ސެމްސަންގް ގެލެކްސީ ނޯޓަކީ ފަހުންއައިސް ސެމްސަންގްގެ އުފެއްދުންތަކުގެ ތެރެއިން އެެންމެ ފާހަގަކޮށްލެވުނު އެއް އުފެއްދުމެވެ. ގެލެކްސީ ނޯޓުގެ އާފޯނެއް 2022ގައި ނިކުންނާނެ ކަމަށް އުއްމީދުކުރާ ބަޔަކުވެސް އެބަތިބިމެއެވެ. އެހެންނަމަވެސް ދާދިފަހުން ސެމްސަންގްއިން ހާމަކުރިގޮތުގައި 2021ގެ ނިމުމާއެކު ގެލެކްސީ ނޯޓް އުފެއްދުން ހުއްޓާލާނެއެވެ. މިއީ ކޮވިޑް-19ގެ ޕެންޑެމިކްއާއި ގުޅިގެން މުޅިދުނިޔެއަށް ޖެހިފައިވާ މައިކްރޮޗިޕްގެ ދަތިކަމުގެ ސަބަބުންކަމުގައި ސެމްސަންގްއިން މަޢުލޫމާތުދެއެވެ. މިގޮތުން ގެލެކްސީ ނޯޓްގެ މަރުކާއަށް ސެމްސަންގްއިން ގެލެކްސީ ނޯޓް 21 މިއަހަރު އިތުރުކުރާނެކަމަށް ދެކުނު ހުވަފެންތައްވެސްވީ ބިލާހަކަށެވެ.
ސެމްސަންގްގެ ވިސްނުމަކީ ގެލެކްސީ ނޯޓްގެ ހުރިހާ ޕްރޮޑަކްޝަންއެއް ހުއްޓާލާ، އާމޮޑެލްގައި ހިމަނަން ގަސްތުކޮށްފައިހުރި ފީޗާތައް ސެމްސަންގްގެ އާ މޮޑެލް ގެލެކްސީ އެސް-22 އަލްޓްރާއަށް ތަޢާރަފުކުރުމެވެ. މިގޮތުން ގެލެކްސީ ނޯޓްގެ ފޯންތަކުގައި އެންމެ ފާހަގަކޮށްލެވުނު ބިލްޓްއިން އެސްޕެންވެސް އެސް-22 އަލްޓްރާގައި ހިމެނިގެންދާނެއެވެ. މީގެއިތުރުން އެސް-22 އަލްޓްރާގެ ސްކްރީންވެސް، ގެލެކްސީ ނޯޓް 20ގެ ސްކްރީނެކޭ އެއްފަދައިން 6.8 އިންޗީގެ ބޮޑުމިނުގެ ޑިސްޕްލޭއެއް ހިމެނޭނެއެވެ.
ސެމްސަންގްއިން ގެލެކްސީ އެސް ނޯޓް އުވާލަން ނިންމާފައިވަނީ، ލެއްޕޭކަހަލަ ސްމާޓްފޯން އުފެއްދުމަށް އެކުންފުނިން ކުރާ މަސައްކަތުގެ ދަށުންނެވެ. އެއްފުށަށް ފަތްޖަހައިލެވޭގޮތަށް ސެމްސަންގްއިން ތަޢާރަފުކުރާ އާފޯންތަކަކީ، ނޯތްގެ މޮޑެލްތަކަށްވުރެ އުފައްދަންވެސް މާ ޚަރަދުކުޑަ ފޯންތަކެކެވެ. އެހެންކަމުން ސެމްސަންގް ގެލެކްސީ އެސް ނޯޓްގެ ފޯންތައް ޒެޑް ފޯލްޑް އަދި ގެލެކްސީ ޒެޑް އިން ބަދަލުކުރުމާއެކު ސެމްސަންގްގެ ވިޔަފާރިއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނޭކަމަށް އެކުންފުނިން އުއްމީދުކުރެއެވެ. 2019ގައި ސެމްސަންގްއަށް ގެލެކްސީ އެސް ނޯޓްގެ ފޯންތައް ވިއްކައިގެން 12.7 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނުއިރު، 2020ގައި ކޮވިޑު-19ގެ ސަބަބުން 9.7 މިލިއަން ޑޮލަރަށްވަނީ ވިޔަފާރި ވެއްޓިފައެވެ. 2022ގައި އެކުންދުނިން ބާޒާރަށް ނެރޭ ފަތްޖެހޭ ފޯންތަކާއިއެކު 13 މިލިއަން ޔުނިޓު ވިއްކާލެވޭނެކަމަށް އުއްމީދުކުރެއެވެ. މިއީ ގެލެކްސީ އެސް ނޯޓްއިން މިހާރު ވިކޭ ވަރަށް ވުރެ ބޮޑު އަދަދެކެވެ.
ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.