މިއަހަރު ކުރީކޮޅު، ވަޓްސްއެޕްއިން އެމީހުންގެ ޕްރައިވަސީ ފީޗާޒް ތައް ރިވިއުކޮށް، ވަޓްސްއެޕްގެ ބެލެނިވެރި ކުންފުނި ކަމުގައިވާ ފޭސްބުކަށް (ނުވަތަ މިހާރުގެ ނަމުންނަމަ މެޓައަށް) އެއެޕްލިކޭޝަންގެ ފަރާތުން ފޯރުކޮށްދޭ މަޢުލޫމާތުތަކާ ގުޅޭ ޕޮލިސީ ރިވިއުކުުރުމާއެކު ގިނަ ފަރާތްތަކުން ވަޓްސްއެޕް ދޫކޮށްލާ ސިގްނަލް އަދި ޓެލެގްރާމްފަދަ އެޕްތަކަށް ބަދަލުވިއެވެ. މިހާރު މިއިވުނު ޚަބަރަކީ ވަޓްސްއެޕް ހިނގި މަގުން ސިގްނަލްވެސް ހިނގަށް ފަށައިފިކަމެވެ.
ސިގްނަލްގެ ޕްރައިވަސީ އަދި ސެކިއުރިޓީ ފީޗާޒްތައް ރިވިއުކުރުމާއެކު މިހާރު އެ އެޕް އޮޕަރޭޓްކުރަނީ "ކްލޯޒްޑް ސޯސް" އެއްގެ ގޮތުގައެވެ، މީގެ މާނައަކީ މިއެޕް ބޭނުންކުރާ ފަރާތްތަކުގެ ޑާޓާ ހިތުހުރިގޮތަކަށް އެކުންފުނީގެ ވެރީންނަށް ބޭނުންކުރުމަށް މަގުފަހުވެއްޖެއެވެ. އެހެންވީމާ ސިގްނަލް ބޭނުންކުރާ ފަރާތްތަކުގެ ޑާޓާވެސް ފަސޭހަކަމާއެކު މެޓަ ނުވަތަ އެމަޒޮން ފަދަ ބޮޑެތި ކުންފުނިތަކުން ގަތުމުގެ ފުރުސަތު ފަހިވެގެން އެބަދެއެވެ. ސިގްނަލްގެ ކަސްޓަމަރުންނަށް ގެއްލުންވާނެފަދަ ގޮތަކަށް އެކުންފުނީގެ ޕްރައިވަސީ ޕޮލިސީ އަޕްޑޭޓްކުރަން ނިންމީ، ސްޕޭމްތަކުން ޔޫސަރުން ރައްކާތެރި ކުރުމުގެ ބަހަނާގައެވެ. އެހެންނަމަވެސް މިއީކީ މުޅިއަކުން ހަމަޖެހޭ އުޒުރެއްނޫނެވެ. ސަބަބަކީ، މިހާރު އަޕާޗޭ ސްޕޭމް އެސޭސިން އަދި މެއިލް ކްލީނަރ ފަދަ ޕްރޮގްރާމްތައް ބޭނުންކޮށްގެން، އޯޕަން ސިސްޓަމެއްގެ ގޮތުގައި އޮވެގެންވެސް ސްޕޭމް ހުއްޓުވެއެވެ.
އެންމެ ހިތާމަވެރިކަމަކީ، ކަސްޓަމަރުންގެ ޕްރައިވަސީއާއި މެދު މިކަހަލަ ނޭއްގާނީ ގޮތަކަށް އަމަލުތައް ބަހައްޓަނީ ހަމައެކަނި ސިގްނަލް ނުވަތަ ވަޓްސްއެޕް ނޫންކަމެވެ. 1990ގެ އަހަރުތަކުއްސުރެ ފައްޓައިގެން އުފެދުނު ގިނަ މެސެޖިންގް އެޕްތަކުން ކަންކުރަނީ ހަމަ މިހެންނެވެ. މިއިގެން ކޮންމެ ކުންފުންޏަކުންވެސް އެޕް ތަޢާރަފުކުރާތާ ކުރީކޮޅު އިޝްތިހާރުކޮށްގެން ބޮޑު ޔޫސަރ ބޭސްއެއް ޤާއިމްކުރެއެވެ. ދެން ޕްރައިވަސީ ޕޮލިސީ ބަދަލުކޮށްލައިގެން ކަހަލަ ގޮތަކަށް އެޔޫސަރުންގެ ނާޖާއިޒް ފައިދާ ނަގައެވެ. ގިނަފަހަރު މިއާއެކު އެޔޫސާރ ބޭސް އެ އެޕްދޫކޮށްލާފައި ދިޔަނަމަވެސް، އެޔޫސަރުންގެ ޕްރައިވަސީ ވިއްކާލައިގެން އެއެޕަށް ލިބޭ ފައިދާތައް މާބޮޑެވެ. މިހާތަނަށް ކަސްޓަމަރުންގެ ޕްރައިވަސީ ނަހަމަގޮތުގައި ބޭނުންނުކޮށްތިބީ އީމެއިލް، އައިއާރުސީ އަދި އެކްސްއެމްޕީޕީ ކަހަލަ ވަރަށް މަދު ޕްލެޓްފޯމްތަކެކެވެ.
ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.