އެންކްރިޕްޝަން ބަލިކަށި ވެއްޖެނަމަ މީހުން މަރުވެދާނެ - ސްނޯޑެން

ޢާއިޝަތު ޝައިހާ 22 އޮކްޓޯބަރު 2021

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަރުކާރުތަކުން ގޮވާލަމުން ދަނީ އަމިއްލަ މައުލޫމާތު ތަކަށް އެކްސެސް ވެވޭނެ ގޮތަށް އެންކްރިޕްޝަން ބެކްޑޯސް ގާއިމް ކުރުމަށެވެ. މިކަމުގެ ސަބަބުން އޮންލައިން ޕްރައިވެސީ ކަށަވަރު ކުރުމަށް އިތުރު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ.

ސަރުކާރު ތަކުން ގަބޫލް ކުރާ ގޮތުގައި އެންކްރިޕްޝަން އަކީ ކުށްވެރިން ހިމާޔަތް ކޮށްދޭ ކަމެކެވެ. އެކަމަކު އެއީ އެކްޓިވިސްޓުންނާއި، ދެކޮޅުވެރިންނާއި، އަނިޔާ ލިބެމުންދާ ޖަމާއަތްތަކާއި، އާދައިގެ ރައްޔިތުންނަށް ވެސް ހިމާޔަތް ދޭ ކަމެކެވެ.

އެމެރިކާގެ ޖާސޫސީ ނިޒާމިގެތެރޭގައި ހުރި އެތަކެއް ނުރަންގަޅު އާދަތަކާއި ގުޅޭގޮތުން "ވިސްލްބްލޯކުރި" އެޑްވަރޑް ސްނޯޑެން ނޫސްވެރިންނަށް އެންމެ ފުރަތަމަ ފޮނުވި މެސެޖުތަކަކީ އެންކްރިޕްޝަން ބޭނުންކޮށްގެން ކޮށްފައިވާ މެސެޖުތަކެއް ކަމަށް އޭނާ މީގެ ކުރިން ވެސް ވަނީ ބުނެފައެވެ. ނަތީޖާއަކަށްވީ އެމެރިކާގެ އެތައް މިލިއަން ބަޔަކު ޤަވާއިދާ ޚިލާފަށް މާސް ސަރވެލިއެންސްގެ ދަށުގައި ތިބިކަން ހާމަވެގެން ދިއުމެވެ.

"އެންކްރިޕްޝަން ބަލިކަށި ކޮށްފިނަމަ މީހުން މަރުވާނެ،" ސްނޯޑަން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. "މިފަހަރު އެކަނިވެސް އަފްޣާނިސްތާނުގެ ސަރުކާރު ވެއްޓުމަށްފަހު އަޅުގަނޑުމެންނަށް ފެނުނީ އާދައިގެ ރައްޔިތުން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންކްރިޕްޝަންގެ މުހިންމުކަން."

ސްނޯޑެން ގްލޯބަލް އެންކްރިޕްޝަން ކޯލިޝަނާ ގުޅުނީ އެންކްރިޕްޝަން ހިމާޔަތް ކުރުމުގެ ކެމްޕޭނެއް ފެށުމަށެވެ. މަދަނީ ޖަމްޢިއްޔާތަކުގެ ޓެކް ފާމްތަކުގެ ގްރޫޕުން އިންޒާރު ދޭ ގޮތުގައި އެންކްރިޕްޝަން ފޫއަޅުވާލުމަކީ މީހުން ކުށްކުރުމާއި ސާވޭލަންސްއަށް އިތުރަށް ނުރައްކާވާނެ ކަމެކެވެ.

"ގައުމީ ސަލާމަތުގެ ނަމުގައި ކުށެއް ނެތް މީހުންގެ ޕާސަނަލް ޑޭޓާތަކަށް ސަރުކާރުތަކުން އެކްސެސްވެ، ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާތަން ހުދު އަޅުގަނޑަށް ވަނީ ފެނިފައި،" ސްނޯޑަން ވިދާޅުވި އެވެ. "އެންކްރިޕްޝަން ބަލިކަށިވުމަކީ އެތައް ހާސް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާނެ ބޮޑު އޮޅުވާލުމަކަށް ވާނެ."

އެންޑް ޓު އެންޑް އެންކްރިޕްޝަން ގެ ސަބަބުން ސްނޯޑަން ހާމަކުރި ފަދަ ޖާސޫސީ ޕްރޮގްރާމްތައް ތަންފީޒު ކުރަން އުނދަގޫވާނެ - މިއީ ސަރުކާރުތަކުން އެކަން ހުއްޓުވަން ބޭނުންވާ އެއް ސަބަބު ކަމަށް ވެދާނެ އެވެ. ނިރުބަވެރިކަމާއި ހަނގުރާމަ ކުރުމުގެ ނަމުގައި ޤާނޫނު އުފައްދާ ފަރާތްތަކުން އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ނިކަމެތިކޮށްލި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

