ޕްރިންޓަރުން ދެލިހުސްވީމާ ސްކޭންނުކުރެވޭތީ ކެނޮންގޮވައިގެން ކޯޓަށް!

ޙުސައިން ދީމް މުޙައްމަދު 17 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކެނޮންގެ ބައެއް ޕްރިންޓަރުތަކުންން ދެލިހުސްވީމާ ސްކޭން އަދި ފެކްސްކުރުމުގެ ފަންކްޝަން ޑިސްއޭބަލްކުރާކަމުގެ ތުހުމަތުގައި ކެނޮން ޔޫއެސްއޭއާއި ދެކޮޅަށް ދަޢުވާކޮށްފިއެވެ. އަންގާރަދުވަހު ކެނޮންއާއި ދެކޮޅަށް އޮޅުވައިލައިގެން އިޝްތިހާރުކުރުމާއި ނުހައްގުން ފައިސާވެރިވުމުގެ ދަޢުވާ ކޯޓަށް ހުށައެޅީ ޑޭވިޑް ލިއޭކްރާފްޓް ނަމަކަށް ކިޔުނު ކެނޮންގެ ކަސްޓަމަރެކެވެ.

ދެލިހުސްވުމުން ސްކޭން ނުކުރެވުން:

މިމައްސަލަ ފެންމަތިވީ، ޑޭވިޑަށް އޭނާ ގެންގުޅޭ ކެނޮންގެ ޕިކްސްމާ އެމްޖީ6320 މަރުކާގެ "އޯލްއިންވަން" ޕްރިންޓަރުން ދެލިހުސްވީމާ ސްކޭންއަދި ފެކްސް ނުކުރެވޭކަން ފާހަގަކުރެވިގެންނެވެ. ސްކޭންއަދި ފެކްސްކުރުމަކީ ދެލި ބޭނުންނުކުރާ ދެމަސައްކަތްކަމުން، ޕްރިންޓަރުން ދެލިހުސްވީމާ އެދެޚިދުމަތްވެސް ހުއްޓެންވީ ސަބަބެއް ޑޭވިޑަކަށް ނުވިސްނުނެވެ.

ކޯޓަށް ހުށައެޅުނު ޝަކުވާގައި "ޑޮކިއުމެންޓެއް ސްކޭންކުރަން ޕްރިންޓަރުގައި ދެލިބަހައްޓަންޖެހޭކަން އިނގުނު ނަމަ މައްސަލަ ހުށައެޅި ފަރާތުން، އެޕްރިންޓަރުގެ އަގުދީގެން އެ ޕްރިންޓަރު ނުގަތީސް" ކަމަށް ބަޔާންކޮށްފައިވެއެވެ. މިއީ އެހެންނަމަވެސް މިމައްސަލައިގެ އަޑު އުފުލެވުނު ފުރަތަމަ ފަހަރެއްނޫނެވެ. 2016ވަނަ އަހަރުއްސުރެ ފައްޓައިގެން އެކިއެކި ކަސްޓަމަރުން ހަމަ މިމައްސަލަ ކެނޮންއަށް ހުށައެޅިއެވެ. އެހެންނަމަވެސް ކެނޮންއިން ދޭ ޖަވާބަކީ ޕްރިންޓަރު ބޭނުންކުރަން ދެލިހުސްނުވާ އިންކު ކާޓުރިޖެއް އިންސްޓޯލްކޮށްފައި ބަހައްޓަންޖެހޭނެ ކަމަށެވެ.

ކޯޓުގައި އުފުލުނު ޝަކުވާގައި ފާހަގަކޮށްފައިވާގޮތުގައި، ކެނޮންގެ ޕިކްސްމާ އެމްޖީ2522 ފަދަ މޮޑެލްތަކުގެ ބޭރުފޮށީގައި އެ އިޝްތިހާރުކުރުމަށްޓަކައި "އޯލްއިންވަން" ޕްރިންޓަރެއްގެ ގޮތުގައި، ސްކޭން، ޕްރިންޓު އަދި ކޮޕީކުރުމުގެ ޚިދުމަތް ލިބޭނެކަމުގައި ޖަހާފައި އޮވެއެވެ. އެހެނަސް ދެލިހުސްވީމާ މިތިންޚިދުމަތްވެސް ހުއްޓުމަކަށް އަންނާނެކަމަކަށް އަންގާފަކައެއް ނޯވެއެވެ.

މީގެއިތުރުންވެސް ކެނޮންގެ ޕްރިންޓަރުތަކާބެހޭ ކަމެއް ފާހަގަކުރެވުނެވެ. އެއީ ގްރޭސްކޭލްކޮށް ޕްރިންޓުކުރަން ބޭނުންވިޔަސް، ހުރިހާ އިންކު ޓޭންކެއްގައި ދެލިހުންނަންޖެހޭނެކަމަށް ކެނޮންއިން އަންގާފައިވާކަމެވެ. ކެނޮންއިން ބުނަނީ އެއީ ޕްރިންޓަރު ހަލާކުވެދާނެތީ ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅެކެވެ. ކެނޮންއިން އަންގަނީ "ޕިކްސްމާ އެމްއެކްސް 710 މޮޑެލްގެ ޕްރިންޓަރު ބޭނުންކުރާއިރު އޭގެ ހުރިހާ އިންކުޓޭންކަކަށްވެސް ދެލިއެޅިފައި ހުންނަންޖެހޭނެއެވެ. އެންމެ ޓޭންކެއްވެސް ހުސްކޮށްހުރެ ޕްރިންޓުކުރަން މަސައްކަތްކޮށްފިނަމަ ޕްރިންޓަރަށް ގެއްލުން ލިބޭނެއެވެ".

