މިހާރު ވަޓްސްއެޕްގެ ބެކްއަޕްވެސް އެންކްރިޕްޓް ކޮށްލެވޭ!

ޙުސައިން ދީމް މުޙައްމަދު 17 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވަޓްސްއެޕްގައި އެންޑް-ޓު-އެންޑް އެންކްރިޕްޝަންއަކީ އާކަމެއް ނޫނެވެ. ވަޓްސްއެޕްގެ މެސެޖުކުރުމުގެ ޚިދުމަތް ބޭނުންކުރާ ފަރާތްތަކަށް އެންޑް-ޓު-އެންޑް އެންކްރިޕްޝަން ދޫކޮށްފައިވާތާ މިހާރު އަހަރުތަކެއް ވެދާނެއެވެ. މި ފީޗަރ ވަޓްސްއެޕްއިން ފުރަތަމަ ދޫކުރީ 2016ވަނަ އަހަރުގެތެރޭގައެވެ. މިގޮތުން އެއްފޯނުން ފޮނުވާލާ މެސެޖު، އަނެއް ފޯނާހަމައަށް ވާސިލް ނުވަނީސް ޑީކްރިޕްޓް ނުކުރެވޭގޮތަށް ހެދީ، ވަޓްސްއެޕް ބޭނުންކުރާ ފަރާތްތަކުގެ މުޢާމަލާތުތައް އެއެޕްއަށް ނުބެލޭނޭކަމުގެ ޔަޤީންކަން ވަޓްސްއެޕްގެ ކަސްޓަމަރުންނަށް ދޭށެވެ. ޗެޓްތައް މިފަދައިން އެންކްރިޕްޓް ކުރެވިފައި އޮތުމާއެކުވެސް، ބެކަޕްތައް ސްޓޯރ ކުރެވެމުން އައީކީ އެއްވެސް އިތުރު ސެކިއުރިޓީއަކާ ނުލައެވެ. ވަޓްސްއެޕްއިން އަލަށް ގެނައި ބަދަލަކީ މިއީއެވެ.

ވަޓްސްއެޕްއިން އެންޑް-ޓު-އެންޑް އެންކްރިޕްޓެޑް ބެކަޕްތައް ތަޢާރަފުކުރަން އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. މިފީޗާ ފުރަތަމަ ދޫކުރެވިގެން މިދަނީ ވަޓްސްއެޕްގެ ބޭޓާ ރިލީޒްއާއި އެކުގައެވެ. މިގޮތުން މިހާރު މިފީޗާރ ވަޓްސްއެޕްގެ ސްޓޭބަލް ވާރޝަންތަކުން ލިބެމުންދާނެއެވެ.

މިހާރު ޗެޓް ބެކަޕްތައް ރައްކާކުރެވިފައިވާނީ، އެބޭނުންކުރާ ފަރާތަކަށް އެކަނި އިނގޭ ޕާސްވޯޑަކުން ނުވަތަ 64-ޑިޖިޓުގެ އެންކްރިޕްޝަންކީއަކުން އެކަނި އެންކްރިޕްޓުކުރެވޭ ގޫގުލް ޑްރައިވެއްގައެވެ. އެހެންކަމުން މިހާރު އެމީހަކަށް ނޫނީ، އެމީހެއްގެ ވަޓްސްއެޕް ބެކަޕްތަކުގައި ރައްކާތެރިކުރެވިފައިވާ ޒާތީ މަޢުލޫމާތުތަކާއި ޗެޓްލޮގްތަކެއް ނުފެންނާނެއެވެ. ބޭނުންކުރާ ފޯނު ނުވަތަ ވަސީލަތް ބަދަލުވުން ކަހަލަ ކަމެއް ދިމާވެގެން ވަޓްސްއެޕް ރިސްޓޯ ކުރަން ޖެހިއްޖެ ހާލަތުގައި، އިސްވެދެންނެވުނު ޕާސްވޯޑް، ނުވަތަ 64 ޑިޖިޓުގެ އެންކްރިޕްޝަން ކީ ބޭނުންކޮށްގެން ބެކަޕްކުރެވިފައިވާ ޗެޓްތައް އާފޯނަށް ނުވަތަ ވަސީލަތައް ބަދަލުކުރެވޭނެއެވެ.

ވަޓްސްއެޕްގެ ބެކްއަޕް އެންކްރިޕްޓް ކުރުމަށްޓަކައި އެންމެ ފުރަތަމަ ވަޓްސްއެޕް ހުޅުވާލައިފި ދާންޖެހޭނީ އެޕްގެ ސެޓިންގްތަކަށެވެ. ސެޓިންގްތަކުގެ ތެރެއިން ޗެޓްސްއަށް ފިއްތާލުމާއެކު ޗެޓް ބެކަޕް ފެނިގެންދާނެއެވެ. ޗެޓް ބެކަޕް ޚިޔާރުކުރުމުން އެންޓުއެންޑް އެންކްރިޕްޓެޑް ބެކަޕް ޖެއްސުމުގެ އިޚްތިޔާރު ލިބިގެންދާނެއެވެ. މިގޮތުން ކުރިއަށްދާއިރު އަމިއްލަ ޕާސްވޯޑެއް ނުވަތަ އެންކްރިޕްޝަންކީއެއް ޚިޔާރުކުރުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް ފަހިވެގެންދާނެއެވެ. މިއާއިއެކު ވަޓްސްއެޕްއިން ބެކަޕްގެ އެންކްރިޕްޓުކުރަން ފައްޓާނެއެވެ.

ޕާސަނަލް އަދި ގުރޫޕު ޗެޓްލޮގްތަކާއި ޚިލާފަށް ޗެޓް ބެކަޕް އެންކްރިޕްޓު ކުރުމަކީ އެޕް ބޭނުންކުރާ ފަރާތްތަކަށް ލާޒިމްކަމެއް ނޫނެވެ. ބޭނުންވެލައްވާނަމަ ބެކަޕް އެންކްރިޕްޓު ނުކޮށްވެސް ކުރިއެކޭ އެއްފަދައިން ވަޓްސްއެޕް ބޭނުންކުރެވިދާނެއެވެ. މިހާރު މި އަޕްޑޭޓް ގޫގަލް ޕްލޭ ސްޓޯރ އިން ލިބެން ހުރި ނަމަވެސް، ފަހަރުގައި ފޯނަށް އަޕްޑޭޓް އަންނަން ލަސްވެދާނެކަމަށް ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި ފޭސްބުކްއިން މަޢުލޫމާތުދެއެވެ.


ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.