ރޮބޯތިންކް ރާއްޖެއަށް - އާ ޖީލުތަކަށް ފަހި މާދަމާއެއް!

ޢާއިޝަތު ޝައިހާ 28 ޑިސެމްބަރު 2021

ރޮބޯތިންކް އޭ ބުނުމުން އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް އެއީ ކޮންތަނެއް ކަމެއް، އަދި އެތަނުން ލިބިގެންދާ ޚިދުމަތްތަކެއް ފަހަރެއްގައި ނޭނގުމަކީ އެކަށީގެންވާ ކަމެކެވެ. ރޮބޯތިންކް؛ މި ނަމާއި މެދު ވިސްނާލުމުން އެންމެ ފުރަތަމަވެސް ގިނަ މީހުންނަށް ސިފަ ވާނީ ކުޑަކުދިން ކުޅެން ގެންގުޅޭ ރޮބޯޓްތަކެވެ. އެހެންނަމަވެސް، ރޮބޯތިންކް އަކީ ހަމައެކަނި ރޮބޯޓްތަކަށް ޚާއްސަ ތަނެއް ނޫނެވެ. މިއީ އަދި މާ ޚާއްސަ، އަދި އެތަނެއްގެ ސަބަބުން ކުޑަކުދިންނަށް އެތައް ކަންތައްތަކެއް ދަސްވެގެންދާނެ ޝައުގުވެރި ތަނެކެވެ.

ރޮބޯތިންކް މޯލްޑިވްސް އަކީ ސްޓެމް އެޑިޔުކޭޝަނަށް ބިނާކޮށް، 5 އަހަރާއި 16 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިންނަށް އަމާޒުކޮށް ހިންގޭ ތައުލީމީ މުއައްސަސާއެކެވެ. ސްޓެމް އެޑިޔުކޭޝަންގެ މާނައަކީ ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތެމެޓިކްސްއަށް ޚާއްސަ ތައުލީމީ ނިޒާމެވެ.

ރޮބޯތިންކް ގެ މަސައްކަތް ފެށުނީ ސީއީއޯ އަދި ފައުންޑަރ ޑެނީ ޕާކް، އޭނާ ގަނެފައިވާ ރޮބޮޓިކްސް ކިޓެއް އެސެމްބްލް ކުރުމަކީ ކިހާ އުނދަގޫ ކަމެއްކަން އެނގި، އެކަމާއި މާޔޫސްވެގެންނެވެ. ޑެނީ ވަނީ ޔުނިވާސިޓީތަކުން ކުޑަކުދިންނާއި ގުޅޭކަންކަން ރިސާޗް ކުރާ ރިސާޗަރުންނާއި ކުޅޭތަކެތި އުފައްދާ އިންޖިނިއަރުންގެ ރިސާޗް ޓީމެއް އެކުލަވާލައި، ކޮންމެ އުމުރެއްގެ އަދި ހުނަރުތަކެއް (ބޮޑެތި މީހުން ވެސް ހިމެނޭ ގޮތަށް) ވަރަށް ފަސޭހައިން ދަސްކޮށް، އެސެމްބްލް ކުރެވޭނެ ފަދަ ޔުނީކް ރޮބޮޓިކްސް ކިޓެއް ތައްޔާރުކުރުމުގެ ޗެލެންޖެއް އެމީހުންނަށްދީފައެވެ. ރޮބޯތިންކްގެ މައި މަރުކަޒު އެމެރިކާގެ ޗިކާގޯއިން ފަށައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީގެ ފްރެންޗައިޒްތައް ހުޅުވިއެވެ.

ރޮބޯތިންކް މޯލްޑިވްސް އަކީ ދެކުނު އޭޝިޔާގައި ހުރި ހަމައެކަނި ރޮބޯތިންކްގެ ގޮތްޕެވެ. ދިވެހިރާއްޖޭގެ އިތުރުން މިހާރުވެސް 12 ޤައުމެއްގައި 50 ހާހަށްވުރެ ގިނަ ދަރިވަރުން ރޮބޯތިންކުން އެކިއެކި ހުނަރުތައް ދަސްކުރަމުން ދެއެވެ. އަދި މަދަރުސީ ހަޔާތުގައާއި، އެ ކުދިން ބޮޑެތިވެ ކުރިއަށް ދާން ބޭނުންވާ ރޮނގުގައި ކުރިއަށް ދިޔުމުގައި މި ހުނަރުތަކުގެ ބޭނުން ކުރެއެވެ. ކަމާއި ގުޅުންހުރި ދިރާސާތަކާއި ހޯދުންތައް ހޯދުމުގައި ރޮބޯތިންކް 30 މީހުން މިހާރުވެސް ދަނީ މަސައްކަތްކުރަމުންނެވެ.

