ޔޫކޭ ގައި ފިޔުޝަންއެނާޖީ ޕްލާންޓްތަކެއް ޤާއިމްކުރަނީ

ޙުސައިން ދީމް މުޙައްމަދު 18 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އިނގިރޭސިވިލާތުގައި ޕްރޮޓޯޓައިޕް ފިޔުޝަން އެނާޖީ ޕްލާންޓްތަކެއް ޤާއިމްކުރާން ފެންނަ ފަސް ސަރަހައްދެއް އިޢުލާންކޮށްފިއެވެ. "ސްޕެރިކަލް ޓޮކަމަކް ފޮ އެނާޖީ ޕްރޮޑަކްޝަން (ސްޓެޕް)" ގެ ނަމުގައި ހިންގާ މިމަޝްރޫޢަކީ ފުލީ އޮޕަރޭޝަނަލް ޕަވަރ ސްޓޭޝަނެއްގެ ހުރިހާ ސިފައެއް ހިމެނޭފަދަ ފިޔުޝަން ރިއެކްޓަރެއް 2040ވަނަ އަހަރުގެ ނިޔަލަށް ޤާއިމްކުރެވޭތޯ ހިންގާ ޕްރޮޖެކްޓެކެވެ. މިހާތަނަށް މިޕްލާންޓްތައް ބަހައްޓަން ގަސްތުކޮށްފައިވަނީ ސްކޮޓްލެންޑުގެ އެއްސައިޓަކާއި އިންގްލެންޑުގެ ހަތަރު ސައިޓެއްގައެވެ. ނަމަވެސް މިސައިޓްތައް މިސަރަހައްދުތަކުގައި ބަހައްޓާނެކަން ކަށަވަރުކުރުން އޮތީ 2022ގެ ފަހުކޮޅުގައެވެ.

ސްޓެޕްގެ މިޕްރޮޖެކްޓު ބިނާވެފައިވަނީ، އިނގިރޭސިވިލާތުގެ "ކަލްހަމް ސެންޓަރ ފޮރ ފިޔުޝަން އެނާޖީ (ސީސީއެފްއީ)" ގައި ތަރައްޤީކުރެވެމުންދާ "ސްޕެރިކަލް ޓޮކަމަކް ޓެކްނޮލޮޖީ ގެ މައްޗަށެވެ. ސީސީއެފްއީއަކީ އޮކްސްފޯޑްޝިޔާގެ ކަލްހަމް ސައިންސް ސެންޓަރުގައި ހިންގަމުންދާ ޔޫކޭ އެޓޮމިކް އެނާރޖީ އޮތޯރިޓީއަށް މިލްކުވާ އެއޮތޯރިޓީގެ ބެލެހެއްޓުމުގެ ދަށުގައިވާ ސެންޓަރެކެވެ. މިހާރުވެސް މިސެންޓަރުގައި، މުޅިދުނިޔެއިންވެސް ފާހަގަކޮށްލެވޭފަދަ ދެ ފިޔުޝަން ޓޮކަމަކްއެއް އޮވެއެވެ. އެއީ މެގަ އެމްޕް ސްޕެރިކަލް ޓޮކަމަކް (މަސްޓް-ޔޫ) އަދި ޖޮއިންޓް ޔޫރޮޕިއަން ޓޯރަސް މިދެ ފިޔުޝަން ޓޮކަމަކްއެވެ.

2019ވަނަ އަހަރުގައި އިނގިރޭސި ސަރުކާރުންވަނީ، ސްޕެރިކަލް ޓޮކަމަކް ޓެކްނޮލޮޖީގެ މައްޗަށް ބިނާވެފައިވާ ފިޔުޝަން ޕަވަރަ ޕްލާންޓެއް ޤާއިމްކުރާނެ ކޮންސެޕްޓް ޑިޒައިން ރިޕޯޓެއް ތައްޔާރުކުރުމަށް 222 މިލިއަން ޕައުންޑް ހުށައަޅާފައެވެ. މިކޮންސެޕްޓުއަލް ޑިޒައިން ރިޕޯޓުގެ ތެރޭގައި، މިޕްރޮޖެކްޓު ޤާއިމްކުރުމަށް ބޭނުންވާނެ، ޕްރޮޓޯޓައިޕް ކުރާނެ ކޮންޕޯނެންޓުތަކާއި، މެޓީރިއަލް ރިސާޗެއްގެ އިތުރުން، ރޮބޮޓިކްސް ޑެވެލޮޕްމަންޓާއި ކޮންޕިއުޓަރ މޮޑެލިންގް ހިމެނިފައިވެއެވެ. މިޑިޒައިން ތައްޔާރުކުރުމަށް 300 އަށްވުރެ ގިނަ މީހުން މަސައްކަތްކުރަމުން ގެންދާއިރު 2024ވަނަ އަހަރު ނިމެންވާއިރަށް މި ރިޕޯޓު ތައްޔާރުވާނޭ ކަމަށް ބެލެވެއެވެ. މިގޮތުން 2040 ވަނަ އަހަރު ވާންވާއިރަށް ފުލީ އޮޕަރޭޝަނަލް ފިޔުޝަން އެނާޖީ ޕްލާންޓެއް ޤާއިމްކުރުމަށްޓަކައި މިޑިޒައިން ތައްޔާރުކުރުމަށްކުރާ މަސައްކަތް، ކޮވިޑު-19ގެ ޢާލަމީވަބާގެ ތެރޭގައިވެސް ވަރުބަލިކަމެއްނެތި އެބަ ކުރިއަށް ގެންދެއެވެ.

