ސައިބަރ ސްމާޓް ކެމްޕެއިން ފައްޓައިފި

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ދަރިވަރުން، ބެލެނިވެރިން އަދި ޓީޗަރުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް އޭޑިޔުކޭޝަން، ޔުނިސެފް މޯލްޑިވްސް އަދި ވިމެން އިން ޓެކް މޯލްޑިވްސް އިން ގުޅިގެން ސައިބަރ ސްމާރޓް ކެމްޕެއިން ފަށައިފިއެވެ. މީގެ މަގުސަދަކީ ދަރިވަރުންނާއި، ބެލެނިވެރިންނާއި ޓީޗަރުންގެ މެދުގައި، އޮންލައިންކޮށް ކިޔެވުމަށާއި ކިޔަވައިދިނުމަށް ޖެހިފައިވާ މިދުވަސް ކޮޅު އިންޓަރނެޓް ބޭނުންކުރުމުގައި ދިމާވެދާނެ ކަންތައްތަކާއި މެދު އަހުލުވެރި ކުރުވާ، ރައްކާތެރިކޮށް އިންޓަރނެޓް ބޭނުންކުރުމުގެ މަޢުލޫމާތު ދިނުމެވެ.

ކުދިންގެ ކިޔެވުމުން އަދި ދިރިއުޅުމުގެ އެކި ކަންކަމުގައި އިންޓަރނެޓަށް ބަރޯސާވުން ބޮޑުވެފައިވާއިރު ރައްކާތެރިކަމާއެކު އެންމެ ފުރިހަަމަ ގޮތުގައި އިންޓަރނެޓްގެ ބޭނުން ހިފަން ދަސްކޮށްދިނުމަކީ މިކެމްޕެއިންގެ އެއް އަމާޒެވެ.

މިއަދު އޮންލައިންކޮށް ބޭއްވުނު ލޯންޗިންގ ހަފްލާގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު ޢަލީ އާއި ޔުނިސެފްގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް މަރްޖާން މޮންތެޒާމީ ވާހަކަ ދެއްކެވިއެވެ. މިހަފްލާގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިސެފްގެ އިސްވެރިންނާއި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ޕްރިންސިޕަލުން ބައިވެރިވިއެވެ.

މިނިސްޓަރގެ ވާހަކައިގައި ވިދާޅުވީ ޕެންޑެމިކްގެ ސަބަބުން އޮންލައިންކޮށް ހުރިހާ ކަމެއް ކުރަންޖެހިފައިވާ މިހާލަތުގައި، ގޭގެ ސިޓިންގ ރޫމް ސޯފާތަކުގައި ކުދިން ތިބެގެން ވަންނަ ވެބްސައިޓްތަކަކީ އެކުދިންނާއި އެކަށީގެންވާ ތަކެތިތޯ ކަށަވަރުކުރުމުގައި ބެލެނިވެރިން، ކުދިންގެ ބައިވެރިވުން ހޯދައިގެން ކަނޑައަޅުން މުހިއްމުކަމަށެވެ. ސައިބަރސްމާޓް ކެމްޕޭންގެ މަގުސަދަކީ އޮންލައިކޮށް ދިމާވެދާނެ ނުރައްކާތެރި ކަންތައްތަކާމެދު އަހުލުވެރިކުރުވުމެވެ. އަދި އެފަދަ ހާލަތުގައި އެންމެ ރައްކާތެރި ގޮތްތައް ޚިޔާރުކުރުމަށް ބޭނުންވާ ހުނަރާއި މަޢުލޫމާތު ކުދިންނަށް އަދި ބެލެނިވެރިންނަށް ފޯރުކޮށްދީ ބާރުވެރިކުރުމެވެ.

ޔުނިސެފްގެ ރެސިޑެންޓް ރެޕްޒެޓެންޓޭޓިވްގެ ވާހަކާގައި ހާއްސަކޮށް ފާހަގަކޮށްލެއްވީ ޓެކްނޮލޮޖީ ބޭނުންކުރުމަކީ މިހާރު އެންމެންގެ ކިބައިގައި ކޮންމެހެން ހުންނަން ޖެހޭ ހުނަރެއްކަމަށާއި، ރައްކާތެރިކޮށް ޓެކްނޮލޮޖީ ބޭނުންކުރުމަކީ މިހުނަރު ދަސްކުރުމުގެ ބައެއް ކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއަށް މިޒަމާނުގެ ކުދިން އަހުލުވެރިވާ ފަދައިން އެކުދިންގެ ބެލެނިވެރިންވެސް މިކަމަށް ހޭލުންތެރިވުމަކީ، ކުދިން ރައްކާތެރިކުރުމަށާއި ޒިންމާދާރުކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

މިކެމްޕޭނުގެ ދަށުން ރާއްޖޭގައި އުފައްދާ ފުރަތަމަ ސައިބަރ ސެކިއުރީ އެވެއަރނެސް އެނިމޭޓެޑް ވީޑިއޯ ސީރީސްއަކާއި ޕޯސްޓަރާއި އަދި ޗެޓްބޮޓެއް ތައާރަފްކުރެވުނެވެ.

