ސްޕޭސްއެކްސްއިން ޓޮންގާއަށް ސްޓާލިންކް އިންޓަނެޓު ދެނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކަނޑުއަޑީގެ ފަރުބަދައެއް ގޮވައިގެން އެރި ސުނާމީއަކާއެކު ޓޮންގާގެ ރައްޔިތުން ތިބީ އިންޓަނެޓުފަދަ ހުރިހައި ޚިދުމަތަކުން މަޙްރޫމްވެފައެވެ. މިގޮތުން ހާލުގައިޖެހިފައި ތިބި ޓޮންގާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން އަތްދިއްކުރި ފަރާތްތަކުގެ ލިސްޓަށް ސްޕޭސްއެކްސް އަދި ޓެސްލާގެ ވެރި އީލޯން މަސްކް ވެސް މިވަނީ އަރާފައެވެ.

105،000 މީހުންގެ އާބާދީއެއް އޮންނަ މިޖަޒީރާ ޤައުމަށް އިންޓަނެޓުގެ ޚިދުމަތް ހޯދެނީ ކަނޑުއަޑީގައި އޮންނަ ކޭބަލްއަކުންނެވެ. ސުނާމީގެ ތެރޭ އެކޭބަލް ހަލާކުވެފައިވާތީ މުޅިޤައުމުންވަނީ އިންޓަނެޓު ކެނޑިފައެވެ. މިކާރިސާގައި އެޤައުމު އެއްކޮށް ސުންނާފަތިވެފައިވާއިރު، އެ ކޭބަލް މަރާމާތުކޮށް އިންޓަނެޓުގެ ޚިދުމަތް އަލުން ފޯރުކޮށްދޭން މަދުވެގެން މަސްދުވަސް ނަގާނެކަމަށް ލަފާކުރެވެއެވެ.

ޓޮންގާގެ މިހާލަތު އަޑުއަހާފައި، އެޤައުމަށް ވަގުތީ ގޮތުން ބޭނުންވާނޭ އިންޓަނެޓުގެ ޚިދުމަތް ސްޕޭސްއެކްސްގެ ސްޓާލިންކް މެދުވެރިކޮށް ފޯރުކޮށްދެވިދާނެކަމަށް އީލޯން މަސްކު ޓްވީޓްކުރިއެވެ. ސްޓާލިންކަކީ މަސްކުގެ ސްޕޭސްއެކްސް ކުންފުންޏާއި ގުޅިގެން މޮޅުކޮލިޓީގެ އަގުހެޔޮ އިންޓަނެޓު ފޯރުކޮށްދިނުމަށް އުފެއްދި ކުންފުންޏެކެވެ. މިގޮތުން ސްޓާލިންކްގެ 1400އަށްވުރެ ގިނަ ސެޓެލައިޓް މިހާރުވެސް އޮޕަރޭޓްކުރެއެވެ. މަސްކު ވިދާޅުވެފައިވާގޮތުގައި ޓޮންގާގެ ސަރުކާރާއި ދިފާޢީ ބާރުން ވަގުތީގޮތުން ބޭނުންކުރަން ޖެހޭ އިންޓަނެޓު ސްޓާލިންކްގެ ޓާމިނަލްތައް ފޮނުވައިގެން ފޯރުކޮށްދެވޭތޯ އެކުންފުނިން މަސައްކަތްކުރާނެއެވެ.

މިގޮތުން މިހާރުވެސް އެކުންފުނީގެ ފަރާތުންދަނީ މިއެރޭންޖްމަންޓް ހަމަޖެއްސުމަށް ޓޮންގާ ސަރުކާރާއި ވާހަކަ ދައްކަމުންނެވެ. އެހެންނަމަވެސް ޓޮންގާގެ ސައިބަރ އިންފްރާސްޓްރަކްޗަރއަށް ސުނާމީގެ ސަބަބުން ލިބުނު ގެއްލުންތައް ބޮޑުކަމުން މިމަޝްރޫޢު ފެއްޓުމުގައި ދަތިތަކެއް ކުރިމަތިވާކަމަށްވެސް މަސްކު ވިދާޅުވިއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.