ސިޔާސީ ފަރާތްތަކުން ބުނަމުންދަނީ ކުށްކުރާ ގޭންގުތަކާއި، ޖިންސީ ގޯނާކުރާ މީހުން އެންކްރިޕްޝަން ބޭނުންކުރާ ކަމަށެވެ. އެކަމަކު ފުލުހުންގެ ސާވޭލަންސް އިން ސަލާމަތްވުމަށް ނަސްލީ އަދުލުވެރިކަމަށް ގޮވާލާ މުޒާހަރާގެ ބައިވެރިންނާއި، ސްނޯޑަން ޖަލުގައި ބެހެއްޓުމަށް ގޮވާލި ބައެއް ސިޔާސީ މީހުން ވެސް މީގެ ބޭނުން ކުރެއެވެ. ހަމަ އެހެންމެ، ރިޕޯޓަރުންވެސް އެމީހުންގެ މަސްދަރުތައް ރައްކާތެރިކުރުމަށް އެންކްރިޕްޝަންއަށް ބަރޯސާވެއެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސްގެ އިންޓަނެޓް ފްރީޑަމްގެ އެޑްވޮކަސީ އޮފިސަރު ލީސާ ޑިޓްމަރ ވިދާޅުވީ، މިހާރު ކުރިއަށްވުރެ ބޮޑަށް، ނޫސްވެރިންނަށް އެމީހުންގެ މަސައްކަތާއި ސަލާމަތަށް ޑިޖިޓަލް ނުރައްކާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. "އެންކްރިޕްޝަން އަކީ ނޫސްވެރިންނާއި އެ ނޫސްވެރިންގެ ވަސީލަތްތައް ހިމާޔަތްކޮށް، އެންމެ ނުރައްކާތެރި މާހައުލުތަކުގައި ވެސް މައުލޫމާތު ހިއްސާކުރުމަށް މަގުފަހިކޮށްދޭ، ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެއް."

ނަމަވެސް އެންކްރިޕްޝަން ގެ ބޭނުންތެރިކަން ބޮޑުވަމުން އަންނަ ވަރަކަށް، އެ އެންކްރިޕްޝަން ބަލިކަށި ކުރުމަށް ކުރާ މަސައްކަތް ވެސް ދަނީ އިތުރުވަމުންނެވެ. އިންޑިއާއިން އޮސްޓްރޭލިއާއަށް ނިސްބަތްވާ ސަރުކާރުތަކުން ދަނީ ޓެކް ކުންފުނިތަކުން އެމީހުންގެ އެންޑް ޓު އެންޑް އެންކްރިޕްޓެޑް ސިސްޓަމްތަކަށް ބެކްޑޯރ ހެދުމަށް ގޮވާލަމުންނެވެ. އިނގިރޭސިވިލާތުގައި ހެދިގެންދާ އާ ގަވާއިދެއްގެ ސަބަބުން، ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް އެމީހުންގެ އެންކްރިޕްޓެޑް ޑޭޓާއަށް އެކްސެސް ނުވެއްޖެނަމަ، ހިދުމަތް ދޭ ފަރާތްތަކުން، އެ މީހުންގެ އަމަލުގެ ޒިންމާ ޖިނާއީ ގޮތުން އުފުލަން ޖެހިދާނެ އެވެ.

އެހެން ނަމަވެސް، އެބޭފުޅުންގެ ހުށަހެޅުއްވުންތަކުގެ ސަބަބުން ޙަޤީޤަތުގައި މީހުން އިތުރަށް ނިކަމެތިވެދާނެ. އެއްވެސް އެންކްރިޕްޝަން ބެކްޑޯރ އަކީ ކުށްވެރިންގެ އަމާޒަކަށް ވެދާނެއެވެ. އެ މީހުންނަށް ލިބޭ މައުލޫމާތުގެ ސަބަބުން ގައުމީ ސަލާމަތާއި ފަރުދީ ޕްރައިވެސީ އަށް ވެސް ނުރައްކާވެދާނެ އެވެ.

"އެންކްރިޕްޝަން ގެ ސަބަބުން އަހަރެމެން އެންމެންނަށް ވެސް ރައްކާތެރިކަން ލިބޭ،" ސްނޯޑަން ވިދާޅުވި އެވެ. "ދަރިންގެ ފޮޓޯ ރައްކާތެރިކުރާ އާއިލާތަކުން ފެށިގެން، އަމިއްލަ ސިއްހީ މައުލޫމާތުތަކާ ހަމައަށް، އެންކްރިޕްޝަން ގެ ސަބަބުން އަޅުގަނޑުމެންގެ އަމިއްލަ މައުލޫމާތު ތައް ޕްރައިވެޓްކޮށް ބެހެއްޓޭ."

އަޅުގަނޑުމެން އެންމެންގެ ވެސް ސިއްރުން ދައްކަންބޭނުންވާ އެތަކެއް ވާހަކަތައް އެބަހުއްޓެވެ. އެންކްރިޕްޝަން ބެކްޑޯސްގެ ސަބަބުން މެލިޝަސް އެކްޓާރޒްއަށް އެއަށް ވަދެވުމުގެ އިތުރު މަގެއް ހުޅުވިގެން ދާނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.