ކްލަބްހައުސް ބޭނުންކުރާނީ ކިހިނެއް؟

ޓެކް އެޑިޓަރ 22 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކްލަބްހައުސްއަކީ ހަމައެކަނި ވޮއިސް ބޭނުންކޮށްގެން އެއްބަޔަކު އަނެއްބަޔަކާއި ގުޅިވައިދޭ، ވަރަށް ފަހުން ތަޢާރަފު ކުރެވުނު ސޯޝަލް މީޑިއާ އެޕްލިކޭޝަނެކެވެ.

މި އެޕް ބޭނުންކުރަން ފަށަން ވިސްނާ ފަރާތްތަކަށް މުހިއްމު ބައެއް މަޢުލޫމާތު ތިރީގައި ހިމަނާލީމެވެ.

މިއެޕް ބޭނުންކުރަން ފެށޭނީ އެޕް ބޭނުންކުރާ އެހެން މީހެއްގެ ފަރާތުން ދަޢުވަތެއް ލިބިގެން ގެންނެވެ. އެހެން ނަމަވެސް އެޕް އިންސްޓޯލްކޮށް ކުރިން ޔޫސަރނޭމް ރިސަރވް ކުރެވިދާނެއެވެ. އޭގެ ފަހުން ދައުވަތެއް ފޮނުވޭނެ ފަރާތެއް ހުރި ނަމަ ނޮޓިފިކޭޝަނެއް ދެފަރާތަށް ވެސް ލިބޭނެއެވެ. އަދި ދައުވަތު ލިބުމުން އެޕް އިންސްޓޯލް ކުރެވޭނެއެވެ.


ރަޖިސްޓަރވުން

އެޕްއަށް ރެޖިސްޓަރ ކުރުމަށް ދަޢުވަތު ލިބޭނީ ފޯނަށް ޓެސްކްޓް މެސެޖެއް ގޮތަށެވެ. މެސެޖުގައި އިންނަ ލިންކުން އެޕް އިންސްޓޯލް ނުކުރާނަމަ، އިންސްޓޯލް ކުރުމަށް ފަހު ރަޖިސްޓަރ ވެވޭނެއެވެ.

ނުވަތަ ކްލަބްހައުސް ބޭނުންކުރާ ފަރާތަކުން ކްލަބެއްގައި ބައިވެރިވުމަށް ދަޢުވަތެއް ދިނުމުން، ފޯނު ނަންބަރު ބޭނުންކޮށްގެން އެޕް އިންސްޓޯލް ކުރުމަށް ފަހު ރަޖިސްޓަރ ވެވޭނެއެވެ.


ޕްރޮފައިލް

އެހެން ސޯޝަލް މީޑިއާ އެޕްގައި ހިމެނޭ ފަދައިން އެންމެ ފުރަތަމަ އަމިއްލަ ޕްރޮފައިލެއް ތައްޔާރުކުރާށެވެ. ޕްރޮފައިލްގައި ހިމެނޭނީ ފޮޓޯ، ނަން، ޔޫސަރނޭމް، އަދި އަމިއްލައަށް ތައާރަފްވުމަށް ލިޔެވޭ ކުރު މަޢުލޫމާތު ކޮޅެކެވެ. ޕްރޮފައިލް ޕޭޖުން ދެން އިތުރަށް ފެންނާނީ ފޮލޯ ކުރާ މީހުންގެ އަދަދުތަކެވެ. މީގެ އިތުރުން ޓްވިޓަރ އަދި އިންސްޓަގްރާމް ޕްރޮފައިލްތައް އިތުރުކުރެވޭނެއެވެ. އަދި ތިމާ އެއްވެސް ކްލަބަކާއި ގުޅިފައިވާނަމަ އެ މަޢުލޫމާތު ވެސް ފެންނާނެއެވެ.


ހޯލްވޭ

އެޕް އެންމެ ފުރަތަމަ ހުޅުވޭ އިރު ފެންނަ ސްކްރީނަކީ ހޯލްވޭ އެވެ. މިތަނުން ފެންނާނީ ކުރިއަށް ރޭވިފައި ހުރި ޗެޓް ކޮޓަރިތަކާއި މިވަގުތު ކުރިއަށްދާ ޗެޓް ކޮޓަރިތަކެވެ. ފޮލޯ ކުރާ މީހުން ވަންނަ ކޮޓަރިތައް މިތަނުން ފެންނާނެއެވެ. ފޮލޮވަރުން ގިނަވާވަރަކަށް ހޯލްވޭގައި ކޮޓަރިތައް ގިނައިން ފެންނާނެއެވެ. އަދި މިހާރު ކޮޓަރިއެއްގައި ބައިވެރިވެގެން ހުރިނަމަ ހޯލްވޭގެ އެންމެ ތިރިން ފެންނާނެއެވެ.

