ޔޫޓިއުބަރުންނަށް އަމާޒުކުރާ ފިޝިންގް ކެމްޕެއިނެއް!

ޙުސައިން ދީމް މުޙައްމަދު 24 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

15،000ހަށްވުތެ ގިނަ ފޭކް އެކައުންޓާއި މިލިއަނަކަށްވުރެ ގިނަ ފޭކް މެސެޖްތަކަކާއިއެކު ޔޫޓިއުބަރުންނަށް އަމާޒުކުރާ ފިޝިންގް ކެމްޕެއިނެއް ފަޅާއަރައިފިކަމަށް ގޫގަލްއިން ހާމަކޮށްފިއެވެ. 2019ގެ ފަހުކޮޅުން ފެށިގެން ތަފާތު އެކި ހެކަރުތަކުން ކުރިއަށް ގެންދިޔަ މިކެމްޕޭނުގެ ޝިކާރައަކަށްވީ 4000ހަށް ވުރެ ގިނަ އެކައުންޓު، ގޫގަލްއިންވަނީ ރިކަވަރ ކޮށްފައެވެ. މިއެކައުންޓުތަކަށް ހަމަލާދިން ހެކަރުން، ފޭކް ވެބްސައިޓެއް މެދުވެރިކޮށް އެކައުންޓުތަކުގެ ޕާސްވޯޑްތައް ހޯދުމުގެ ބަދަލުގައި، ސީދާ ކޮމްޕިއުޓަރުތަކަށް މެލްވެއާ ފޮނުވައިގެން، ލޮގިން ކުކީޒް ހިމެނޭގޮތަށް މުހިއްމު މަޢުލޫމާތުތައް ވަގަށް ނެގީއެވެ.

ޔޫޓިއުބުން މިހަމަލާތައް ފޮނުވީ ކޮން ހެކަރު ގުރޫޕަކުން ކަމެއް ހާމަކޮށްފައި ނުވިނަމަވެސް، އެހެކަރުން މުޢާމަލާތުކުރަން ބޭނުންކޮށްފައިވަނީ ރަޝިއާބަހުގެ ޕްލެޓްފޯމެއްކަމަށް މަޢުލޫމާތު ދީފައިވެއެވެ. ހެކަރުން އާއްމުގޮތެއްގައި އަމާޒުކުރަނީ ސަރުކާރު އޮފީސްތަކާއި ބޭންކުތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތަކެވެ. ޔޫޓިއުބުގެ އެކައުންޓުތަކަށް މިހަމަލާތައް އަމާޒުވާން ފެއްޓުމުން ދޭހަވަނީ، އަދުގެ ދުނިޔޭގައި ސޯޝަލްމީޑިއާ އެކައުންޓުތަކާއި އިންފްލުއެންސާތަކުގެ މުހިއްމުކަމާއި އެއެކައުންޓުތަކަށް އޯޑިއަންސުންދޭ ސަމާލުކަމުގެ ބޮޑުކަމެވެ.

އެކައުންޓުތައް ހެކުކުރުމަށް ބޭނުންކުރެވުނު އުކުޅަކީ، ވީޕީއެން ނުވަތަ އެންޓިވައިރަސް ސޮފްޓްވެއާއެއްގެ އިޝްތިހާރެއް، އެޕޭޖުގައި ޝާޢިއުކުރުމުގެ ނަމުގައި އެކައުންޓުގެ ވެރީންނާ މުއާމަލާތު ކޮށްގެނެވެ. އަދި އެއްބަސްވެއްޖެނަމަ، އެފަރާތުން ފޮނުވާ ލިންކަކުން ކޮމްޕިއުޓަރު އިންފެކްޓުކޮށްލަނީއެވެ. މިގޮތުން މެލްވެއާ މެދުވެރިކޮށް ކޮމްޕިއުޓަރުގެ ކުކީޒްތަކާއި ޕާސްވޯޑުތައް އަތުލާ ހެކުކޮށްލަނީއެވެ.

ޓޫފެކްޓާ އޮތެންޓިފިކޭޝަން ފީޗާގެ ސަބަބުން، ކުކީޒް ވެފައި މިވަނީ ހެކަރުންގެ އަމާޒުފަތްގަނޑަކަށެވެ. ވަކީން ޚާއްޞަކޮށް ލޮގިން ސެޝަންގެ މަޢުލޫމާތުތައް ރައްކާކުރުމަށް އެކައުންޓުތަކުން ބޭނުންކުރާ ކުކީޒްތަކަކީ ހެކަރުންވެ ވަރަށް ބޮޑު ސަމާލުކަމެއް ހޯދާފައިވާ އެއްޗެކެވެ. ސަބަބަކީ މިކުކީޒްތަކަކީ، ލޮގިން ވުމަށްޓަކައި ފުރަތަމަ ފަހަރު ޕާސްވޯޑުޖެހުމަށްފަހު ދެވަނަ ފަހަރު ނުޖަހަންޖެހޭގޮތަށް ރައްކާކުރާ ކުކީޒްތަކެވެ.

