
އެއް ދުވަހަކު އިއްތިހާދީ ދައުލަތްތަކުގެ (އަލިފުދާލުގެ) އިކޮނޮމިކް އެންޑް ސޯށަލް ކޮމިށަން ފޯރ އޭށިއާ އެންޑް ޕެސިފިކް (އެސްކެޕް) ގެ ފެކުހެއް ލިބުނެވެ. އޭގައި އޮތީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ހުންނަ އެ ޖަމުއިއްޔާގެ ވިޔަފާރި މުސްތަށާރެއް ދިވެހިރާއްޖެ އަށް ޒިޔާރަތްކުރެއްވުމަށް ހުށަހަޅައިފައެވެ. ބޭނުމަކީ އެސްކެޕް މެދުވެރިވެގެން ދިވެހިރާއްޖޭގެ ވިޔަފާރި ކުރިއެރުވޭނޭ މަށުރޫއެއް ހުށަހެޅުމެވެ.
އޭނާ ވަޑައިގަތުމުން އޭނާ ގެންނެވި ހުށަހެޅުން އަޅުގަނޑަށް ހުށަހަޅުއްވައި ދެއްވައި އޭގެ މެދުވެރިކަމުން ދިވެހިރާއްޖޭގެ ވިޔަފާރި އަށް ގެނެވިދާނޭ ކުރިއެރުން ދައްކަވައިދެއްވި އެވެ. އެ ހުށަހެޅުން އަޅުގަނޑަށް ވަރަށް ކަމުދިޔަ އެވެ. އެ އިން ދިވެހިރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށް އިންގިލާބީ މަސައްކަތްތަކެއް ކުރެވި ދިޔުމުގެ ވާގި އޮތް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވުނެވެ.
އެހެންކަމަކު، އެ މަށުރޫ އަށް ދިވެހިރާއްޖެ އިން ބައިއަތު ހިފާނެތޯ ނުވަތަ ނޫންތޯ އެއީ އަޅުގަނޑަށް އެކަށައެޅޭނޭ ނިންމުމަކަށް ނުވާތީ، އޭނާ ލައްވައި އެ ހުށަހެޅުން ވަޒީރަށް ހުށަހެޅުއްވުމަށް ފުރުސަތެއް ހޯދީމެވެ. އެސްކެޕްގެ މުސްތަށާރު އެ ހުށަހެޅުން ނިންމެވުމުން، އެ މަށުރޫއުގެ ބޭނުންތެރިކަމާއި ވާތްގާ މެދު ވަޒީރު ވެސް އިޖާބީ ވިސްނުންފުޅެއް ނަންގަވައި، ކުރިއަށް ދާންވީ ގޮތަކާ މެދު މުސްތަށާރުގެ ލަފާ ހޯއްދެވި އެވެ.
މުސްތަށާރު ލަފާދެއްވީ އެ ކަން ފަށައިގަންނާން ވެސް، އެ ކަމަށް ބޭނުންވާ، އެ އިރު ރާއްޖޭގައި ނެތް ހާއްސަ "ގުޅުމެއް" ގާއިމުކުރުމަށެވެ. އެ ގުޅުމަށް އިށާރާތްކުރައްވައި މުސްތަށާރު ވިދާޅުވީ އެއީ "އިންޓަރނެޓް ކަނެކްށަން" ކަމަށެވެ. އެ ދުވަސްވަރު ރާއްޖޭގައި ހުރި ވަސީލަތްތަކަށް ބައްލަވައި މުސްތަށާރު ވިދާޅުވީ އެ ކަން އެންމެ ފަސޭހައިން ކުރެވޭނީ "ދިރާގު" އަށް ކަމަށެވެ.
ވަޒީރު އަޅުގަނޑަށް އިރުށާދު ދެއްވީ އެކަމާ އުޅުމަށެވެ. އަދި އެއީ އިސްކަމެއް ކަމަށް ބަލައި އެ ކަން ކޮންމެހެން ވެސް ކުރާން ވާނެ ކަމަށް ވިދާޅުވި އެވެ.
މުސްތަށާރު ގޮވައިގެން އަޅުގަނޑު ދިރާގަށް ދިޔައިމެވެ. އެ ކުންފުނީގެ ސީއީއޯ އަކަށް އެ އިރު ހުންނެވީ އިނގިރޭސީވިލާތު ބޭކަލެކެވެ. މަށުރޫއުގެ މައުލޫމާތާއި މަށުރޫއު ފެށުމަށް ބޭނުންވާ "އިންޓަރނެޓް ކަނެކްށަން" ގެ ބޭނުންތެރިކަމާއި ދިރާގަށް ވެސް ހުދު އެ ޓެކުނޮލޮޖީގެ ބޭނުންތެރިކަމާއި ކުރާނޭ މަންފާގެ ވާހަކަ އޭނާ ދިރާގު މެނޭޖްމެންޓަށް ވިދާޅުވެ ދެއްވިއެވެ.
