2022ގައި އޭއައި ބަދަލުވާނެ ގޮތް

އާޓިފިޝަލް އިންޓެލިޖަންސް ނުވަތަ އޭއައި އަކީ ޤަރުނުގައި އަހުރެމެން ދުށް އެންމެ އިންޤިލާބީ އެއް ޓެކްނޮލޮޖީއެވެ. ރާޒުވާ ކުޅޭ ރޮބޮޓުތަކުން ފެށިގެން ތަފާތު އެކިއެކި ބޭނުންތަކުގައި އޭއައި ބޭނުންކުރެވެމުން އެބަދެއެވެ. އެހެންނަމަވެސް، އޭއައިގައި މިހާތަނަށް އަހުރެމެންނަށް ކުރެވުނު ތަޖުރިބާއަކީ އެއްފަހަރާ ގިނަކަންކަން ކުރަން ދަތިވުމެވެ. މިހާތަނަށް ތަރައްޤީކުރެވިފައިވާ އޭއައިގެ އަލްގޮރިދަމްއަކީ ވަކިވަކި މަސައްކަތްތައް، ނުވަތަ ރާޒުވާފަދައިން ކުޑަ ބަދަލުތައް ހިމެނޭ ޓާސްކުތައް ކުރަން ފަރުމާކުރެވިފައިވާ އަލްގޮރިދަމްއެކެވެ. އެހެންނަމަވެސް ވާޗުއަލް ރިއާލިޓީއިން ބޭރުގައި، މި އަސްލީ ދުނިޔޭގައި ހީނުކުރާފަދައިން ކަންކަން ބަދަލުވެ، ކުރިން ނުވިސްނިފައިވާ ގޮތްގޮތަށް ކަންހިނގައެވެ. އެހެންކަމުން އޭއައި އޭގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް މިބަދަލުތަކަށް ހޭނެން އެބަޖެހެއެވެ.

އޭއައި ދިރާސާ ކުރާ ފަރާތްތަކުން އުއްމީދުކުރާގޮތުގައި މިއަހަރުތެރޭ ކުއްލި ބަދަލުތަކާއި ތަފާތު މަސައްކަތްތަކަށް އަހުލުވެރި އޭއައި ޓެކްނޮލޮޖީތައް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ. އަދި މި މަޝްރޫޢުގައި އެދެވޭވަރުގެ ކުރިއެރުންތަކެއްވެސް ހަމަ މިއަހަރުތެރޭ ފެނުމަކީ އެކަށީގެންވާކަމެއްކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

އޭއައިގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު ހިތްވަރަކީ ގޫގަލް، މެޓަ (ފޭސްބުކް) އަދި އެމަޒޯންފަދަ ބިޔަ ކުންފުނިތަކުން އޭއައި ކުރިއެރުވުމަށް ކުރާ އިންވެސްޓްމަންޓްތަކެވެ. ވަކިން ޚާއްޞަކޮށް، ބާރުދުވެލީގައި ތަރައްޤީވެ ވައިގައި ހިފަމުންދާ މެޓަވާސްއަށް ބޭނުންވާނެ އޭއައި ޓެކްނޮލޮޖީތައް އުފެއްދޭތޯ އެތައް ބަޔަކުދަނީ މަސައްކަތްކުރަމުންނެވެ.

