ލާސްޓްޕާސްގެ އެއްވެސް ޕާސްވޯޑެއް ކޮމްޕްރޮމައިޒްވެފައި ނުވޭ

ޙުސައިން ދީމް މުޙައްމަދު 31 ޑިސެމްބަރު 2021

2021ވަނަ އަހަރުގެ އެންމެ ފަހު އަންގާރަ ދުވަހު ލާސްޓްޕާސްގެ ޔޫސަރުން ސިއްސުވާލީ އެފަރާތްތަކުގެ އެކައުންޓުތައް ގޮތްނޭނގޭ ފަރާތަކުން އެކްސެސްކުރަން އުޅުނުކަމުގެ އިންޒާރުތަކުންނެވެ. މިހާރު ތަޙްޤީޤުކުރެވެމުންދާ މި މައްސަލާގައި އަދި މިހާތަނަށް އެއްވެސް ޔޫސަރެއްގެ ޕާސްވޯޑް ކޮމްޕްރޮމައިޒްވެފައި ނުވާކަމަށް ލާސްޓްޕާސް އިން ހާމަކުރެއެވެ.

ލާސްޓްޕާސްގެ ޕްރޮޑަކްޓް މެނޭޖްމަންޓް ޑިވިޝަންގެ ނާއިބު ރައީސް ޑޭން ޑިމިޝެލް ވިދާޅުވޮގޮތުގައި އިންޒާރުތަކުގެ މިމެސެޖުތަކަކީ އޮޅިގެން ފޮނުވުނު މެސެޖުތަކެކެވެ. އަދި މިހާރު އެއެޕްގެ ސެކިއުރިޓީ އެލާޓް ސިސްޓަމްތައް މަރާމާތުކޮށް އެމައްސަލަ ހައްލުކުރެވިފައިވާކަމަށް ޑިމިޝެލް ހާމަކުރިއެވެ.

މިހާތަނަށް ހޯދުނު ހޯދުންތަކުން ލާސްޓްޕާސްގެ އެއްވެސް ޔޫސަރެއްގެ އެކައުންޓަކަށް ތާޑް ޕާޓީއަކުން އެކްސެސްވެވިފައިނެތެވެ. އެހެންނަމަވެސް ޔޫސަރުންގެ ސަލާމަތާއި ރައްކާތެރިކަމައްޓަކައި ސިސްޓަމްއިން އެއެލާޓްތައް ފޮނުވި ސަބަބެއް ހޯދޭތޯ ލާސްޓްޕާސްއިންދަނީ ތަޙްޤީޤުކުރަމުންނެވެ.

ލާސްޓްޕާސްއަކީ ޕްރައިވަސީ ބްރީޗްތަކުގެ ތާރީޚެއް ލިބިގެންވާ ކުންފުންޏެކެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވުނީ 2015ގައި ސީއެސްއާރުއެފް ބަގްއަކާއި ގުޅިގެން އެ އެޕްލިކޭޝަންގައި އުފެދުނު ސެކިއުރިޓީ ބްރީޗެކެވެ. މީގެ އިތުރުން އެކިފަރާތްތަކުން ލާސްޓްޕާސްގެ މައްޗަށް ކުރެވުނު ދިރާސާތަކުގެ އަލީގައި ހޯދުނުގޮތުގައި މެލްވެއާކުރާ ފަރާތްތަކުން ލާސްޓްޕާސްއަށް ޓާގެޓުކުރެވިދާނެ އެތަކެއް ވަލްނެރަބިލިޓީއެއް ފެނިފައިވެއެވެ. އެހެންނަމަވެސް މި ވަލްނެރަބިލިޓީތައްވަނީ އެއެޕްލިކޭޝަންއިން މިހާރު ހައްލުކޮށްފައެވެ.

ލާސްޓްޕާސްގެ ޔޫސަރުން މިކަހަލަ ބިރުތަކުން ރައްކާތެރިވެ ތިބުމަށް މާސްޓަރ ޕާސްވޯޑް ގިނަގިނައިން އަޕްޑޭޓްކުރަން ޖެހޭނެއެވެ. އަދި މި ޕާސްވޯޑް އެހެން އެއްވެސް އެޕެއްގައި ބޭނުންކޮށްގެން ނުވާނެއެވެ. މާސްޓަރ ޕާސްވޯޑް އަޕްޑޭޓްކުރާނީ ލާސްޓްޕާސްގެ މައި ސައިޓަށް ލޮގިންކޮށްގެންނެވެ. މިގޮތަށް ލޮގިން ކުރާއިރު ޓޫވޭ އޮތެންޓިފިކޭޝަން ފުރިހަމަ ކުރަންޖެހިދާނެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.