އެނިމޭޓެޑް ސީރީސްގައި ފެނިގެންދާނީ ނާޔާ، މީމޯ، އުމަރު އަދި މާކީއަށް ދިމާވާ އެކި ހާދިސާތަކެކެވެ. މިހާދިސާތަކުގެ ތެރެއިން ކުދިންނަށް އިންޓަރނެޓްގައި އުޅެންވާ ރައްކާތެރިގޮތްތަކުގެ މަޢުލޫމާތު ކުޑަކުދިންނަށް ފަސޭހައިން ނަގައިގަނެވޭނެ ފަދަ ކުދިންނާއި ރައްޓެހި ގޮތްތަކަށް ފޯރުކޮށްދެވޭނެއެވެ.


ފުރަތަމަ ވީޑިއޯ ހާއްސަކޮށްލާފައިވަނީ އޮންލައިކޮށް އުޅުމުގައި ހިއްސާ ކުރާ އަމިއްލަ އަދި ސިއްރު މަޢުލޫމާތާއި ބެހޭގޮތުންނެވެ. އަމިއްލަ އަދި ސިއްރު މަޢުލޫމާތަކީ ކޮބާކަމާއި މިފަދަ މަޢުލޫމާތު އޮންލައިންކޮށް ހިއްސާކުރުމުގައި ރައްކާތެރިވާންވީ ގޮތުގެ މައްޗަށް މިވީޑިއޯގައި ބަލައިލާނެއެވެ.

ދެވަނަ ވީޑިއޯގައި ފެނިގެންދާނީ ދަރިވަރުން އޮންލައިކޮށް އުޅުމުގައި ހަނދާން ބަހައްޓަންވީ މުހިއްމު ގަވާއިދުތަކެވެ. ހާއްސަކޮށް ފާހަގަކޮށްލެވޭ 3 ޕޮއިންޓެއް މިވީޑިއޯގައި ދަރިވަރުންނަށް އަމާޒުކޮށް ހިއްސާކުރެވޭނެއެވެ.

މިއަދު ރިލީޒް ކުރެވުނު ޕޯސްޓަރުތައް އެކުލަވާލާފައިވަނީ ތިރީގައިވާ މަޢުލޫމާތު ހިއްސާ ކުރެވޭ ގޮތަށެވެ.

- ސިއްރު އަދި އަމިއްލަ މަޢުލޫމާތަކި ކޮބާ ކަމާއި، އޮންލައިކޮށް އުޅޭއިރު މިފަދަ މަޢުލޫމާތު ހިއްސާކުރުމުގައި ސަމާލުވުމާއި ބެހޭގޮތުން

- އޮންލައިންކޮށް ކިޔަވާދިނުމުގައި ޓީޗަރުން ސަމާލުކަންދޭންޖެހޭ މުހިއްމު ސެކިޔުރިޓީއާގުޅޭ މަޢުލޫމާތު

- ދަރިވަރުން އޮންލައިންކޮށް ކިޔަވާ އިރު ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ މުހިއްމު ޕޮއިންޓްތައް

- ބޭނުންކުރާ ކޮމްޕިޔުޓަރާއި މޯބައިލް ޑިވައިސްތަކާއި އޮންލައިން އެކައުންޓްތައް ރައްކާތެރިކުރުމާބެހޭ މަޢުލޫމާތު (އިގިރޭސި ބަހުންނާއި ބެލެނިވެރިންނަށް އަމާޒުކޮށް ދިވެހިބަހުން)

- އޮންލައިން އެކައުންޓްތަކުގައި ބޭނުންކުރާ ޕާސްވޯޑުގެ ރައްކާތެރިކަމާބެހޭ މަޢުލޫމާތު (އިގިރޭސި ބަހުންނާއި ބެލެނިވެރިންނަށް އަމާޒުކޮށް ދިވެހިބަހުން)

މި ސީރީސްގައި ހިމެނޭ ހުރިހާ ތަކެއްޗަކީ އިނގިރޭސި ބަހުންނާއި ދިވެހި ބަހުން މަޢުލޫމާތު ލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ.

އޮންލައިންކޮށް އުޅުމުގައި ދިމާވާ ގަނާކުރުމާއި ގްރޫމިންގ ފަދަ ބޮޑެތި މަޢުލޫތަކަށް ވީޑިއޯ އަދި ޕޯސްޓަރު ރިލީޒްކުރުމަށް ކުރިއަށް އަދި ރޭވިފައި އެބަހުއްޓެވެ.

މި ކެމްޕޭނުގައި ތައްޔާރުކުރެވޭ ހުރިހާ ކޮންޓެންޓެއް އެއްތަނަކުން ފެންނާނޭހެން ޖަމާކޮށް ސައިބަރ ސްމާޓްގެ ނަމުގައި ވެބްސައިޓެއްވެސް ތައްޔާރުކުރެވޭނެއެވެ.

ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.