އޭއައިގެ މާހިރުންގެ ހުވަފެނަކީ އިންސާނާގެ ސިކުނޑީގެ ނިޔުރޯންތައް މަސައްކަތްކުރާ އެފިޝަންސީގައި އޭއައި ޓެކްނޮލޮޖީވެސް މަސައްކަތްކުރުމެވެ. މިގޮތުން އޭއައިގެ ސައިންސްވެރިން އުއްމީދުކުރާގޮތުގައި އޭއައި ޓެކްނޮލޮޖީގެ ތަރައްޤީގެ ދަތުރުގައި ދެންއޮތް ފިޔަވަޅަކީ އެއްކުރެވިފައިވާ މަޢުލޫމާތުތަކާއި ޓެކްނޮލޮޖީތައް އެކުއެކީގައި ބޭނުންކުރަން ދަސްކުުރުމެވެ. އެފަރާތްތަކުން އުއްމީދުކުރާގޮތުގައި މިފިޔަވަޅުގެ ބޮޑުބައެއް 2022ގެ ތެރޭ އޭއައި އިން ކަޑައްތުކުރާނެއެވެ. ފަހުން އައިސް އޭއައިއާ ގުޅުވައިގެން ހޯދުނު އެންމެ މޮޅު ކުރިއެރުމަކީ، ޕްރޮޓީން ސީކުއެންސިންގް އޭއައި ބޭނުންކޮށްގެން ދިމާކުރުމެވެ. މިއީ އޭއައިގެ ޓެކްނޮލޮޖީގައި، ވަކިން ޚާއްޞަކޮށް ޞިއްޙީ ދާއިރާގައި އޭއައި ބޭނުންކުރަން ބޭނުންވާ ފަރާތްތަަކަށް ލިބުނު ވަރަށް މުހިއްމު ކުރިއެރުމެކެވެ. މިހާރުވެސް ބައެއް ބޭސްހަދާ ކުންފުނިތަކުން އާރްއެންއޭ ސީކުއެންސް ކުރުމުގައި އޭއައި ބޭނުންކުރެއެވެ. މިގޮތުން ކޮވިޑް-19އަށް ވެކްސިން އެއް އުފެއްދޭތޯ ކުރި ދަތުރުގައިވެސް އޭއައިގެ ބައިވެރިވުމެއް ފެނިފައިވެއެވެ. 2022ގެތެރޭ އޭއައިއަށް ލިބިގެންދާ ކުރިއެރުންތަކުން މިރޯލް އިތުރަށް ފުޅާކުރެވިގެންދާނޭ ކަމަށް އުއްމީދުކުރެވެއެވެ. ބޭސްއުފެއްދުމުގައި އޭއައި ބޭނުންކުރުމަކީ އާ ބޭސްތަކާއި ވެކްސިންތައް އުފެއްދުމުގައި އިތުރު ހަލުވިކަމެއް ގެނެސްދޭނެ ކަމެކެވެ. އަމިއްލައަށް މުއާމަލާތުކޮށް ޖުމްލަތައް އުފެއްދުމަކީވެސް އޭއައިއަށް އާކަމެއް ނޫނެވެ. 2022ގެ ތެރޭ މިރޮނގުންވެސް އެދެވޭ ބަދަލުތަކެއް ފެންނާނެއެވެ.

ހިތާމައަކީ އޭއައިފަދަ ރަނގަޅު އުފެއްދުމެއް އަހުރެމެންގެ އަތްމައްޗަށް ލިބިގެން އައި އިރުވެސް އޭގެ ނާޖާއިޒް ފައިދާ ނަގައި ބަޔަކު އުޅޭކަމެވެ. އޭއައި ބޭނުންކޮށްގެން އޮޓޮނޮމަސް ވެޕަން އުފެއްދުމާއި ބަދުއަޚްލާޤީ މަންޒަރުތައް ސްޓިމިއުލޭޓްކުރުން މިއަދު މިވަނީ އާއްމުވެފައެވެ. އެޑިންބަރާގެ މަޝްހޫރު ހެރިއޮޓްވަޓް ޔުނިވާސިޓީގައި ކޮންވެސޭޝަނަލް އޭއައި ދިރާސާކުރާ ޕްރޮފެސަރެއްކަމުގައިވާ ވެރޭނާ ރިއޭސާ ވިދާޅުވިގޮތުގައި "2022ގައި އޭއައިގެ ކިބައިން މާ ބައިވަރު އާ ކަންކަމެއް ފެނިދާނެކަމެއް ނޭނގެއެވެ. އެހެނަސް މިއަހަރުތެރޭ އޭއައި އަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އުއްމީދުކުރެވެއެވެ". ޕްރިފެސަރ ރިއޭސާ މިތާ އިޝާރާތް އެކުރަނީ އޭއައިގެ ހުރި ނޭއްގާނީ ކަންކަން ފިލުވައި ހަމަހަމަ ކަމާއި އެކު އެންމެނަށް ބޭނުންކުރެވޭފަދަ ޓެކްނޮލޮޖީއަކަށް އޭއައި ބަދަލުވުމެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.