އިންޓަރނެޓް އައި އެކު މިހާރު ކޮންމެ މީހަކީ ތަހުގީގީ މާހިރެއް

އާރު 27 އޭޕްރީލު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެހެން މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ބަލާ ހޯދުމަކީ ވަރަށް ގިނަމީހުން އިންތިހާއަށް ގަޔާވާ ކަމެކެވެ. ފަހަރުގައި އެއީ އެމީހަކަށް ލިބިފައިވާ މޮޅެއް ނުވަތަ ކާމިޔާބީއެއް ލިބުމަށް އެދޭތީއެވެ. ބައެއް ފަހަރު ދެމީހުންގެ މެދުގައި މަސްލަހަތު ގޯސްވުމުގެ ސަބަބުން ވާހަކަ ދައްކާއުޅުން ހުއްޓާލާފައިވާތީ އަނެކާގެ ހާލަތު ދެނެގަތުމަށްޓަކައެވެ. ނުވަތަ އެމީހަކާ މެދު އޮންނަ ހަސަދަވެރިކަމެއްގެ ސަބަބުން "މަސް ކާލުމަށް" ރަނގަޅު ހަބަރެއް ހޯދުމަށެވެ.

"އެދެމީހުން މިހާރު ވަރިވީތަ؟"، "އޭނާ ރައްޓެހިވެގެން އެއުޅެނީ ކޮންކަހަލަ މީހަކާތަ؟"، "މިގަޑީގައި ގޭގައި ހުރެގެން ފޭސްބުކް އެކުރަނީ އަނެއްކާ އޮފީހުން ކެނޑުނީތަ؟"، "އެމީހުން އަބަދު ރިޒޯޓުގައި މިއުޅެނީ ވަރުގަދަ ރަން ވަޅެއް ފެނުނީބާ؟" މީސް މީޑިއާގެ މަންސަތައް ހާވަމުން ދާއިރު ހިތާ ހިތާ މިފަދަ އެތަކެއް ސުވާލުތަކެއް ކޮށްލެވެއެވެ. އިސާހިތަކު އެސުވާލުގެ ޖަވާބު ހޯދުމަށް ޕްރޮފައިލް ތަކާއި ޓައިމްލައިންތައް ހާވަން ފަށައެވެ. ކްރައިމް ސީރީޒް އެއްގެ ޑިޓެކްޓިވް އެއް ފަދައިން ހެއްކަކަށް ފަހު ހެއްކެއް ހޯދުމަށް އަވަސްވެގަނެެއެވެ.

މިއީ ގިނަ ފަހަރު ބޭއިހްތިޔާރުގައި ކުރެވޭ ކަންކަމެވެ. ސައިކޮލޮޖިސްޓުން ދެކޭގޮތުގައި އިންސާނުންނަކީ ޕެޓާން ދެނެގަތުމަށާއި، ކަންކަމުގެ ހަގީގަތް ބަލާ ހޯދުމަށް އަދި އަރަތް ތަކުގެ ޖަވާބާއި ހެކި ހޯދުމަށް ވަރަށް ގަޔާވާ ބައެކެވެ. މިސްޓްރީ ވާހަކަ ތަކާއި، ކްރައިމް ޑޮކިއުމެންޓްރީ ތަކާއި ފިލްމުތަކަށް އެހާ ފަސޭހައިން ދެވިހިފަނީ އެހެންވެކަމަށް މާހިރުން ބުނެއެވެ. އެކަމަކު އިންޓަނެޓް އާއި މީސްމިޑީއާގެ ސަބަބުން އިންސާނީ ތަބިއްޔަތުގައި މިހުރި ކަންކަން އިތުރު ހަރުފަތްތަކަކަށް ގެންގޮސްދީފިއެވެ.

މިހާރު އަހަރުމެންނަށް ހަބަރެއް ނުވަތަ މައުލޫމާތެއް ލިބޭ ހިނދުން ފެށިގެން އެކަމުގެ ތެދުދޮގު ހޯދުމަށާއި އެކަމަކާއި ގުޅުން ހުރި މީހުންގެ ފަތިފުށްތައް ހޯދުމާއި ވޭތުވެދިޔަ ތަނުގައި ހިގާފައިވާ ކަންކަމާއި ގުޅުވައިގެން ހަގީގަތް އޮޅޭފަދަ ހިޔާލާތު ތަކެއް (ކޮންސްޕިރަސީ) އުފެއްދުމަށް މަސައްކަތް ކުރެއެވެ. "ގޭދޮށު ބީބީސީ" އަކަށް ވަކި ދުލެއް ނުކުރެއެވެ.

