ޓޯގޯގައި ސްޓިމިއުލަސް ބެހިގޮތުން މުޅިދުނިޔެ ހައިރާންވެފައި

ޙުސައިން ދީމް މުޙައްމަދު 12 ނޮވެމްބަރު 2021

ކޮވިޑް-19ގެ އާލަމީ ވަބާއާއިއެކު ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވިއެވެ. 5 މިލިއަން ފުރާނަ ގެއްލިދިއުމުގެ އިތުރުން ކޮވިޑް-19ގެ ވަބާއާއިއެކު ކުރިމަތިވި އިޤްތިޞާދީ ދަތިކަމުގައި 100 މިލިއަނަށްވުރެ ގިނަ މީހުން ފަޤީރުކަމުގެ ތެރެއަށް ވައްޓާލިއެވެ. މިއަނދަވަޅުން އަރައިގަތުމައްޓަކައި އެކިޤައުމުތަކުގެ ސަރުކާރުތަކުން ބުރަ މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. ވޯލްޑް ބޭންކްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 1.25 ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ނުވަތަ އެހީ 186 ޤައުމަކުން މިހާތަނަށްވަނީ އެޤައުމުތަކުގެ ރައްޔިތުންނަށް ބަހާފައެވެ. މިގޮތުން ކޮންމެ 6 މީހަކުން 1ކަކަށް ކޮންމެވެސް ޒާތެއްގެ އެހީތެރިކަމެއް ފޯރުކޮށްދެވިފައިވާކަމަށް އެބޭންކުގެ ރިކޯޑުތަކުން ދައްކައެވެ.

އެހެންކަންކަމެކޭވެސް އެއްފަދައިން މުއްސަނދި ޤައުމުތަކުގައި ސްޓިމިއުލަސް ބެހުމުގެ ކަންކަން ކުރިއަށްދިޔައީ "ތަހުޒީބު" ގޮތަކަށެވެ. އެމެރިކާފަދަ ބޮޑެތި ބިޔަ އިޤްތިޞާދުތަކުގައި، ސްޓިމިއުލަސްގެ ޙައްޤުވެރީންނަކީ ކޮބައިތޯ ހޯދާ، ބަހަންވީ މިންވަރު ކަނޑައެޅުމަށް ޓެކްސް ޑާޓާ އާއި ވަޒީފާނެތް މީހުންގެ މަޢުލޫމާތުތައްފަދަ ފައިދާހުރި ޑޭޓާބޭސްތައް ބޭނުންކުރެވުނެވެ. ބޮޑެތި ޤައުމުތަކުގައި ކަން މިހެން އޮތްނަމަވެސް، ސްޓިމިއުލަސް ބެހުމުގެ ނިޒާމް، އެހެންކަންކަމެކޭވެސް އެއްފަދައިން ފަޤީރު ޤައުމުތަކުގައި އޮންނާނީ މާނިކަމެތިކޮށްކަމަށް ޤަބޫލުކުރެވެއެެވެ. އެހެންނަމަވެސް، ދުނިޔޭގެ އެންމެ ފަޤީރު އެއްޤައުމު ކަމުގައިވާ ޓޯގޯގައި ސްޓިމިއުލަސް ބެހިގޮތުން، އެމެރިކާފަދަ ބޮޑެތި ޤައުމުތައް ހިމެނޭގޮތަށް މުޅި ދުނިޔެ މިއޮތީ އާޝޯޚުވެފައެވެ.

