Download Logo
Copy Logo

އެންތްރޯޕިކްގެ ކްލޯޑް އޭއައި

މާލީ ކަންކަން ބެލެހެއްޓޭނެ ޚާއްޞަ ޓޫލެއް ކްލޯޑް އޭއައިއަށް ތަޢާރަފުކޮށްފި

އަޙްމަދު ދާއޫދު • 07 ނޮވެމްބަރު 2026

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގެ މަޝްހޫރު ކުންފުނި އެންތުރޯޕިކް އިން އެ ކުންފުނީގެ ކްލޯޑް ޗެޓްބޮޓަށް މާލީ ކަންކަން ބެލެހެއްޓޭނެ ޚާއްޞަ ޓޫލެއް ކަމަށްވާ ކްލައުޑް ޕާސަނަލް ފައިނޭންސް ތަޢާރަފުކޮށްފިއެވެ.

މި ޓޫލަކީ ބޭނުންކުރާ ފަރާތްތަކުގެ އަމިއްލަ މާލީ ޙާލަތު ދެނެގަނެ، ޚަރަދުތަކާއި މާލީ މުޢާމަލާތްތައް ލުއިފަސޭހަކަމާއެކު ބެލެހެއްޓުމަށް އެހީތެރިވެދިނުމުގެ ގޮތުން އުފައްދާފައިވާ ސޮފްޓްވެއާއެކެވެ. މި ޚިދުމަތް މިހާރު ވަނީ އެމެރިކާގައި ކްލޯޑްގެ ޕްރޯ، މެކްސް އަދި އަލްޓްރާ ސަބްސްކްރައިބަރުންނަށް ބީޓާ މަރުޙަލާގައި ބޭނުންކުރެވޭގޮތަށް ހުޅުވާލައިފައެވެ.

އެންތުރޯޕިކުން މަޢުލޫމާތު ދޭ ގޮތުގައި މި ޓޫލްގެ އެހީގައި މާލީ ދާއިރާއާ ގުޅޭ އުނދަގޫ ލަފުޒުތަކާއި މާނަތައް އާދައިގެ އާންމު ބަހުރުވައިން ސާފުކޮށްދީ، މާލީ ކަންކަމާ ގުޅޭގޮތުން ކުރާ ސުވާލުތަކަށް އޭއައި މެދުވެރިކޮށް އަވަސް ޖަވާބު ހޯދައިދެއެވެ. މީގެ އިތުރުން މާލީ މަޢުލޫމާތު ހޯދުމަށްޓަކައި ކޮންމެ ފަހަރަކު އިންޓަރނެޓް ބޭންކިންގ ނުވަތަ މޯބައިލް އެޕްތަކަށް ވަންނަންޖެހޭ ޖެހުމަށް މި ޓޫލާއެކު ލުޔެއް ލިބިގެންދާނެއެވެ.

މި ޓޫލް ބޭނުންކުރުމަށްޓަކައި ބޭންކު އެކައުންޓްތަކާއި ކާޑުތައް ސެކިއުރިޓީއާއެކު ގުޅުވާލެވުނު ނަމަވެސް، ކްލޯޑް ޕަރސަނަލް ފައިނޭންސްއަށް ދެވިފައިވަނީ ހަމައެކަނި މަޢުލޫމާތު ބެލުމުގެ (ރީޑް-އޮންލީ) ހުއްދައެކެވެ. އެހެންކަމުން ބޭނުންކުރާ މީހާގެ އެކައުންޓުން ފައިސާ ފޮނުވުމާއި، އަމިއްލައަށް އިންވެސްޓްކުރުން ނުވަތަ އެއްވެސް މާލީ މުޢާމަލާތެއް އަމިއްލައަށް ހިންގުމުގެ އިޚުތިޔާރެއް މި ޓޫލަކަށް ނުލިބޭނެއެވެ.

މި ޓޫލްގެ އެހީގައި މަހުން މަހަށް ކުރެވޭ ޚަރަދުތަކުގެ ތަފްސީލީ ޗާޓުތަކާއި، ފައިސާ ދައްކަންޖެހޭ ތާރީޚުތަކުގެ ކަލެންޑަރުގެ އިތުރުން މާލީ ޙާލަތު އެއް ތަނަކުން ބަލައިލެވޭނެ ޑޭޝްބޯޑެއް އުފައްދައިދެއެވެ. އަދި އޭއައިއިން ތައްޔާރުކުރާ ޗާޓުތައް ބޭނުންކުރާ ފަރާތުގެ ބޭނުމަށް ބަދަލުކުރުމުގެ ފުރުޞަތުވެސް ލިބިގެންދެއެވެ.

އެންތުރޯޕިކުން އިތުރަށް ބުނެފައިވަނީ ކްލޯޑްގެ އެހެން ޚިދުމަތްތެކޭ އެއްފަދައިން މި ޓޫލްގައިވެސް އެއްވެސް ކަހަލަ އިޝްތިހާރެއް ނުވަތަ ލޯނާއި ކްރެޑިޓް ކާޑު ފަދަ ތަކެތި ޕްރޮމޯޓްކުރުމުގެ ލަފާތަކެއް ނުހިމެނޭނެ ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.