މީގެ އިތުރުން މިތަނުން ދެން ފެންނާނީ މަތީގައި ހިމެނޭ މެނޫ އަކާއި ތިރިން އަމިއްލަ ކޮޓަރިއެއް ފެއްޓުމަށް ހިމެނޭ ބަޓަނެވެ.


ކޮޓަރިއެއްގައި ބައިވެރިވުން

ކޮޓަރިއެއްގައި ބައިވެރިވުމަށް ހޯލްވޭގައި ކުރިއަށްދާ ކޮޓަރިތަކުން ކޮޓަރިއަކަށް ކްލިކްކުރުމުން ބައިވެރިވެވޭނެއެވެ. މިހާ ހިސާބުން ކޮޓަރީގައި ކުރިއަށް ދާ ވާހަކަ އަޑު އިވޭނެއެވެ. ކޮޓަރީގެ މޮޑަރޭޓަރާއި ވާހަކަ ދައްކުމަށް ކަނޑައެޅިފައިވާ ފަރާތްތައް ތިބޭނީ އެންމެ މަތީގައެވެ. އޭގެ ތިރީގައި ހިމެނޭނީ އަޑުއަހާ ފަރާތްތަކެވެ. މޮޑަރޭޓަރުން ވަކިވާނީ ފެހިކުލައިގެ ސްޓަރ ފާހަގައިންނެވެ.

ކޮޓަރިއެއްގައި ވާހަކަ ދެއްކުމަށް ބޭނުންވާ ނަމަ މިސްކްރީންގެ ތިރިން ފެންނަ އަތްނަގާ ބަޓަން އިން އަތް ނެގުމުން މޮޑެރޭޓަރ އެ ފުރުސަތު ދިނުމުން ވާހަކަ ދެއްކޭނެއެވެ.

ތިމާ ބޭނުން ފަރާތަކަށް ކޮޓަރީގައި ބައިވެރިވުމަށް މެސެޖެއް ފޮނުވަން ބޭނުންނަމަ މިސްކްރީނަގައި ހިމެނޭ ޕްލަސް (+) ބަޓަން ބޭނުން ކުރެވޭނެއެވެ.

ކޮޓަރިން ނުކުނަން ބޭނުންނަމަ ލީވް ކުއަޔަޓްލީ (Leave quietly) ބަޓަންއަށް ފިތާލުމުން އެހިސާބުން ރޫމުން ނުކުމެވޭނެއެވެ.


މަތީ މެނޫ

ވާތުން ކަނާތަށް މެނޫގައި ފުރަތަމަ ހިމެނެނީ އައު މެންބަރުންނާއި ކްލަބް ހޯދާ އިތުރު ކުރެވޭނެ އޮޕްޝަނެވެ. މިފީޗަރ ބޭނުންކޮށްގެން މެންބަރު ނުވަތަ ކްލަބްގެ ނަމުން ހޯދާ ފޮލޯ ކުރެވޭނެއެވެ.

ދެވަނައަށް ހިމެނެނީ އެހެން ފަރާތަކަށް ދައުވަތު ފޮނުވުމަށް ބޭނުންކުރެވޭނެ ފީޗަރއެވެ. ފޯނުގައި ހިމެނޭ ނަންބަރުތައް ހޯދާ މިތަނުން އެފަރާތްތަކަށް ކްލަބްހައުސްއަށް ރަޖިސްޓަރވުމަށް ދައުވަތު ފޮނުވޭނެއެވެ.

ތިންވަނައަށް ހިމެނެނީ ކަލަންޑަރެވެ. މިތަނުން ފެންނާނީ ފޮލޯކުރާ ކްލަބްތަކުން ކުރިއަށް ރާވާފައިހުރި އެކި ސެޝަންތަކެވެ. އެންމެ އަވަހަށް އޮންނަ ސެޝަންތައް އެންމެ މަތިން ފެންނާނެއެވެ.