ވައްކަމާއި މާރާމާރިއާއި މީހުންމެރުން ފަދަ އެހެނިހެން ޖަރީމާތައް ހިންގާ ފަރާތް ތަކާއި، ޖިންސީ ފުރައްސާރަ ކުރާ މީހުންނާއި، އެކި މަގާމުތަކަށް ކުރިމަތިލާ ކެނިޑޭޓުންނާއި ސިޔާސީ ގޮތުން އަޑުގަދަ މީހުން އަދި އެކި މަގާމު ތަކަށް އައްޔަނު ކުރާމީހުންގެ ވާހަކަ ހޯދުމަށް ރާޑަރުތައް ވަރަށް ގަދަ އަށް ހިންގާލައެވެ. މިއީ ދޮގެކޭ ބުނާ މީހުންގެ ހަނދާން އައު ކޮށްލުމަށް މިސާލު ނަގާނީ ދުރަކުން ނޫނެވެ. ދާދި މިދާކަށް ދުވަހަކު މާލޭ މަގެއްގެ މަތިން އަންހެން ކުއްޖަކު އުފުއްލައިލައިގެން ގެޔެއްގެ ތެރެއަށް ވައްދާ ރޭޕް ކުރަން އުޅުނު މައްސަލާއިގައި ތުހުމަތު ކުރެވުނު މީހުންނާއި އަނިޔާ ލިބުނު ކުއްޖާގެ ފޭސްބުކް ފޮޓޯތައް މުޅި މީސްމީޑިއާގައި ހުރިހާ ދިމާލަކަށް ފެތުރިގެން ދިޔައީ ރޮކެޓް ސްޕީޑުގަ އެވެ. ވަނަވަރު ތަކާއި ކަށަވަރު ނުކުރެވޭ އެތަކެއް ވާހަކަ ހުރިހާ ހޮޅުއަށި ތަކާއި ޖޯލިތަކާއި ފެންޑާތަކާއި ބަޔެއް ނޫސް ތަކުގައި ވެސް ދައްކާފައި ވެއެވެ. މިއީ އެންމެ ހާދިސާއެއްގެ ވާހަކަ އެވެ. މިފަދަ އެތަކެއް ހާދިސާއެއްގައި ކަންހިގަނީ ހަމަ މިބީދައިންނެވެ.

އެކި އެކި ސަބަބުތަކާއި ހުރެ ކުރިއަށް ނުގޮސް ފައިލް ކުރެވިފައިވާ ޕޮލިސް ކޭސް ތަކާއި މެދު މަޝްވަރާ ކޮށް ހެދުމަށްޓަކައި 1999 ވަނަ އަހަރުގެ ތެރޭގައި "ވެބްސްލެއުތްސް" ނަމަކަށް ކިޔާ އޮންލައިން ފޯރަމް އެއްތައާރަފުވެ އެމެޗަރ ޑިކެޓްޓިވުންގެ މެދުގައި މަޝްހޫރުވެގެން ގޮސްފައިވެއެވެ. އަދި ހަމަ މިގޮތަށް ވަރަށް ފާހަގަ ކުރެވިފައިވާ އަނެއް މަންސަ އަކީ ރެޑިޓް ބިއުރޯ އޮފް އިންވެސްޓިގޭޝަން އެވެ. ތަފާތު އެތަކެއް ގައުމެއްގެ ފުލުހުންވެސް މި ވެބްސައިޓްތަކަށް ކޮންމެ ދުވަހަކުހެން ވަދެ އެކި މީހުން މަޝްވަރާގެ އަލީގައި ދައްކަމުންދާ ހެކިތަކާއި ހިޔާލުތަކުގެ މައްޗަށް ބުރަވެ ކޭސްތައް ކުރިއަށް ގެންދިޔުމަށާއި ނިންމުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

ކްރައިސްޗަރޗް ގައި ދިން ޓެރަރިސްޓް ހަމަލާ ތަކާއި، މިދިޔަ އަހަރު ބެއިރޫތް ގެ ބަނދަރުގައި ބާރުގަދަ ގޮވުމެއް ގޮވި ހާދިސާއާއި، 2014 ވަނަ އަހަރު އިރުމަތީ ޔޫކްރެއިންގެ މަތިން މިސައިލް ހަމަލާއެއްގެ ސަބަބުން ވެއްޓުނު މެލޭޝިއަން އެއަރލައިންސް އެމްއެޗެ17 ގެ ކޭސް އާއި ގެއްލުނު އެމްއެޗް370 ގެ ކޭހާއި، ދުނިޔޭގެ އެކި ބައްރު ތަކުގައި ހިންގަމުންދާ އެކި ހަމަނުޖެހުންތަކާއި ހަނގުރާމަތަައް އަދި ބައެއް ހާލަތްތަކުގައި ހަމަނުޖެހުން ތަކާއި ހަނގުރާމަތައް އުފެދެން މެދުވެރިވުމުގެ ކުރިންނާއި، މިފަދަ އެތަކެއް ބޮޑެތި ކޭސް ތަކާއި ހާދިސާތައް ހިންގަމުން ދިޔަ ވަގުތު ތަކުގައި އެތަކެއް ސަތޭކަ ސައިބަރ ޑިޓެކްޓިވް ތަކެއްގެ އެހީގައި ބެލިންގކެޓް އިން ދިޔައީ ހާދިސާތަކުގެ އަސްލު ދެނެގަތުމަށް ނުހަނު ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެންމެނަށް ހުޅުވާލެވިފައިވާ ތަހުގީގުތަކެއް ކުރަމުންނެވެ. ނޫސްވެރިކަމުގެ ފަހުރުވެރި އެތަކެއް އެވޯރޑް ލިބިފައިވާ ބެލިންގްކެޓް ގެ ރިޕޯރޓްތަކުގެ މައިގަނޑު މަސްދަރުތަކަކީ ހަމަ އޮންލައިން ޑިޓެކްޓިވުން ތަކެކެވެ.

