ޑިސްކޯޑް ވެސް ހެކަރުންގެ ޝިކާރައަކަށް

ޙުސައިން ދީމް މުޙައްމަދު 03 ނޮވެމްބަރު 2021

ޑިސްކޯޑަކީ ގޭމްކުޅުންތެރިންނާއި ސްޓްރީމަރުންގެ މެދުގައިވެސް މަޤްބޫލުކަން ހޯދާފައިވާ މީސްމީޑިއާއެކެވެ. ފަހަކަށް އައިސް ޑިސްކޯޑަކީ މެސެންޖަރ އަދި ވަޓްސްއެޕްފަދަ މެސެޖުކުރުމުގެ އެޕްތަކެކޭ އެއްގިންތިއެއްގައި ފާހަގަކޮށްލެވޭ މޮޅު ސޯޝަލް އެޕަކަށް ބަދަލުވެއްޖެެއެވެ. މިގޮތުން ދުނިޔޭގެ އެތައް މިލިއަން ބައެއްގެ ލޯތްބާއި އިތުބާރު ޑިސްކޯޑަށް ލިބިފައިވެއެވެ. އެހެންނަމަވެސް ދާދިފަހުން ލިބުނު ޚަބަރަކީ، މެލްވެއާ ފޮނުވުމާއި ހެކުކުރުމުގެ ހަރަކާތްތައް ޑިސްކޯޑުގައި އާއްމުވެފައިވާ ޚަބަރެވެ.

ރިސްކްއައިކިޔޫ އިން ނެރުނު ރިޕޯޓަކުން ހާމަކުރިގޮތުގައި ފަހަކަށް އައިސް ޑިސްކޯޑުގެ ސީޑީއެން ނެޓްވޯކް ބޭނުންކޮށްގެން ހެކުކުރާ މިންވަރު ވަނީ އާދަޔާ ޚިލާފަށް ގިނަވެފައެވެ. މިގޮތުން ޑިސްކޯޑުގެ ސީޑީއެން އައިޑީ ބޭނުންކޮށްގެން އެތައް މިލިއަން ޔޫސަރަކަށް ޕާސްވޯޯޑް ސްޓީލާޒްއާއި ރިމޯޓް އެކްސެސް ޓްރޯޖަންތަކެއް ފޮނުވާފައިވާކަމަށް އެރިޕޯޓުގައި ހާމަކުރިއެވެ. މިއީ ޑިސްކޯޑުން ފޮނުވާ އެކްސްޓެންޝަންތަކެއް ކަމަށް ހީކޮށް ޑައުންލޯޑްކުރެވުނު އެތައް މައުސޫމް ފަރާތެއްވަނީ ހެކަރުންގެ ހަމަލާތަކުގެ ޝިކާރައަކަށްވެފައެވެ.

މިގޮތުން ޑިސްކޯޑުގައި އެންމެ އާއްމުކޮށް ބޭނުންކޮށްފައި ހުންނަ މެލްވެއާއަކީ ރިމޯޓް އެކްސެސް ޓްރޯޖަންސް އެވެ. މިމެލްވެއާ ގިނަފަހަރު ބޭނުންކޮށްފައިހުރީ ޑިވައިސްތައް ހެކުކޮށްގެން އޭގައިހުރި ކްރިޕްޓޮކަރެންސީތައް ވަގަށް ނަގާށެވެ. ހެކުކުރެވުނު ބައެއް ޑިވައިސްތައް "ޒޮމްބީ ސިސްޓަމް" ތަކެއްގެ ގޮތުގައި ބޭނުންކޮށްގެން އިތުރު ޑިވައިސްތައް ހެކުކޮށްފައި ވަނީވެސް މަދެއް ކޮށެއް ނޫނެވެ.

ހެކަރުންގެ ނޭއްގާނީ ޢަމަލުތަކުގެ ސަބަބުން ޑިސްކޯޑަށް ލިބުނު މާލީ ގެއްލުމުގައި ސީދާ ޢަދަދެއް އަދި އިޢުލާންކޮށްފައި ނުވިކަމަކު، ޑިސްކޯޑު ބޭނުންކުރާ އެތައް މިލިއަން ފަރާތެއްވަނީ ނުރައްކަލުގެ ތެރެއަށް ވެއްޓިފައި ކަމަށް ވަނީ ކަށަވަރުކުރެވިފައެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.