ބްލޫޓޫތް ސިގްނަލް ބޭނުންކޮށްގެން ފޯނުތަކުގެ ލޮކޭޝަން ހޯދޭ

ޙުސައިން ދީމް މުޙައްމަދު 11 ނޮވެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ބްލޫޓޫތަކީ އަހުރެމެން ދެކެފަރިތަ އެއްޗެކެވެ. ފޯނާއި ކޮމްޕިއުޓަރުގެ އިތުުރުން، ސްމާޓްވޮޗް އަދި ވަޔަރލެސް ކީބޯޑް ތަކުގައިވެސް އަހުރެމެން ބްލޫޓޫތް ބޭނުންކުރަމެވެ. އެހެންނަމަވެސް ބްލޫޓޫތުގެ ޕްރައިވަސީ ފީޗާރކާ މެދު ސުވާލުކުރަނީ އަހުރެމެންކުރެ ކިތައް މީހުންގެ ބާއެވެ؟ ޒަމާނުއްސުރެއް ބްލޫޓޫތްގެ ސަލާމަތާއި ރައްކާތެރިކަމާމެދު މާހިރުން ސުވާލުއުފައްދައެވެ.

ދާދިފަހުން، ބްލޫޓޫތުގެ އަހުލުވެރީން ސިއްސުވާލި ޚަބަރަކީ، އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާ ސޭންޑިއޭގޯއިން ކުރިއަށް ގެންދިޔަ ދިރާސާއަކުން، ބްލޫޓޫތް މެދުވެރިކޮށް ޑިވައިސްތަކުގެ ލޮކޭޝަން ޓްރެކްކުރެވޭނެކަމަށް ހޯދުނު ޚަބަރެވެ. އެޔުނިވާސިޓީއަށް މިކަން ހޯދުނީ، ބްލޫޓޫތް އިން ބޭނުންކުރާ ހަކަތަ މަދުކުރެވޭތޯ އީޖާދުކުރި ބްލޫޓޫތު ލޯއެނާޖީ (ބީއެލްއީ) ޓެކްނޮލޮޖީ ދިރާސާކުރަމުން ދަނިކޮށެވެ.

އެޔުނިވާސިޓީއިން ބީއެލްއީ ދިރާސާކުރުމައްޓަކައި ތަޙްލީލު ކުރަމުން ދިޔައީ ބްލޫޓޫތުގެ ޑޭޓާގެ ބަދަލުގައި، އޭގެ ރޭޑިއޯ ސިގްނަލްތަކެވެ. މިގޮތުން އެސިގްނަލްތައް ދިރާސާކުރަނިކޮށް އެޔުނިވާސިޓީއަށް ހޯދުނު ކަމަކީ، ކޮންމެ ވަޔަރލަސް ޑިވައިސަކަށްވެސް ޚާއްޞަ ސިގްނަލްއެއް ލިބިފައިވާކަމެވެ. އިނގިލީގެ ނިޝާނެކޭ އެއްފަދައިން، މިސިގްނަލްއަކީ ކޮންމެ ޑިވައިސެއްގައިވެސް ތަފާތު ސިގްނަލްއެކެވެ. އެއްމަރުކާއެއްގެ ދެފޯނެއްގައިވެސް އެސިގްނަލް އެއްގޮތްނުވެއެވެ. އެހެންކަމުން މިސިގްނަލް ފާހަގަކޮށްލެވިއްޖެ މީހަކަށް އެއޮތީ އެޑިވައިސްއެއް ޓްރެކްކުރެވިފައެވެ.

މިއީ ބްލޫޓޫތް ބޭނުންކުރާފަރާތްތަކުން ފިކުރުކޮށްލަން ޖެހޭ ވަރުގެ ކަމެއްކަމުގައި ވީނަމަވެސް، އަދި މިސިގްނަލް ފާހަގަކޮށްލުމަކީ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ އެސިގްނަލްތަކަކީ ވަރަށް އެއްގޮތް ފާޑެއް ހުންނަ ސިގްނަލްތަކެކެވެ. އަދި ފިނިހޫނުމިނަށް އަންނަ ބަދަލުތަކާއެކުވެސް އެސިގްނަލްތަކަށް އަސަރުކުރެއެވެ. އެހެންކަމުން ވަރަށް ހިމޭން ސްޓޭބަލް މާހައުލެއްގައި، ވަރަށް ކުޅަދާނަ ބަޔަކަށް މެނުވީ މިސިގްނަލް ހޯދާ ސިލްޖެހުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.