ބެލިންގްކެޓް އާއި ގުޅޭގޮތުން އުފައްދާފައިވާ ފިލްމްގެ ޕޯސްޓަރ އެއް
https://www.amazon.com/Bellingcat-Truth-Post-Truth-Hans-Pool/dp/B08KH2QL2D

މިފަދަ ކަންކަމުން ގިނަ ފަހަރު ނުކުންނަ ނަތީޖާ އެންމެ އެދެވޭ ގޮތަކަށް ނުދެއެވެ. ނަމަވެސް ބައެއް ފަހަރު ތަކުގައި މުޖްތަމައުގެ ތެރޭގައި ކުރެވޭ "ތަހުގީގުތަކުގެ" އެހީގައި ކުއްވެރިން ހޯދުމާށާއި ދުރާލާ ކުއްކުރުން ހުއްޓުވުމަށް ފުލުހުންނަށް ވާގިވެރި ވެދެވިފައި އެބަ ހުއްޓެވެ. އެމެރިކާގެ ރިޔާސީ އިންތިހާބަށް ފަހު މިއަހަރު ކުރީކޮޅު ކެޕިޓޮލް ހިލްގައި ހިނގައިދިޔަ ހަމަނުޖެހުން ތަކާއިގުޅިގެން އެފްބީއައި އިން ހިންގި ތަހުޤީގަށް މީހުން ހައްޔަރު ކުރުމުގައި ޓްވިޓަރ އަށް ވަރަށް ބޮޑަށް ބަރޯސާ ވެފައިވެއެވެ. މުޒާހަރާ ކުރި ފަރާތް ތަކުގެ މައުލޫމާތު ހޯދުމަށް އެދި އެފްބީއައި އިން ކުރި ސޯޝަލް މީޑިއާ ޕޯސްޓުތަކަށް އެތަކެއް ބަޔަކު ވަނީ މީހުން ދެނެގަތުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައެވެ.

ނަމަވެސް ގޭދޮށު ބީބީސީ އެޖެންޓުންނާއި އިންޓަނެޓުން ފާސް ނަގައިގެން ތިބޭ ތަހުގީގީ މާހިރުންގެ އަމަލު ކުރާގޮތަށް ކޮންމެވެސް މިންވަރެއްގައި ފަރުވާތެރި ވާން އެބަޖެހެއެވެ. އެއީ ފަހަރުގައި ނުބައި މީހާ ހައްޔަރު ކުރެވިދާނެތީއެވެ. ނުވަތަ ތަހުގީގަށް ހުރަސް އެޅެގޮތަށް ހެކި ނައްތާލުމަށް ފުރުސަތު ލިބިގެން ދާތީ ވެސްމެއެވެ. އަދި އަނެއްބައި ފަހަރު ތަކުގައި ތަންފީޒީ އިދާރާ ތަކަށް ވުރެއް ކުރިން ހަވަރުގެ އަތު ޖެހި ތުހުމަތު ކުރެވޭ މީހާ ސުންނާފަތި ވެގެން ދާތީއެވެ. އަދި އަނިޔާލިބޭ ވިކްޓިމް އައި ވިކްޓިމް ގެ އާއިލާއަށް ލިބޭ ގެއްލުންވެސް ބޮޑުވާ ފަހަރުތައް ގިނަކަމުންނެވެ. ބޮޑެތި ކޭސް ތަކުގައި މިފަދަ ގޯސް ހެދިފައި ހުރި ފަހަރުތައް ފެންނާން ހުރީތީ އެވެ.


އާރު

އާރު

ޓެކްނޮލޮޖީގެ ރޮނގުން 19 ވަރަކަށް އަހަރު ހިދުމަތްކޮށްފައިވާ މަލްޓިސްޕެޝަލިސްޓެއް. ލިޔުންތެރިކަމުގެ ރޮނގުން މުޅިން އާ ނުވި ނަމަވެސް ޒަމާންތަކެއް ވަންދެން ހަބަރު ލިޔުމާއި ދުރުގައި އުޅެފައި ޓެކްނިއުސް އަށް ލިޔަން ފަށާފައިވަނީ މިދާއިރާއަށް ޙާއްސަ ނޫހަކަށް ވެފައި މުހިންމު މައުލޫމާތު ތަކެއް ހިއްސާ ކުރުމުގެ ނިޔަތުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.