ކޮރޯނާވައިރަސްގެ އިންޑިއަން ވޭރިއަންޓް އާއި ބެހޭގޮތުން ޕޯސްޓްކޮށްފައިވާ ކޮންޓެންޓު ނެގުމަށް އެދި މީސްމީޑިއާ ކުންފުނިތަކަށް އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓްރީއިން ސިޓީ އެއް ފޮނުވައިފިއެވެ. ރޮއިޓާޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހުކުރުދުވަހު ފޮނުވާފައިވާ މި ސިޓީ އެ އޭޖެންސީ އަށް ވަނީ ލިބިފައިއެވެ.
އިންޑިއާ އިން މިފަދަ ފިޔަވަޅެއް އެޅުމަށް އެދިފައިވީ ނަމަވެސް ދުނިޔޭގެ ސިއްހައްތު ޖަމިއްޔާއިން މެއި މަހުގެ 11 ވަނަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި އިންޑިއާއިން އެންމެ ފުރަތަމަ ފެނުނު ކޮރޯނާވައިރަސް ވޭރިއަންޓް ބީ.617.1 އަކީ މުޅި ދުނިޔެއިންވެސް ވިސްނާލަން ޖެހޭވަރުގެ ނުރައްކާތެރި ވޭރިއަންޓްއެކެވެ.
މީގެ އެއްދުވަސް ފަހުން އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި މީޑިއާ ތަކުން އިންޑިއަން ވޭރިއަންޓްގެ ނަމުން މި ވޭރިއަންޓަށް ނަން ދީފައިވަނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށެއް ނޫނެވެ. މީގެ އިތުރުން އެގައުމުން އެ ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި ވޭރިއަންޓަށް ދީފައިވާ ނަމަކީ ބީ.617.1 އެވެ.
އިންޑިއާ އިން ހުކުރުދުވަހު މީސްމީޑިއާ ކުންފުނިތަކަށް ފޮނުވި ސިޓީގައި ވަނީ މި ބަޔާނަށް ހަވާލާދީ އިންޑިއަން ވޭރިއަންޓް އާއި ބެހޭ ހުރިހާ ކޮންޓެންޓެއް ނެގުމަށް އަންގާފައިއެވެ. މީގެ އިތުރުން ބީ.617.1 އަކީ އިންޑިއަން ވޭރިއަންޓް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނިންމާފައިނުވާކަމަށްވެސް މިސިޓީގައި ލިޔެފައިވާކަމަށް ރޮއިޓާޒް އިން ރިޕޯޓްކޮށްފައިވެއެވެ.
އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކު ރޮއިޓާޒް އާއި ވާހަކަދައްކަމުން ހާމަކޮށްފައިވާ ގޮތުގައި މި ވޭރިއަންޓްއަށް އިންޑިއަން ވޭރިއަންޓް ގެ ނަން ދިނުމަކީ އެގައުމަށް ލިބޭ ހަޑި ނަމެކެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހެނީ ދުނިޔޭގެ އެކިހިސާބުތަކުން ފެނިފައިވާ މި ވައިރަސްގެ ވޭރިއަންޓްތަކަށް މިހާތަނަށްވެސް ޑޮކްޓަރުންނާއި ސިއްހީ މާހިރުން ނަންދީފައިވަނީ އެ ވޭރިއަންޓް ފެނުނު ގައުމުތަކަށް ނިސްބަތްކޮށެވެ. އަދި 2019 ވަނަ އަހަރު ގެ ފަހުކޮޅު ކޮރޯނާވައިރަސް ދުނިޔެފެތުރެން ފެށުމުން އިންޑީޔާގެ އޮފިޝަލުން އެއީ ޗައިނާ ވައިރަސް ކަމަށް ބުނެ މުހާތަބުކޮށްފައިވެސް ވެއެވެ.
މީސްމީޑިއާ ކުންފުންޏެއްގެ އޮފިޝަލަކު ރޮއިޓާޒް އާއި ވާހަކަ ދައްކަމުން ހާމަކޮށްފައިވާ ގޮތުގައި އިންޑިއާ ސަރުކާރުގެ އެދުމަށް ބޯލަނބައި މިފަދަ ކޮންޓެންޓް މީސްމީޑިއާ މަންސަތަކުން ނެގުމަކީ ވަރަށް އުނދަގޫކަމަކަށް ވާނެއެވެ.
އިންޑިއާ ސަރުކާރުން މިފަދަގޮތަކަށް މީސްމީޑިއާ ކުންފުނިތަކަށް ސިޓީ އެއް ފޮނުވާފައިވާއިރު ބޮޑުވަޒީރު މޯދީގެ ސަރުކާރުން ކޮރޯނާވައިރަސް ޕެންޑަމިކް އާއި ގުޅޭ ކަންކަން ކުރުމުގައި ހުރި ދޯދިޔާ ކަންތައްތައް ފާހަނގަކޮށް ސަރުކާރަށް ފާޑުކިޔުން ވަނީ އިތުރުވެފައިއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް