2022ގެ ސްމާޓްފޯން މާކެޓުގެ 22% ނެގޭތޯ ސެމްސަންގްއިން ބަލަނީ

ޙުސައިން ދީމް މުޙައްމަދު 09 ޑިސެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވޭތުވެދިޔަ ދެއަހަރަކީ ދުނިޔޭގެ ގިނަ ވުނަދާނައަކަށް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާންޖެހުނު އަހަރުތަކެކެވެ. އޮމިކްރޯންގެ ބިރާއެކު 2022 ކުރިއަށްދާނެ ގޮތަކާއިމެދު ކޮންމެވެސް ވަރެއްގެ ޝައްކެއް ގިނަމީހުންގެ ހިތްތަކުގައި ވީނަމަވެސް، ވެކްސިން އަދި ވެކްސިންގެ ބޫސްޓަރުތައް މިހާރު ޖެހެމުންދާތީ، ގިނަބަޔަކު 2022 ދެކެނީ އުއްގެ ކަޅިއަކުންނެވެ. މިބައިގަނޑުގެ ތެރޭގައި ދުނިޔެއަށް މަޝްހޫރު ސެމްސަންގް ކުންފުނި ހިމެނެއެވެ. 2022ވަނަ އަހަރު ބާޒާރަށް ނެރެން ނިންމާފައިވާ ގެލެކްސީ އެސް-22އާއި އެކުންފުނީގެ ކުރީގެ ޕްރޮޑަކްޓްތަކާއިއެކު އަންނަ އަހަރުގެ ސްމާޓްފޯން މާކެޓުގެ 21.9% ނެގޭތޯ ސެމްސަންގްއިން މިވަނީ އަމާޒު ކަނޑައަޅާފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިފެށޭ އަހަރު ދުނިޔޭގެ ބާޒާރުގައި 1.52 ބިލިއަން ސްމާޓްފޯން ދައުރުވާނެއެވެ. ސެމްސަންގްގެ ބިޔަ އަމާޒަށް ވާސިލްވުމަށް މީގެން މަދުވުގެން 390 މިލިއަން ފޯން ވާންޖެހޭނީ އެކުންފުނީގެ އުފެއްދުންތަކަށެެވެ. ގެލެކްސީ އެސް-22ގެ މަރުކާއިން އުފައްދަން ނިންމާފައިވަނީ އެންމެ 33 މިލިއަން ފޯންކަމުން، އެއީ ބޮޑު ޢަދަދުގެ ތެރެއިން ވަރަށް ކުޑަ އެއްޗެކެވެ. އެސް-22ވެ 14 މިލިއަން ފޯނާއިއެކު، އެސް-22+ ގެ 8 މިލިއަން ފޯން އަދި އެސް އަލްޓްރާގެ 11 މިލިއަން ފޯން މިފެށޭ އަހަރު ވިއްކޭނޭކަމަށް ސެމްސަންގްއިން ލަފާކުރެއެވެ.

އެހެންނަމަވެސް 2022ގައި ސްމާޓްފޯން މާކެޓުގެ ރަސްކަން އަތުލަން، ސެމްސަންގްއިން ބޭނުންކުރާނެ އެންމެ ބޮޑު ހަތިޔާރަކީ، އެކުންފުނީގެ ގެލެކްސީ އޭ ސީރީޒްގެ ފޯންތަކެވެ. މިގޮތުން ގެލެކްސީ އޭ23 އަދި އޭ33 ގެ ޖުމްލަ 267 މިލިއަން ފޯން މިފެށޭއަހަރު އެކަނި ވިއްކާލެވޭނޭ ކަމަށް ސެމްސަންގްއިން ލަފާކުރެއެވެ. އަދި އޭ53 އަދި އޭ73ގެ 93 މިލިއަން ފޯން ވިއްކޭނޭކަމަށްވެސް އުއްމީދުކުރެއެވެ.

ދެކުނުގެ ކޮރެއާއަށް ނިސްބަތްވާ ސެމްސަންގް ކުންފުނީގެ ބިޔަ ހުވަފެނުގައި ކުލަޖެއްސުމަށް، އެމީހުންގެ މާކެޓިންގް ސްޓްރެޓަޖީތައް ހަރުދަނާކުރަންޖެހެއެވެ. ދުނިޔޭގެ މާކެޓުގައި ސެމްސަންގްއިން ވާދަކުރަންޖެހިފައިވަނީ ހަމައެކަނި އެމެރިކާގެ އެޕަލް ކުންފުނީގެ ފޯނުތަކަކާއި ނޫނެވެ. ޗައިނާގެ ވާވޭ އަކީ މިހާރު ސްމާޓްފޯން މާކެޓުގައި އެންމެ ވާދަވެރިކަމާއެކު ވިކެމުންދާ އެއް ބްރޭންޑެވެ. ވަކިން ޚާއްޞަކޮށް، ސެމްސަންގް އަދި ވާވޭވެސް ބޭނުންކުރަނީ އެންޑްރޮއިޑްކަމުން، ވާވޭގެ މައްޗަށް މޮޅުވެގަތުމަށް ސެމްސަންގްއިން އާ އުކުޅުތަކެއް ބޭނުންކުރަންޖެހެއެވެ. މިގޮތުން ފޯނުތަކުގެ މުޅިން އާކުލަތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. އަދި ފަހުން އައިސް ސެމްސަންގްއިންވަނީ އެކުންފުނީގެ ފޯންތަކުގެ ބެކްޕެނަލްއިން އެއް ލެޔަރ މަދުކޮށްފައެވެ. މިއާއިއެކު ފޯންތަކުގެ އަގުތައްވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.