މިއީ ޓޯގޯގެ އާދައިގެ ރައްޔިތެއްކަމުގައިވާ އަޓާނީ ބަމާޒޭގެ ވާހަކައެވެ. އުމުރުން އެންމެ 31 އަހަރުގެ ބަމާޒޭއަކީ އޭނާ ދިރިއުޅުނު ކުޑަކުޑަ އަވަށްގަނޑުގައި ހުރި އިސްކޫލެއްގައި ކިޔަވައިދޭ ޓީޗަރެކެވެ. މިއަވަށަކީ ކައިރީގައި އޮންނަ ރަށްތަކާއި، އެރަށްތަކުން ޒިޔާރަތްކުރާ ވިޔަފާރިވެރިންގެ އަތުން މުދާގަނެގެން ވިޔަފާރިކުރާ ވަރަށް ކުޑަ އިޤްތިޞާދެކެވެ. 2020 ނިމެން ގާތްވީއިރުވެސް އެރަށުގެ ގިނަ މީހުންނަށް ކޮވިޑު-19 މިއީ ކޯންޗެއްކަންވެސް ނޭނގެއެވެ. އެހެންނަމަވެސް، ކައިރީގައި އޮތް ރަށްތަކުގައި ކޮވިޑު ފެތުރޭތީ ފުރަބަންދު ހިންގަމުން ދިޔަކަމުން، އެރަށުގެ ވިޔަފާރިއަށްވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ. މުދާތަކުގެ އަގުބޮޑުވެ އަތްނުފޯރޭވަރަށް އެރިއެވެ. މާގިނަ ދުވަސްތަކެއްނުވެ ސްކޫލްތައްވެސް ބަންދުކުރިއެވެ. މިއާއިއެކު ބަމާޒޭއަށް އާމްދަނީ ލިވެން އޮތް ދޮރުވެސް ބަންދުވިއެެވެ. ކިރިޔާވެސް އުއްމީދެއް އޮތީ އޭނާއަށް ލިބިފައި އޮތް ދަނޑުބިންކޮޅެއްގައި އިންދި އޮށްތައް ފަޅައިގެން އެއިގެން ކޮންމެވެސް އެއްޗެއް ލިބުމެވެ. ނަމަވެސް ހޫނުގަދަވުމުގެ ސަބަބުން އޭނާ އިންދި އޮށްތައްވެސް ފަޅައި ފޯދޭ ގޮތެއްނުވިއެވެ. ޓޯގޯ ސަރުކާރުން ފޮނުވި ސްޓިމިއުލަސްގެ އުފާވެރި ޚަބަރާއިގެން ބަމާޒޭގެ ފޯނަށް މެސެޖެއްއައީ މިކަމާ މާޔޫސްވެފައި ދަނޑުމަތީގައި ހުއްޓައެވެ. ބަމާޒޭ ގަސްތުކުރަނީ އެފައިސާގެ އެހީގައި އެހެން ރަށަކަށް ބަދަލުވާށެވެ. އެއީ އޭނާގެ އަންހެނުންެ "ސެކްރެޓެރީކަމުގެ ކޯސް" ފުރިހަމަކުރުމަށެވެ. ސްޓިމިއުލްސްގެ ލާރިން ގޭގެ ކުލިދައްކާ ފަރުޖެހޭނޭކަމަށް ބަމާޒޭ ޤަބޫލުކުރިއެވެ. އަދި ބާކީވާ އެއްޗަކުން އަންނަ އަހަރުގެ ގޮވާމަށް ޚަރަދުކުރެވޭނޭކަމަށް ދަނޑުވެރިކަމަށް އަހުލުވެރި ބަމާޒޭ ބުންޏެވެ.

"ނޮވިއްސީ" ގެ ނަމުގައި ފަސް މަސްދުވަހުގެ މުހުލަތަކަށް ދޫކުރަންފެއްޓި މިސްޓިމިއުލަސް އަކީ މޯބައިލް ފޯން މެދުވެރިކޮށް ޓޯގޯގެ ސަރުކާރުން ސްޓިމިއުލަސްގެ ޙައްޤުވެރީންނަށް ފޮނުވާ އެހީއެކެވެ. 8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މިޤައުމުގައި އެވަރޭޖް އާމްދަނީއަކީ ދުވާލަކު 2ޑޮލަރު (ނުވަތަ ގާތްގަނޑަކަށް 30 ދިވެރި ރުފިޔާ)އެވެ. ޓެކްނޮލޮޖީގެ ދާއިރާގައި އެމެރިކާއަށްވުރެ މާފަހަތުގައި އޮތް މިކަހަލަ ޤައުމަކުން، އެންމެ 2 ހަފްތާގެ ތެރޭ ޑިޖިޓަލްކޮށް ސްޓިމިއުލަސް ބޭނުންވާ ފަރާތްތައް ދެނެގަނެ ކޮންމެ މަހަކު ފޯނު މެދުވެރިކޮށް ފޮނުވާލެވޭނޭ ނިޒާމެއް ފަރުމާކުރުމުން ގިނަބަޔަކަށް އެކަން ޤަބޫލުކުރަން ދަތިވިއެވެ. ނޮވިއްސީގެ ނިޒާމްގެ ދަށުން، ބަމާޒޭ ފަދަ ޙައްޤުވެރީންނަކީ ކޮބައިތޯ ހޯދަން އަވަށްތަކަށް ދަތުރުކޮށް އެމީހުންނާއި ބައްދަލުކުރާކަށް ނުޖެހެއެވެ. އަދި ޓެކްސް ރިކޯޑުތައް ބަލައި ފާސްކުރާކަށްވެސް ނުޖެހެއެވެ. އެހެންވީމާ އެމެރިކާއަށްވެސް ނުވީވަރު ޓޯގޯއަށް ހާސިލްކުރެވުމަކީ އާދައިގެ ކަމެއް ނޫނެވެ.