ކަސްޓަމަރުންނަށް ކާޓުރިޖު ގަންނަން މަޖުބޫރުކުރުން:

ކެނޮންއާއި ދެކޮޅަށް ކޯޓުގައި އުފުލުނު ދަޢުވާގައި، ކެނޮން އެމީހުންގެ ޕްރިންޓަރުތައް ބޭނުންކޮށްގެން ނާޖާއިޒުގޮތުގައި ކަސްޓަމަރުން ލައްވާ ކާޓުރިޖު ގަންނަން މަސައްކަތްކުރާކަމަށް ތުހުމަތުކޮށްފައިވެއެވެ. މިގޮތުން، އިންކުޓޭންކުތަކުން ދެލިހުސްވިޔަސް، އެޔާ ގުޅުމެއްނެތް ސްކޭންކުރުމާއި ފެކްސްކުރުންފަދަ ޚިދުމަތްތަކަށް ބުރޫއަރުވައިގެން، ކަސްޓަމަރުން ލައްވާ ކާޓުރިޖު ގަނުވަނީކަމަށް މިޝަކުވާގައި ތުހުމަތުކުރެއެވެ.

"ކެނޮންގެ ސިންގަލް ފަންކްޝަން ޕްރިންޓަރުތަކާ ޚިލާފަށް މިމޮޑެލްތަކުގެ ޕްރިންޓަރުތައް ވިއްކާ އިޝްތިހާރުކުރަމުން މިދަނީ 'ތްރީއިންވަން' ނުވަތަ 'ފޯއިންވަން' މަލްޓިފަންޝަނަލް އާލާތްތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް އިންކުޓޭންކުތަކުން ދެލިހުސްވީމާ އެތިން ނުވަތަ ހަތަރު ފަންކްޝަނުންކުރެ އެއްފަންކްޝަންވެސް ބޭނުމެއްނުކުރެވެއެވެ. މިމޭރުމުން މަލްޓިފަންކްޝަނަލް ޕްރިންޓަރުތަކެއްގެ ގޮތުގައި އެމޮޑެލްތައް އިޝްތިހާރުކުރަމުން ގެންދިޔުމަކީ ކެނޮންއިން ހަދާ ދޮގެކެވެ. އަދި ޢާއްމުންނަށް އޮޅުވައިލައި އޮޅުވާލުމެއްމެއެވެ". މައްސަލައިގައި ބަޔާންކުރެވިފައިވެއެވެ.

މައްސަލައިގައި ތުހުމަތުކޮށްފައިވަނީ ކެނޮންއިން މިފަދައިން މިޢަމަލުކުރަނީ، ކާޓުރިޖު ވިއްކައިގެން އެމީހުންނަށް ލިބޭ ފައިދާ ބޮޑުކުރާށެވެ. މިއީ ނާޖާއިޒުގޮތުގައި އެމީހުން ލިބިގަންނަ މުއްސަނދިކަމެއްކަމަށްވެސް މައްސަލައިގައި ފާހަގަކުރެއެވެ. ގިނަފަހަރު ދެއްޔަކީ ބޭނުންކުރިޔަސް ނުކުރިޔަސް ދެތިން އަހަރުތެރޭ އެކްސްޕަޔާވާ އެއްޗެކެވެ. އެހެންވީމާ ޕްރިންޓަރު އެހާ ގިނައިން ބޭނުންނުކުރާ މީހަކު ނަމަވެސް ޖެހޭނީ އަބަދު އާކާޓުރިޖު ގަންނާށެވެ.

ކެނޮންއިން އެމީހުންގެ އޯލްއިންވަން ޕްރިންޓަރުތައް ފަރުމާކޮށްފައިވަނީ، އިންކުޓޭންކުތަކުގައި ދެލިމަދުވުމާއެކު ޑިޓެކްޓުކުރެވޭ ސިސްޓަމްއެއްލާފައެވެ. އެހެންވީމާ ދެންމިވާގޮތަކީ ޕްރިންޓަރުން ދެލިހުސްވީމާ ނުވަތަ މަދުވީމާ ސްކޭނަރާއި އެހެނިހެން ފަންކްޝަންތައްވެސް ހުއްޓެނީއެވެ. މިހެންހެދީމާ މިޖެހެނީ ބޭނުންކުރިޔަސް ނުކުރިޔަސް އަބަދުވެސް އިންކުޓޭންކުތައް ފުރާފައި ބަހައްޓާށެވެ. އެހެންނަމަވެސް މިފަދަގޮތަކަށް އެޕްރިންޓަރުތައް ކެނޮންއިން ފަރުމާކުރަންވީ އެއްވެސް ސަބަބެއްނެތެވެ. މިހެން ހެދީމާ ކެނޮންއަށް ލިބޭ މޮޅަކީ އެމީހުންގެ ކާޓުރިޖު ސޭލްތައް މަތިވެފައި އޭގެ ފައިދާތައް އިތުރުވުމެވެ.

5000،000 ޑޮލަރު ހޯދުމަށްއެދި މިމައްސަލަ ހުށައެޅިފައިވަނީ ނިއު ޔޯކުގެ އީސްޓް ޑިސްޓްރިކްޓުގެ ޑިސްޓްރިކްޓު ކޯޓަށެވެ.


ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.