ރޮބޯތިންކުގެ މަންހަޖުތައް ބިނާވެފައި ވަނީ، އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގައި ތަޢުލީމު ހިންގާ ނިޒާމާއި ވަރަށް ތަފާތު ގޮތަކަށެވެ. އިމްތިހާނުގެ ބަދަލުގައި، ކުދިންގެ އަމިއްލަ މަސައްކަތުން އެކުދިންނަށް ކުރިއަށް ދެވޭ އަވަސްމިނެއްގައި ކުދިންނަށް މި ތަނުގައި ކުރިއަށް ދެވޭނެއެވެ. "ދުނިޔެ މި ދަނީ އަބަދުވެސް ބަދަލުވަމުން. އެހެންކަމުން، އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކީ، ޓެކްނޮލޮޖީގެ މި ދުނިޔޭގައި، މި ޖީލުގެ ކުދިންނަށް ކުރިއަށް ދެވޭނެ ގޮތްތައް ދަސްކޮށްދީ، އެކުދިންނަށް ޓެކްނޮލޮޖީއާއި ބެހޭ އެކިއެކި ކަންތައްތައް އުނގަންނައިދިނުން." ރޮބޯތިންކްގެ ސީއީއޯ ގެ ބަސްދީގަތުމުގައި ބުނެފައި ވެއެވެ.

ރޮބޯތިންކްގެ ސީއީއޯ ޑެނީ ޕާރކަރ

ރޮބޯތިންކުގެ މައިގަނޑު އަމާޒަކީ، އެންމެ ރަނގަޅު އަދި މަތީ ފެންވަރުގެ ތައުލީމުގެ ތެރެއިން ކުރިއަރާފައިވާ ހެޔޮ މުޖްތަމަޢުއެއް ބިނާކުރުމެވެ. އަދި ކުޑަ ކުދިންގެ ހިތްތަކުގައި އުނގެނުމަށް ލޯބި ޖައްސާ، ކަންކަމާއި މެދު ފުންކޮށް ވިސްނާ، މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަން އެ ކުދިންގެ ގައިގައި ހަރުލެއްވުމެވެ. ހަމަ އެއާއެކު، މި ދުނިޔޭގެ މުސްތަޤުބަލު ކަމަށްވާ ކުޑަކުދިންގެ ބޭނުންތައް، އީޖާދީ ގޮތްތަކެއް ބޭނުންކޮށްގެން ފުއްދައިދިނުމަށް އެހީވުމަކީވެސް ހަމަ މި ސެންޓަރުން ވާޞިލުވާން ބޭނުންވާ އަނެއް އަމާޒެވެ.

ރޮބޯތިންކްގައި މަސައްކަތްކުރަނީ އެކަމަށް ތަމްރީނު ދެވިފައިވާ ދިވެހި މުދައްރިސުންނެވެ. އުސޫލުތަކުގެ ދަށުން، ރޮބޯތިންކްގައި މަސައްކަތްކުރާ މުދައްރިސުން ވާންޖެހޭނީ އެ ގައުމަކަށް ނިސްބަތްވާ މީހަކަށެވެ. 2 ހަފްތާގެ ތަމްރީނު ނިމިގެން ދާއިރު އެ މުދައްރިސުންނަށް، އެ ތާނގައި ދަރިވަރުންނާއި މުޚާތަބުކުރަން ޖެހޭ ގޮތާއި، ދަރިވަރުންނަށް އެހީވާނެ ގޮތާއި، އަދިވެސް ކަމާއި ގުޅުން ހުރި ކަންތައްތައް ފުރިހަމައަށް އެނގި ދަސްވާނެ ކަމަށް އެ ތަނުގެ ސީއީއޯ ޓެކްނިއުސްއަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި ވަނީ ބުނެފައެވެ. "ތަމްރީނު ކުރެވޭ މީހަކީ ކޮންމެހެން ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަށް ވާކަށް ނުޖެހޭ. އަޅުގަނޑުމެންގެ ތަމްރީނު ތަކުން އެބައި އަޅުގަނޑުމެންނަށް ފުރިހަމަކުރެވިދާނެ. ތަމްރީނުގެ ތެރޭގައި ވެސް އަޅުގަނޑުމެން އިސްކަން ދޭ އެންމެ މުހިއްމު ކަމަކީ ދަރިވަރުންނާއި މުޢާމަލާތުކުރާނެ ގޮތް ދަސްކޮށްދިނުން. އަޅުގަނޑުމެންގެ މުދައްރިސުން ދަރިވަރުންނަށް ހިތްވަރު ދީ، ދަރިވަރުންނަށް އެއްޗެއް އޮޅުންފިލުވައިދިނުމުގައި ވަކި ގޮތްތަކެއް ގެންގުޅެން ޖެހޭނެ. މިއީ ދަރިވަރުންގެ ވިސްނުން ތަރައްޤީ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް އަޅުގަނޑުމެން ކުރާ އެއް ކަން."

މިތަނުގައި ކުދި ކުދި ކާރުތަކުން ފެށިގެން ޕްރޮގްރާމްތައް ކޯޑުކުރުމާއި ހަމައަށް، ޓެކްނޮލޮޖީއާއި ގުޅުންހުރި އެތައް ކަންތައްތަކެއް މި ތަނުން ނިންމައިގެން ނިކުމެގެންދާ ދަރިވަރުންނަށް ދަސްވެގެން ދާނެއެވެ. މައިގަނޑު ގޮތެއްގައި ރޮބޯތިންކް އިން 4 ޕްރޮގްރާމެއް ހިންގައެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ، މިއިން ކޮންމެ ޕްރޮގްރާމެއްވެސް އެކަތި އަނެއްކައްޗާއި ވަނީ ކޮންމެވެސް ހިސާބަކުން ގުޅި ލާމެހިފައެވެ. އަދި ދަރިވަރު ކޮންމެ ޕްރޮގްރާމަކުންވެސް ކުރިއަށް ގެންދިޔަ ކަމުގައި ވިޔަސް، އެ ދަރިވަރަކު ދިރިއުޅުމުގައި ބޭނުންވާނެ މުހިއްމު ހުނަރުތަކެއް ދަސްވާނެއެވެ.

ކޯޑިންގ

ކޯޑު ކުރުމަށް ދަސްކޮށްދޭ ޕްރޮގްރާމްގައި ރޮބޯތިންކްއިން ބޭނުންކުރަނީ އެ ބޭފުޅުން އެކަމަށް ޚާއްސަކޮށް އުފައްދާފައިވާ ސޮފްޓްވެއަރ ތަކެއް ބޭނުންކޮށްގެންނެވެ. ރޯކިޑްސްގެ ތެރެއިން ކުދިން ބޭނުންކުރާނީ، ކަމަށް ޚާއްސަ ކުރެވިފައިވާ ބްލޮކްސްތަކެކެވެ. އެއަށްފަހު ދެން ރޯކޮމީގައި، ދަރިވަރުންނަށް ކޯޑިންގ ގެ ތަންކޮޅެއް މަތީ ފެންވަރުގެ ބައިތައް ދަރިވަރުންނަށް ތަޢާރަފުކޮށްދޭނެއެވެ. މީގައިވެސް ޕްރޮގްރާމިންގ ލޭންގުއޭޖެއްގެ ގޮތުގައި ބޭނުންކުރާނީ ކުރިންވެސް ބުނެވި ދިޔަ މި ކަމަށް ޚާއްސަ ބްލޮކްސްތަކެކެވެ. ދެން އެއަށްފަހު ރޯކޯޑުގައި ދަރިވަރުން މަޝްހޫރު ޕްރޮގްރާމިންގ ލޭންގުއޭޖް ކަމަށްވާ ޕައިތަންގެ ދުނިޔެއަށް ވަދެވިގެން ދާނެއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ، ރޯބޯތިންކްގެ މި ސޮފްޓްވެއަރއަކީ ދުނިޔޭގައި ހުރި ހަމައެކަނި ޕައިތަންއާއި ބްލޮކް-ބޭސްޑް ކޯޑިންގ އެއްފަހަރާ ކުރިއަށް ގެންދެވޭ ހަމައެކަނި ސޮފްޓްވެއަރ އެވެ. މި ޕްރޮގްރާމްގެ ތެރެއިން ހަމައެކަނި ސްކްރީނުން އެއްޗެއް ދައްކައިދިނުމުގެ ބަދަލުގައި ދަރިވަރުންނަށް އެކަމުގެ އަމަލީ ތަޖުރިބާ ލިބިގެންދާނެއެވެ. އެކުދިން ކޯޑު ކުރާ އެއްޗެއްގެ ހަޤީޤީ ނަތީޖާ އެކުދިންނަށް ފެނިގެން ދާނެއެވެ.

ރޮބޯޓިކްސް

ރޮބޯޓިކްސް ޕްރޮގްރާމްގައި ރޮބޯތިންކް އިން އަމަލުކުރަމުން ދަނީ އެންޖީޖީއެސް އަށް ފެތޭ ސްޓީމް މަންހަޖަކަށެވެ. މި ޕްރޮގްރާމްގައި އެތައް ސަތޭކަ ވައްތަރުގެ ބިލްޑުތައް ހިމެނޭ ތަފާތު އެކިއެކި ތީމްތައް ހިމެނޭއިރު، ހުރިހާ އުމުރުފުރާއެއްގެ އެކި ކަހަލަ ގާބިލުކަން ލިބިފައިވި ދަރިވަރުން މިކަމުގައި ވަރަށް ބޮޑަށް ޝާމިލުކުރުވައެވެ. ރޮބޯޓިކްސްގައި ބޭނުންކުރާ ޚާއްސަ ކިޓެއް ވެއެވެ. ލާރނިންގ ބްލޮކްސްގެ ޒަރީއާއިން ދަރިވަރުންގެ ކިބައިގައިވާ ސްޕޭޝިއަލް އެވެއަރނެސް ހުނަރުތައް އިތުރަށް ތަރައްގީވެގެން ދެއެވެ. އެއަށްފަހު ދެން ބޭނުންކުރާ މެކޭނިކަލް އިންޖިނިއަރިންގ އާއި ގުޅޭ އާލާތްތައް ކަމަށްވާ ގިއާ ތަކާއި އެކްސެލްތަކުގެ އެހީގައި ދަރިވަރުން، ވަކި ޚާއްސަ ގޮތަކަށް މަސައްކަތްކުރާ ރޮބޯޓުތައް އުފެއްދުމަށް ދަސްކުރާނެއެވެ. އަދި ހަމަ އެހެންމެ، އެލެކްޓްރިކަލް އިންޖިނިއަރިންގގެ ތެރެއިން، މޯޓަރާއި ސެންސަރުތަކުގެ އެހީގައި މާހައުލާއި އެއްގޮތަށް މަސައްކަތްކުރާ ރޮބޯޓުތައް އުފެއްދުމަށް ދަރިވަރުންނަށް ދަސްވެގެން ދާނެއެވެ.

އިންޖިނިއަރިންގ

ކުރިން ބުނެވިދިޔަ ޕްރޮގްރާމްތަކުގައި ދަސްކުރާ ބައިތަކާއި އެއްކޮށް މި ޕްރޮގްރާމުގައިވެސް ދަރިވަރުން ތަފާތު އުފެއްދުންތައް، އަމިއްލަ ވިސްނުން ބޭނުންކޮށްގެން، އުފެއްދުމަށް ދަސްކުރާނެއެވެ. އެގޮތުން، މިހާތަނަށް ދަރިވަރުން އުފައްދާފައިވާ ބައެއް ތަކެތީގެ ތެރޭގައި އަމިއްލައަށް ދުއްވޭ ކާރުތަކާއި، ކޮންސްޓްރަކްޝަން މެޝިންތަކާއި، ބެޓަލް ރޮބޯޓްތަކުގެ އިތުރުން ޖައްވުގައި ބޭނުންކުރާ އެކި ކަހަލަ އުޅަނދުތަކާއި އާލާތްތައް ހިމެނެއެވެ. މިއިން ކޮންމެ އެއްޗަކީވެސް ދަރިވަރުންނަށް ދެވޭ ވަކި ތީމްއެއްގެ މައްޗަށް ބިނާކޮށް، ދަރިވަރުން އަމިއްލައަށް ވިސްނައިގެން ތައްޔާރުކުރާ އެއްޗެހިކަން ފާހަގަކޮށްލަން ޖެހެއެވެ.

ވީޑިޔޯ ގޭމް ޑިޒައިންނިންގ

މި ޕްރޮގްރާމް ވަނީ މައިގަނޑު ދެ ބަޔަކަށް ބަހައިލެވިފައެވެ. އެއީ 5 އަހަރާއި 6 އަހަރުގެ ކުދިންނަށް ވީޑިޔޯ ގޭމް ޑިޒައިން ޖޫނިއަރ، އަދި 7 އަހަރާއި 14 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ ކުދިންނަށް ވީޑިޔޯ ގޭމް ޑިޒައިން އެވެ. މި ޕްރޮގްރާމްގައި ރެޓްރޯ އާކޭޑާއި، ގޭމް ޑިޒައިނިންގ އަށް ތަޢާރަފުކުރުމުގެ އިތުރުން މަތީ ލެވެލްގެ ގޭމް ޑިޒައިނިންގ ހިމެނެއެވެ. ރެޓްރޯ އާކޭޑްގެ ތެރެއިން ދަރިވަރުންގެ މައިންބަފައިން ކުޑައިރު ކުޅެ އުޅުނު ކޮމްޕިއުޓަރ ގޭމްތަކުގެ ޒަރީއާއިން، ފަސޭހަ އަދި މަޖާ ގޮތަކަށް ދަރިވަރުންނާއި އެކުދިންގެ މައިންބަފައިންނާއި ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ. ގޭމް ޑިޒައިނިންގ އަށް ދަރިވަރުން ތައާރަފުކޮށްދިނުމުގެ ގޮތުން އެކުދިންނަށް އެކުދިންގެ އަމިއްލަ ކެރެކްޓަރ އާއި ބެކްގްރައުންޑް ފަރުމާކޮށްދިނުމަށް ދަސްކޮށްދެވިގެން ދާނެއެވެ. ދެން، މަތީ ލެވެލްގެ ގޭމް ޑިޒައިނިންގ ގެ ތެރެއިން، ރޯކޯޑް މެދުވެރިކޮށް ތަންކޮޅެއް އުނދަގޫ ގޭމްތައް ފަރުމާކުރުމަށް ދަސްވެގެން ދާނެއެވެ. އަދި ހަމަ އެހެންމެ މިއީ ޕައިތަން، ދަރިވަރުންނަށް ތައާރަފުކޮށްދިނުމަށް ބޭނުންކުރާ އެއް ޕްރޮގްރާމްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ދަރިވަރުންގެ ކުރިއެރުމާއި ބަލާފަ ދަރިވަރުން ދަސްވެނިވެގެން ދާނެއެވެ. އެގޮތުން ރޮބޯތިންކް ގައި ދަސްވެނިވުމަށް 8 ލެވެލްއެއް ވެއެވެ. އެއީ ޖޫނިއަރ އިންޖިނިއަރ، ޖޫނިއަރ އިންޖިނިއަރ 2، އިންޖިނިއަރ، އިންޖިނިއަރ 2، އެޑްވާންސްޑް އިންޖިނިއަރ، އެޑްވާންސްޑް އިންޖިނިއަރ 2، އެކްސްޕަރޓް އިންޖިނިއަރ އަދި މާސްޓަރ އިންޖިނިއަރ އެވެ. އެއް ލެވެލް އިން އަނެއް ލެވެލްއަށް ދަރިވަރުން ދިޔުމަށްޓަކައި އެއްވެސް އިމްތިހާނެއް ހަދާކަށް ނުޖެހެއެވެ. ދަރިވަރުންގެ މެދުގައި ބޭއްވޭ ކުދިކުދި މުބާރާތްތަކުގެ ތެރެއިން، ދަރިވަރުގެ ކިބައިގައިވާ ގާބިލިއްޔަތުކަމަށް ބެލުމަށްފަހުގައި ދަރިވަރު އަނެއް ލެވެލްއަށް ދަތުރުކުރާނެ ކަމަށް ރޮބޯތިންކްގެ ސީއީއޯ މައުލޫމާތު ދެމުން ބުނެފައި ވެއެވެ. "އާންމު ތައުލީމީ މަންހަޖުގައި ނުހިމެނޭ ކަންތައްތަކަކީ އަޅުގަނޑުމެންގެ މަންހަޖުގައި ހިމެނޭ ކަންތައްތައް. އަޅުގަނޑުމެން ދަރިވަރުންގެ ފެންވަރު ބަލަނީ މި ފަދަ މުބާރާތްތަކުގެ ތެރެއިން އެކުދިންގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށް ފަހުގަ."

ސްޓެމް އެޑިޔުކޭޝަނުގެ މުހިއްމުކަމާއި އަދި އޭގެ ސަބަބުން ކުދިންނަށް ކުރާ ފައިދާތައް ކިޔައިދިނުމަށް ރޮބޯތިންކްއިން ދަނީ އަބަދުވެސް ގަދައަޅާ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ވަނީ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހު ޑެމޯ ކްލާސްތަކެއް ކުރިއަށް ގެންދެވިފައެވެ. މި ކްލާސްތަކުގެ ދަރިވަރުން މަސައްކަތް ކުރަމުން ދިޔަ ވަގުތު ބެލެނިވެރިން އައިސް ދަރިވަރުން ކުރަމުން ދިޔަ މަސައްކަތް ބަލާލައި، އެ ބޭފުޅުންގެ އެއްވެސް ސުވާލެއް ވާނަމަ އެ ސުވާލުތަކަށްވެސް ޖަވާބު ދެމުން ދިޔައެވެ. އަދި ހަމަ އެހެންމެ، މުޅި އެ ތަން ދައްކައިލުމާއި، ޕްރޮގްރާމްތަކުގެ ސަބަބުން ދަރިވަރުންނަށް ލިބޭ ފައިދާތައް ވެސް ވަނީ ކިޔައިދީފައެވެ. ހަމަ އެހެންމެ، ބެލެނިވެރިޔާ، ދަރިވަރު ބަލާ އަންނަން ބުނެފައިވާ ގަޑީގެ 10-5 މިނެޓު ކުރިން އައިސް ދަރިވަރު އެ ދުވަހަކު ތައްޔާރު ކުރި އެއްޗެއް ދައްކާލައި އެ އެއްޗެއް ހެދި ގޮތް ދަރިވަރު ބެލެނިވެރިޔާއަށް ކިޔައިދިނުމުގެ ފުރުސަތުވެސް ދަރިވަރުންނަށް ލިބިގެން ވެއެވެ. އަދި، ބެލެނިވެރިންނާއި މުދައްރިސުން ހިމެނޭ ގްރޫޕްތައް ހަދައި ދަރިވަރުން ތައްޔާރުކުރި އެއްޗެހީގެ ތަސްވީރުތައް ހިއްސާކުރުމަށާއި، ބެލެނިވެރިން ބޭނުންވާނަމަ، ވަކިން ދަރިވަރާއި ހަވާލުވެ ހުންނަ މުދައްރިސާއިވެސް ވާހަކަ ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

ހަމަ ގައިމުވެސް ރޮބޯތިންކްއަކީ، މި ބަވަނަވެފައިވާ ޓެކްނޮލޮޖީގެ ދުނިޔޭގައި އުޅުމަށް ބޭނުންވާ އެތައް ހުނަރުތަކެއް ދަސްކޮށްދޭ ތަނެކެވެ. އެކަމާމެދު ކުޑަވެސް ޝައްކެއް ނެތެވެ. ރަޖިސްޓްރީ ވުމަށް ރޮބޯތިންކްގެ ވެބްސައިޓް، https://www.robothink.mv މެދުވެރިކޮށް ރަޖިސްޓަރ ވެވޭނެއެވެ. އަދި އިތުރު މައުލޫމާތު ހޯދަން ބޭނުންވާނަމަ ޗާންދަނީ މަގުގައި ހުންނަ މއ. ސެމީ ޑީލްގެ ހަތަރު ވަނަ ފަންގިފިލާއަށް ގޮސް މައުލޫމާތު ސާފުކޮށްލެވޭނެއެވެ. އެހެންނޫންނަމަ 3308777 މި ނަންބަރަށް ގުޅާލައިގެން، ނުވަތަ info@robothink.mv އަށް އީމެއިލް ކޮށްގެންވެސް ބޭނުންވާ މައުލޫމާތުތައް ސާފުކޮށްލެވޭނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.