ނޮވިއްސީގެ ނިޒާމް ފަރުމާކުރީ، ޓޯގޯއަށް އުފަން ފަރަންސޭސި ވިލާތުގައި އުޅެބޮޑުވެ އެޤައުމުން ތަޢުލީމް ހާޞިލްކޮށްފައިވާ ސީނާ ލޯސަންއެވެ. ސީނާއަކީ ޓޯގޯގެ މިނިސްޓްރަ އޮފް ޑިޖިޓަލް އިކޮނޮމީ އެންޑް ޑިޖިޓަލް ޓްރާންސްފޯމޭޝަންއެވެ. ޢުމުރުން އެންމެ 37 އަހަރުގެ ލޯސަންއަކީ، އެޤައުމުގެ އެންމެ ޒުވާން އެއް މިނިސްޓަރެވެ.

ނޮވިއްސީއަކީ އެހެންނަމަވެސް ޓޯގޯގެ އެންމެ ޚާއްޞަ ކުރިއެރުމެއްނޫނެވެ. ފަހަކަށް އައިސް ޓޯގޯގެ އިޤްތިޞާދުދަނީ ބާރު ދުވެލީގައި ކުރިއަށް އަރަމުންނެވެ. މިގޮތުން 2019ވަނަ އަހަރު އެޤައުމުގެ ޕޮވާޓީ ރޭޓް ވަނީ 62% އިން 46% އަށް ތިރިކުރެވިފައެވެ. އެހެންކަމުން ކޮރޯނާވައިރަސް ފެތުރެން ފެށުމާއެކު، ރަނގަޅުވަމުންދިޔަ އެޤައުމުގެ އިޤްތިޞާދު ކުރިން އޮތް ދެރަ ހާލަތަށް ރުޖޫޢަވެދާނެ ކަމުގެ ބިރު ސީނާފަދަ ގިނަ ވަޒީރުންނަށް އިޙްސާސްކުރެވުނެވެ.

މިކަން ހުއްޓުވުމަށްޓަކައި ޓޯގޯގެ ކެބިނެޓުން ކަރަންޓުބިލާއި ފެންބިލް ކުޑަކުރަން ވިސްނިއެވެ. ނަމަވެސް ސީނާއާއި ބައެއް އެހެން ވަޒީރުން ހުށައެޅީ ސްޓިމިއުލަސް ބަހާށެވެ. މީގެ ކުރިންވެސް ޓޯގޯގައި ސްޓިމިއުލަސްގެ ގޮތުގައި ފައިސާ ބަހާފައިވެއެވެ. އެހެންނަމަވެސް ގޭބީސީތަކަށް ވަކިވަކިން ޒިޔާރަތްކޮށްގެން، އަތުން އަތަށް ފައިސާ ދޫކުރުންވީ ބުރަކަމަކަށެވެ. އެހެންކަމުން މިފަހަރު އެޤައުމުގެ ސަރުކާރުން ނިންމީ ޑިޖިޓަލްކޮށް އެފައިސާ ބަހާށެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.