2021ގައި ޑަކްޑަކްގޯގެ އާ ރެކޯޑެއް

ޙުސައިން ދީމް މުޙައްމަދު 31 ޑިސެމްބަރު 2021

ޔޫސަރުންގެ ޕްރައިވަސީއަށް ފޯކަސްކޮށް އުފައްދާފައިވާ ސާޗް އިންޖީނެއްކަމުގައިވާ "ޑަކްޑަކްގޯ" އިން 2021ވަނަ އަހަރު، 34.5 ބިލިއަން ފަހަރު ބޭނުންކޮށްފައިވާތީ އެކުންފުނިން އާރިކޯޑެއް މުގުރާލާއިފިއެވެ. 2019ވަނަ އަހަރު 15 ބިލިއަން ފަހަރު ބޭނުންކޮށްފައިވާއިރު، 2020ވަނަ އަހަރު ޑަކްޑަކްގޯ ބޭނުންކޮށްފައިވަނީ 23 ބިލިއަން ފަހަރުއެވެ. އެހެންކަމުން 2021އަކީ މިސާޗް އިންޖީނުގެ އެންމެ ކާމިޔާބު އަހަރުކަމުގައި ނިންމިދާނެއެވެ.

ސާޗް އިންޖީނުގެ ދުނިޔޭގައި، 91.4% ހިއްސާއާއިއެކު އަދިވެސް އެންމެ ކުރީގައި އުޅެނީ ގޫގަލްއެވެ. މިއާ ވިދިގެން 3.14%ގެ ހިއްސާއާއިއެކު އެންމެ ގިނައިން ބޭނުންކުރާތަން ފެންނަނީ މައިކްރޯސޮފްޓުގެ ބިންގްއެވެ. ބައިޑޫ، ޔާހޫ އަދި ޔަންޑެކްސްގެ ފަހަތުގައި ޑަކްޑަކްގޯ ހިމެނެނީ ދުނިޔޭގެ ހަވަނައަށް އެންމެ މަޤްބޫލް ސާޗް އިންޖީނުގެ ގޮތުގައެވެ. ބައިޑޫ އަދި ޔާންޑެކްސްއަކީ ދުނިޔޭގެ ވަކި ސަރަހައްދުތަކަކަށް ލިމިޓްކޮށްފައިވާ އިންޖީނުތަކެއްކަމުން، ވަރަށް އަވަހަށް ޑަކްޑަކްގޯ އެދެ ސާޗް އިންޖީނު ފަހަނައަޅައި ކުރިޖައްސާލާނެކަމަށްފެނެއެވެ. ޔާހޫގެ މަޤްބޫލުކަންވެސް ކުޑަވަމުންދާތީ، ދުނިޔޭގަ ތިންވަނައަށް އެންމެ މަޤްބޫލް ސާޗް އިންޖީނުކަމުގައި ޑަކްޑަކްގޯ ވުމަކީ ދުުރުގައި އޮތްކަމެއްކަމަށް ނުފެނެއެވެ.

ފަހަކަށް އައިސް ޑަކްޑަކްގޯއިންވަނީ އާ ޚިދުމަތްތަކެއް ފޯރުކޮށްދޭން ފަށާފައެވެ. މިގޮތުން، ފޯނުތަކުގެ ޕްރައިވަސީ އިތުރުކޮށްދޭ އެކްސްޓެންޝަންތަކާއި އީމެއިލް ޕްރޮޓެކްޝަން ސާވިސް ޑަކްޑަކްގޯއިންވަނީ ދޫކުރުން ފަށާފައެވެ. މީގެ އިތުރުން ކައިރި މުސްތަޤްބަލެއްގައި މެކްއޯއެސް އަދި ވިންޑޯޒްގައި ޑަކްޑަކްގޯ ބޭނުންކުރެވޭނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.