ޕްލާންޓްތައް ޤާއިމްކުރާނޭ ސައިޓްތައް ހޮވުމަށް އެންމެފުރަތަމަ ހުޅުވާލެވުނީ ޑިސެންބަރު 2020ސާއި މާރިޗު 2021ގެ ދޭތެރޭގައެވެ. މިގޮތުން ފުރަތަމަ 15 ސައިޓެއްވަނީ ތަޙްޤީޤުކުރެވިފައެވެ. މިއާއެކު މިހާރު ފަސްސައިޓެއްވަނީ އިތުރު ތަޙުޤީޤުތަކަށް ޝޯޓްލިސްޓުކުރެވިފައެވެ. އެއީ އިންގްލެންޑުގެ ހަތަރު ސައިޓެއްކަމުގައިވާ ގައޯލް، މުއަރސައިޑް، ރެޓްކްލިފްއޮންސޯ އަދި ސެވޭރން އެޖްގެ އިތުރުން ސްކޮޓްލެންޑުގައި އަރްޑީރުއެވެ.

ޔޫކޭ އެޓޮމިކް އެނާރޖީ އޮތޯރިޓީގެ ސްޓެޕް ޕްރޮގްރާމް ޑައިރެކްޓަރު ޕޯލް މެތުވެން ވިދާޅުވިގޮތުގައި، މިސައިޓުތައް ޝޯޓްލިސްޓުކުރެވުމަކީ ދުނިޔޭގެ އެންމެ ފުރތަމަ ފިޔުޝަން ޕަވަރ ޕްލާންޓު، ޔޫކޭގައި ޤާއިމްކުރުމަށް މިކުރެވޭ ދިގުދަތުރުގައި އެޅުނު ވަރަށްވެސް ބޮޑުފިޔަވަޅެކެވެ. އެގޮތުން މިއީ މިވީހާތާކު ކުރެވުނު މަސައްކަތައް އަމަލީ ކުލަޖައްސައިދީ، މިޕްރޮޖެކްޓުގެ ޑިޒައިނާއި ޑެލިވެރީގެ ފޯކަސް ސީދާކޮށް ކުރިއަށްދާން ހިތްވަރުދިން ކަމެކެވެ. މިސައިޓުތަކުގައި ދެން އެންމެ އަވަހަށް ކުރަން އޮތް މަސައްކަތަކީ، އެސަރަހައްދުތަކުގައި ދިރިއުޅޭ ޢާއްމުންގެ ޚިޔާލު ހޯދާ، މިސައިޓުތައް ޤާއިމްކުރަން ޕްރޮޕޯޒްކުރެވުނު ސައިޓުތައް ވަށައިގެންވާ ސޯޝިޔޯ އިކޮނޮމިކް، އަދި ވިޔަފާރިއާއި ޓެކްނިކަލް ކޮންޑިޝަންތައް ތަޙުލީލުކުރުމެވެ.

މިއަހަރުގެ ކުރީކޮޅު، މިޕްރޮޖެކްޓުގައި ބޭނުންކުރުމުގެ ފުރުސަތު ބޮޑު މާސްޓް-ޔޫ ފިޔުޝަން ޓޮކަމަކްގައި ކުރެވުނު ތަޖުރިބާތަކުން، ރިއެކްޓަރުން ދޫކުރެވޭ ބޭކާރު ހޫނު، ދިހަގުނަ ކުޑަކުރެވޭނެ ގޮތްތައް ސްޓެޕްއަށްވަނީ ހޯދިފައެވެ. މިހޯދުންތަކުގެ އަލީގައި އެހެން ފިޔުޝަން ރިއެކްޓަރުތަކުންވެސް ދޫކުރެވޭ ހޫނު މަދުކުރެވިއްޖެނަމަ، ރިއެކްޓަރުގެ އެގްޒްހޯސްޓާއި އެހެނިހެން ބައިތައް ބަދަލުކުރަންޖެހޭލެއް މަދުވެ، މިރިއެކްޓަރުތައް ބެލެހެއްޓުމަށް ދާ ޚަރަދު ކުޑަކުރެވިގެންދާނެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.