ހެކަރުންގެ މިކުކީޒްތައް އެކްސްޕަޔަރ ވުމުގެ ކުރިން ބޭނުންކުރެވިއްޖެ ނަމަ ޗެނަލްއެއްކޮށް އޯވަޓޭކްކޮށްލާ، ޕާސްވޯޑްތައްވެސް ބަދަލުކޮށްލުމުގެ ފުރުސަތުވެސް ހެކަރުންނަށް ލިބިގެންދެއެވެ. އަދި ޔޫޓިއުބު އެކައުންޓުތަކާއި ގޫގަލް އެކައުންޓުތައް ގުޅިފައިވާތީ، ޖީމެއިލް، ގޫގަލް ޑްރައިވް އަދި ގޫގަލް ފޮޓޯތައްފަދަ އިތުރު ސާވިސްތަކަށްވެސް ހެކަރުންނަށް އެކްސެސްވެވެއެވެ.

ގޫގަލްއިން މަޢުލޫމާތު ދިންގޮތުގައި ހެކުކުރުމަށް މިހުރިހާ މަސައްކަތެއްކޮށްފައި އެއެކައުންޓުތައް 3000-4000ޑޮލަރާ ދެމެދުގެ އަގަކަށް އެހެކަރުން ވިއްކާލައެވެ. އެހެންނަމަވެސް ގިނަލާރި ލިބޭފަދަ އެކައުންޓުތައް ހެކަރުން ބަހައްޓައެވެ. މިގޮތުން ޖޯން ޕްރޮސާ ނަމަކަށް ކިޔުނު މީހެއްގެ އެކައުންޓެއް ހެކުކުރުމަށްފަހު 10،000އަށްވުރެ ގިނަ ޑޮލަރު އެއެކައުންޓުގައި ބިޓްކޮއިންގެ އަގު ދެގުނަކޮށްދޭނެކަމަށްބުނެ ސްކޭމެއް ލައިވްސްޓްރީމްކޮށްގެން ހޯދިކަަމަށް ތުހުމަތުކުރެވިފައިވެއެވެ.

ޓޫ ސްޓެޕް ވެރިފިކޭޝަން ހުރިހާ ޔޫޓިއުބަރުންނަށް ލާޒިމްކުރަން ގޫގަލްއިން މިއަހަރު ނިންމާފައިވަނީ މިފަދަ އެޓޭކުތައް މަދުކުރެވޭތޯއެވެ. އަދި ހައިރިސްކް ޔޫސަރުންނަށް ގޫގަލްއިން ދަނީ ސެކިއުރިޓީ ކީވެސް ދޫކުރަމުންނެވެ. މިފިޔަވަޅުތަކުގެ ސަބަބުން ހެކުކުރުން ނުހުއްޓުނުކަމަކު، ހެކަރުންނަށް ހެކުކުރުމުގެ ޚަރަދާއި ކުރަންޖެހޭ މަސައްކަތް ބޮޑުވެގެންދެއެވެ. އުއްމީދަކީ މިފިޔަވަޅުތަކާއެކު ހެކުކުރުމުގެ ހަރަކާތްތައް ހިސާބަކަށް ނަމަވެސް ލުއިވެގެންދިޔުމެވެ.

މީގެއިތުރުންވެސް ގޫގަލްއިންދަނީ ހެކަރުންނާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ހެކަރުންގެ އީމެއިލްތަކާއި ފައިލްތައް ބްލޮކްކުރުމުގެ އިތުރުން ގޫގަލް ކްރޯމްގައި ނުކިއްސަރު ވެބްސައިޓަކަށް ވަދެވިއްޖެނަމަ އެކައުންޓަކަށް އިންޒާރު ފޮނުވައެވެ. އެހެންނަމަވެސް ހެކަރުން އެއްގޮތަކަށްވެސް ދޫދޭނެކަމަކަށްނުފެނެއެވެ. ޔޫޓިއުބް އަދި އެހެންވެސް ޕްލެޓްފޯމްތަކުގައި ހެކަރުންގެ އަމަލުތައް ކުރިއަށް އޮތްތާގައިވެސް ފެނިގެންދާނެއެވެ.


ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.