ބިޓްކޮއިންގެ އަގު އަނެއްކާވެސް 62،000 ޑޮލަރު ހުރަސްކޮއްފި

ޙުސައިން ދީމް މުޙައްމަދު 18 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކްރިޕްޓޮކަރެންސީތަކުގެ ރަސްގެފާނު، ބިޓްކޮއިންގެ އަގު މިވަނީ 60،000 ޑޮލަރަށްވުރެ މައްޗަށް އަނެއްކާވެސް އަރާފައެވެ. މިގޮތުން މިއާޓިކަލް ލިޔަންފެއްޓިއިރުވެސް ބިޓްކޮއިންގެ އަގުއުޅެނީ 62،300 ޑޮލަރާ ހިސާބުގައެވެ. މިއަހަރު އޭޕްރީލްމަހުގައި ބިޓްކޮއިންގެ އަގުވަނީ 64،800 ޑޮލަރާ ހަމައިގައެވެ. މިއީ މިހާތަނަށް ބިޓްކޮއިންގެ އަގުއެރި އެންމެ މަތީ މިންވަރެވެ.

ބިޓްކޮއިންގެ އަގުއެރިކަމަށް ލަފާކުރެވެނީ ހުކުރުދުވަހު އެސްއީސީއިން ބިޓްކޮއިން ފިޔުޗާޒް އެކްސްޗޭންޖް ޓްރޭޑެޑް ފަންޑްސް (އީޓީއެފް) އަށް ފެހިސިގްނަލް ދިނުމާއެކުއެވެ. ބިޓްކޮއިން ފިޔުޗާޒްއަކީ ބިޓްކޮއިން ގަތުމަކާނުލައި، އޭގެ އަގާއިމެދު އިންވެސްޓަރުންނަށް ސްޕެކިއުލޭޓްކުރެވުމަށް ހުޅުވޭ ދޮރެކެވެ. މިގޮތުން ބިޓްކޮއިން ފިޔުޗާޒް އަށް އިންވެސްޓްކުރުން ބިޓްކޮއިންއަށް އިންވެސްޓުކުރުމަށްވުރެ ރައްކާތެރިވާނެއެވެ.

"ފިޔުޗާޒް" އަކީ ވަކިދުވަހަކު ވަކިއަގެއްގައި މުދަލެއްގަތުމަށް ވެވޭ އެއްބަސްވުމެކެވެ. މީގެ މިސާލަކީ މީގެ ފަސްއަހަރު ދުވަހުގެ ތެރޭ އެއްބިޓްކޮއިން 100،000 ޑޮލަރަށް ގަތުމަށް އެއްބަސްވުމެވެ. މިގޮތުން އެދުވަހަކު 200،000 ޑޮލަރަށް ބިޓްކޮއިންގެ އަގުއަރާފައިވާނަމަ، މިއީ އެމީހަކަށް ލިބޭ އެއްލައްކަ ޑޮލަރުގެ ފައިދާއެކެވެ. ބިޓްކޮއިންގެ އަގު 100،000 އަށްވުރެ އެދުވަހުން ދަށްކަމުގައިވަނީނަމަ ލިބޭނީ ގެއްލުމެކެވެ. ފިޔުޗާޒް މަސައްކަތްކުރާ ގޮތަކީ މިއީއެވެ.

ފިޔުޗާޒްއަކީ ބިޓްކޮއިން އެންތޫސިއަސްޓުން ޑިމާންޑުކުރަމުންދާ ސްޓޭންޑާޑް އީޓީއެފްއާއި ތަފާތު އެއްޗެކެވެ. ސްޓޭންޑާޑް އީޓީއެފްއެއްގައި އިންވެސްޓަރުންނަށް އެއިންވެސްޓްކުރެވޭ އެސެޓުގެ އެކްޒްޕޯޝާ ލިބޭނެއެވެ. އެކަމަކު ފިޔުޗާޒް އިޓީއެފްގައި މިކުރާކަމަކީ މުސްތަޤްބަލުގައި އެމުދަލެއްގެ އަގު އަރާނެ ވަރެއް ދިމާކުރަނީއެވެ. މީގެ ކުރިން ބިޓްކޮއިންފަދަ ކްރިޕްޓޮކަރެންސީތައް އީޓީއެފްކޮށް ބޭނުންކުރުމަކީ އެދެވޭކަމެއްނޫނެވެ. އެއީ އޭގައި މަކަރާއި ހީލަތް އެކުލެވޭލެއް ބޮޑުކަމުންނެވެ.

ކޮންމެއަކަސް އެސްއީސީގެ ފްރޭމްވޯކްތެރެއަށް ބިޓްކޮއިން ތަޢާރަފްކުރުން ވެގެންދިޔައީ ބިޓްކޮއިންއަށް ވަރަށް ފައިދާ ބޮޑުކަމަކަށެވެ. މިކަމުގެ ސަބަބުން ބިޓްކޮއިން ނޫނަސް އެހެން ކްރިޕްޓޮކަރެންސީތަކުގެ އަގުވެސް އުފުލުނެވެ. މިގޮތުން ދުނިޔޭގައި އެންމެ ޢާއްމުކޮށް ބޭނުންކުރަމުން ގެންދާ ކްރިޕްޓޮކަރެންސީކަމުގައިވާ އެތީރިއަމް އަގުވެސް 13 އިންސައްތައަށް ވަނީ އިތުރުވެފައެވެ.

ބިޓްކޮއިންގެ އަގުއަރާފައި މިވަނީ ވަރަށްވެސް ކުއްލިގޮތަކަށެވެ. ހުސްވި ސެޕްޓެމްބަރު މަސް ފެށިގެން އައިއިރު ބިޓްކޮއިންގެ އަގަކީ އެންމެ 12،000 ޑޮލަރެވެ. މިހާރު މިއޮތީ 60،000 ޑޮލަރަށް އަގު ފުއްމާލާފައެވެ. މިއީ މިއަހަރުގެ މޭ މަހު، އީލޯން މަސްކު ބިޓްކޮއިންއަށް ކުރި ތާއީދު އަނބުރާ ގެންދިޔުމާއި، ޗައިނާގެ ކްރިޕްޓޮކަރެންސީތަކަށް އައި ލޮޅުމާއެކު ބިޓްކޮއިންއަށް ލިބުނު ގެއްލުމަށްފަހު ލިބުނު ވަރަށް އުއްމީދީ ކުރިއެރުމެކެވެ. ގިނަ އެނަލިސްޓުން ކުރިން އަންދާޒާކޮށްފައިވާގޮތަށް މިއަހަރުގެ ތެރޭގައި 100،000 ޑޮލަރަށް ބިޓްކޮއިންގެ އަގު އުފުލިދާނެކަމަށް އޮތް އުންމީދު މިހާރު ވަނީ އާވެފައެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.