އޭނާގެ ހުށަހެޅުން ނިންމެވުމުން، ދިރާގުން ނެގީ، އެ ޓެކުނޮލޮޖީ ރާއްޖެ އަށް ތައާރަފުކޮށްފި ނަމަ، ދިރާގުގެ އާމުދަނީ އަށް ލިބޭނޭ ގެއްލުމުގެ ވާހަކަ އެވެ. ރާއްޖޭގައި ތިބޭ ފަރާތްތަކާއި ރާއްޖެއިން ބޭރުގައި ތިބޭ ފަރާތްތަކާ ދެމެދު ފޯނުން ވާހަކަ ދެއްކުމުގެ ބަދަލުގައި މުސްތަށާރު ވިދާޅުވި "އީމޭލް" އެވެ ކިޔުނު ވަސީލަތަކުން މުވާސަލާތުކުރެވޭން ފަށައިފި ނަމަ ދިރާގުގެ އާމުދަނީ ވަރަށް ދަށަށް ދާނެ ވާހަކަ އެވެ.
އެ ބައްދަލުވުން ނިމުނު އިރު ދިރާގު އޮތީ މުޅީން ހެން ފަހަތު ފަޔަށް ބުރަވެ، އެއީ ކުރާން ހެޔޮވާ ވަރު ކަމެއް ނޫންކަމުގެ ވިސްނުމުގައެވެ.
މި ވާހަކަތައް ވަޒީރަށް ކިޔައިދޭން ޖެހޭނެތާ އެވެ. ވަޒީރު ވިދާޅުވީ ތިޔައީ މިހާރު އޮތް ހާލަތުން ވެދާނެ ގޮތުގެ ވާހަކަތާ އެވެ. މި އިން ދިރާގަށް ކުރިމަގުގައި ނުހަނު ފައިދާވުމުގެ ވާތްގާއި ފުރުސަތު ވެސް އެބަ އޮތް ނޫންހެއްޔެވެ. ދޫނުކުރަމާ ހިނގާށެވެ. ދިރާގު ލައްވައި މި ކަންކުރުވާން ވާނެ އެވެ.
ވަޒީރު ދޫ ނުދެއްވުމުން، ދިރާގުން މި ކަން ތަންކޮޅެއް ތަފުސީލުކޮށް ބަލާން، ފަރަންޖީ މުސްތަށާރު ކުންފުންޏަކާ ހަވާލުކުރައްވައިގެން ދިރާސާއެއް ކުރި އެވެ. ހަނދާންވާ ގޮތުން އެއީ އިއްތިހާދީ ވިލާޔަތްތަކުގެ (ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ) ކުންފުންޏެކެވެ.
ދިރާގުން މި ޓެކްނޮލޮޖީ އަށް އިންވެސްޓްކޮށް ދިވެހިރާއްޖެ އަށް އިންޓަރނެޓް ތައާރަފުކުރީ މި ދިރާސާ އަށް ފަހު 1996 ގެ ފަހު ކުއާޓަރު ތެރޭގައެވެ.
އިންޓަރނެޓަކީ މިއަދު ދިރާގަށް ކިހައި މުހިންމު އާންމުދަނީ ވަސީލަތެއް ކަން ނުއެނގޭ މީހަކު މަދެވެ.
މިހާރު އިންޓަރނެޓް ނުލިބި ގިނަ ކަންތައްތަކެއް ކުރުން ފަސޭހައެއް ނޫނެވެ. އިންޓަރނެޓް ލިބުމުގައި މެދުކެނޑުމެއް އަންނަ އިރަށް އެއީ ވަރަށް ބޮޑު މައްސަލައަކަށް ވެއެވެ. އިންޓަރނެޓްގެ ބޭނުންތެރިކަމާއި ފަސޭހަކަން ގަދަރުނުކުރެވޭ ދާއިރާއެއް ނުއޮންނާނޭ ދެންނެވުމަކީ ތެދުން އިގުތިސޯދުކުރަނީ ކަމަކަށް ނުވާނެ އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި އެކި ފަހަރު މަތީން ދިހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތް ކޮށްފައިވޭ. އެކި ދާއިރާތަކުގައި އާއްމު ސިޔާސަތާއި ތަރައްގީއާ ދެމެދު އޮންނަ ގުޅުމަށް ހާއްސަ ށައުގުވެރިކަމެއް ހުރޭ. ދިވެހި ބަހަށް ހާއްސަ ކުލުނެއް އޮވޭ.