ހަތަރު ވަނައަށް ހިމެނެނީ ނޮޓިފިކޭޝަން ފީޗަރއެވެ. އެހެން ފަރާތެއް ފޮލޯކޮށްފިނަމަ ނުވަތަ އެޕްގައި ކުރާ އެކިއެކި ހަރަކާތްތަކުގެ ލިސްޓެއް މިތަނުން ފެންނާނެއެވެ.


އަމިއްލަ ކޮޓަރިއެއް ފެއްޓުން

ފުރަތަމަ ސްކްރީނުގެ އެންމެ ތިރިން ފެންނަ ސްޓާރޓް އަ ރޫމް ބަޓަން (Start a Room) ބޭނުންކޮށްގެން އަމިއްލައަށް ކޮޓަރިއެއް ފެށޭނެއެވެ. މިތަނުން ދެން ޖެހޭނީ ކޮޓަރީގައި ވާހަކަ ދައްކާނެ މަޢުލޫއެއް ހިމަނާށެވެ. މީގެ އިތުރުން ކޮޓަރީގެ ބާވަތް އިޚްތިޔާރު ކުރަންޖެހޭނެއެވެ. ހުޅުވާލެވިފައިވާ ކޮޓަރިއެއް ނުވަތަ ވަކި ފަރާތްތަކަކަށް ބައިވެރިވެވޭ ކޮޓަރިއެއް ނުވަތަ ތިމާ ހިމެނޭ ވަކި ކްލަބެއްގެ ކޮޓަރިއެއް ހެދިދާނެއެވެ. ދެން ލެޓްސްގޯ ބަޓަންއަށް (Let's Go) ފިތާލުމުން ކޮޓަރި ފެއްޓުނީއެވެ.

ހުޅުވާލެވިފައިވާ (Open) ކޮޓަރިއެއް ފެއްޓުމަށްފަހު ކޮޓަރީގެ ލިންކު އެކި ގޮތްގޮތުން ހިއްސާކުރެވިދާނެއެވެ.

ބަންދު (Closed) ކޮޓަރިއަކަށް ބޭނުންވާ މެންބަރުން އިތުރުކުރެވޭނެއެވެ.

ވަކި ކްލަބެއްގެ ކޮޓަރިއެއް ފައްޓާނަމަ އެކްލަބްގެ ހުރިހާ މެންބަރުންނަށް ބައިވެރި ވެވޭނެއެވެ. މިފަދަ ސެޝަންތައް އާންމުކޮށްވެސް ހުޅުވާލެވޭނެއެވެ.


ކްލަބް ނުވަތަ މެންބަރުން ހޯދުން

އެޕުގެ މަތީ މެނޫ އިން އެންމެ ވާތުން ފެންނަ ބަޓަން އިން ކްލަބްހައުސް ބޭނުންކުރާ އެހެން ފަރާތްތަކާއި ކްލަބްތައް ހޯދޭނެއެވެ.

މިބައިގެ އެންމެ މަތީގައި މެންބަރުންގެ ނުވަތަ ކްލަބުގެ ނަންޖަހައިގެން ހޯދޭނެއެވެ.

އޭގެ ތިރިން ފޮލޯކުރުމަށް އެޕުން ލަފާދޭ ބައެއް ފަރާތްތައް ފެންނާނެއެވެ.

އަދި އެންމެ ތިރިން އެކި މައުލޫތަކަށް ތައްޔާރުކުރެވިފައިވާ ކޮޓަރިތައް ހޯދުމުގެ ފުރުސަތުވެސް ލިބޭނެއެވެ.

ކްލަބް ހައުސްއަށް ވަނުމަށް ދައުވަތުބޭނުން ނަމަ ޓެކްނިއުސް.އެމްވީ ގެ ކްލަބް ޓެކު ވާހަކައިގެ ލިންކް މެދުވެރިކޮށް ކްލަބް ހައުސް އާއި ޖޮއިން ކޮއްލައްވާ! (ލިންކް)

ޓެކް އެޑިޓަރ

ޓެކް އެޑިޓަރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް. ދިވެހިރާއްޖޭގައި ޓެކްނޮލޮޖީ، ސައެންސް އަދި ސްޕޭސް އަށް ހާއްސަކޮށްގެން ނެރެވޭ ފުރަތަމަ ނޫސް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.