ވަންޕްލަސް ބްރޭންޑްގެ ވަންޕްލަސް-10 އަދި ވަންޕްލަސް-10 ޕްރޯ މިފެށޭ އަހަރުގެ މާރިޗުމަހާއި އޭޕްރީލްމަހާ ދެމެދު ބައިނަލްއަޤްވާމީ ދުނިޔެއަށް ވިއްކަން ފަށާނެއެވެ. މިއީ، މިއަހަރުގެ މާރިޗުމަހުގެ 23ވަނަ ދުވަހު ބާޒާރަށް ނެރުނު ވަންޕްލަސް-9ގެ ފަހުން އެކުންފުނިން ނެރޭ ފުރަތަމަ ފޯނެވެ.
މިދެމޮޑެލްގެ ފޯންތައް ދުނިޔޭގެ ބާޒާރުގައި ލިބެމުންދާނީ އަންނަ މާރިޗުމަހުންކަމުގައި ވީނަމަވެސް، 2022ގެ ޖަނަވަރީ ނުވަތަ ފެބްރުވަރީ މަހުން ފެށިގެން ޗައިނާ ތެރޭގައި އެމޮޑެލްތައް ލިބެން ހުންނާނެއެވެ. ކުރީގެ މޮޑެލްތައް ނެރުމުގައިވެސް، އިސްކަންދެނީ ޗައިނާއަށް ކަމުގައި ވީނަމަވެސް، މިހާ ދިގު މުއްދަތަކަށް ދުނިޔޭގެ ބާޒާރަށް އެމޮޑެލްތައް ނެރުން ފަސްކުރި ސަބަބެއް ނޭނގެއެވެ.
ބައެއް ފަރާތްތަކުން ޤަބޫލުކުރާގޮތުގައި މިގޮތަށް ވަންޕްލަސްއިން އަމަލު ކުރަން ނިންމާފައިވަނީ އޮއްޕޯ ބްރޭންޑްގެ އާ ފޯންތައް ނިކުންނަ ދުވަސްވަރަށް ޖާގަ ދިނުމަށެވެ. ވަންޕްލަސް އަދި އޮއްޕޯއަކީ ގާތްގުޅުމެއް ބަހައްޓަމުން ގެންދާ ދެކުންފުނި ކަމުގައިވިއިރު، އޮއްޕޯއިންވެސް މުޅިންވެސް އެކުންފުނީގެ މޮޑެލްތައް ފުރަތަމަ ނެރެނީ ޗައިނާގައެވެ.
ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.