މިނިސްޓަރ ޝައުނާ ވިމެން އިންޓެކް މޯލްޑިވްސްއާ ބައްދަލުކުރުން

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓެކްނޮލޮޖީދާއިރާ ކުރިއެރުވުމާއި ކުރަން ހުރި މުހިންމު ކަންތަކުގެ ޚިޔާލު ހޯދުމަށްޓަކައި ވިމެން އިން ޓެކް މޯލްޑިވްސްއާއި މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ޢާމިނަތު ޝައުނާ، މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ޓެކްނޮލޮޖީ ދާއިރާ ކުރިއެރުވުުމުގައި ހުރި ގޮންޖެހުންތަކާއި ވަޒީފާ އަދާކުރާ މީހުންނަށް ދިމާވާ މައްސަލަތަކުގެ ވާހަކަ ދެކެވުނެވެ. އަދި ސަރުކާރުން ކުރާ މަސައްކަތްތަކުގައި އިސްކަން ދޭންވީ ކަންކަމުގެ ޚިޔާލަކަށް މިނިސްޓަރ އެދިލެއްވިއެވެ.

މިގޮތުން މަސައްކަތުގެ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާއި އަންހެނުންނަށް ގޭގައި މަސައްކަތްކުރެވޭނެ މަގު ތަނަވަސްކޮށްދެއްވުމަކީ މިދާއިރާއަށް ގިނަ މީހުން ނިކުމެ އަދި މިދާއިރާގައި ކިޔަވައިގެން ތިބި މީހުންނަށް އެކި ރަށްރަށުންވެސް މަސައްކަތްކުރުމުގެ ފުރުސަތު ލިބި ސަރުކާރުގެ ކަންކަން ހަލުވިކުރުމަށް ބާރުއަޅާނެ ކަމެއް ކަމަށް މެމްބަރުން ހިޔާލުފާޅުކުރިއެވެ. ގޭގައި މަސައްކަތްކުރުމަކީ ކޮވިޑް ޕެންޑެމިކަށް ފަހުވެސް ދެމެހެއްޓިދާނެ ރަނގަޅު ކަމެއްކަމަށް ފާހަގަކޮށް ސިވިލް ސަރވިސް ކޮމިޝަނާއި މަޝްވަރާ ކުރައްވާނެކަމަށް މިނިސްޓަރ ޝައުނާ ދެންނެވިއެވެ.

އަދި ހަމަ މިއާއެކު އަންހެނަކަށްވީތީ ވަކި ކަހަލަ މަސައްކަތެއް ނުކުރެވޭނެ ކަމަށް އޮންނަ ވިސްނުން ސަރުކާރުގެ އޮފީސްތަކުގެ ތެރެއިން ބަދަލުކުރެވިދާނެ ކަމަށްވެސް މެމްބަރުން ހާމަކުރެއްވިއެވެ.

މިނިސްޓްރީއާއި ޓެކްނޮލޮޖީ ކޮމިއުނިޓީ އަދި ޕްރައިވެޓް ސެކްޓަރ އާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ދެއްވައި މިދާއިރާ ކުރިއެރުވުމަށް އެހީވެދޭ ބާރަކަށް މިނިސްޓްރީ ވުމަށް މެމްބަރުން އެދުނެވެ.

މިދާއިރާގައި ގާނޫނުތައް ހެދިފައި ނެތުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި ޕްރައިވެސީ އަދި މައުލޫމާތުގެ ރައްކާތެރިކަމާއި ގުޅޭ ކަންކަމާއި ގުޅޭގޮތުން ދެފަރާތުން ޚިޔާލު ބަދަލުކުރިއެވެ.

މުޅި ދުނިޔެ ޓެކްނޮލޮޖީއަށް ބަރޯސާވެގެން ދާއިރު ގައުމީ މަންހަޖުގައި ޓެކްނޮލޮޖީ ހިމެނިފައިނެތުމުގެ ކަންބޮޑުވުން ފާޅުކުރިއެވެ. ހަމަ މިއާއެކު މިދާއިރާއިން ޓީޗަރުން ތަމްރީނުކުރުމުގެ މުހިންމު ކަންވެސް ފާހަގަކުރިއެވެ. މިކަންތަކުގެ ސަބަބުން އެހެން ގައުމުތަކާއި އަޅާބަލާއިރު ދިވެހިރާއްޖެގެ ދަރިވަރުންނާއި ޓީޗަރުން އެތަށް އަހަރެއް ފަހަތުގައި އޮތުމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި ފާހަގަކުރިއެވެ.

ސަރުކާރުގެ އެކި މުވައްސަސާތަކުގެ މެދުގައި އެއް މަސައްކަތެއް ކުރާ އައިޓީ މުވައްޒަފުންގެ މުސާރާއިގެ ފަރަގު ނައްތާލުން މުހިއްމުކަން ފާހަގަކުރިއެވެ. އަދި ޓެކް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ވަޒީފާގެ ޒިންމާތަކުގައި ދާއިރާގެ އެކިއެކި މަސައްކަތް މަސްހުނި ކޮށްފައި އޮތުމުގެ ސަބަބުން، ވަޒީފާގައި މީހުން ދެމެހެއްޓުމާއި ވަކި ދާއިރާއަކުން ސްކިލް ޑިވެލޮޕްކުރުން އެއީ ދަތިކަމެއްކަމަށް ފާހަގަކުރިއެވެ.

ބައްދަލުވުން ނިންމާލަމުން މިނިސްޓަރގެ ދައުރުގައި ކުރެވެން ހުރި ކަންކަން ގާތުން ބަލައި ބައްދަލުވުމުގައި ފާހަގަކުރެވުނު ކަންތައްތައް ނިންމެވުމުގައި ދާއިރާގެ ފަރާތްތަކާއި މަޝްވަރާ ކުރައްވާނެކަމަށް ޔަގީންކަން އެރުވިއެވެ.


ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.