ސެގާއިން ޖަޕާނުގެ އާކޭޑުތައް ދޫކޮށްލަނީ

ޖަޕާނަށް ޒިޔާރަތްކޮށްލުމުގެ ނަސީބު ލިބިފައިވާ ފަރާތަކަށް، "ސެގާ" އަކީ ބީރައްޓެހި ނަމަކަށް ނުވާނެއެވެ. ޖަޕާނުގެ ޓޯކިޔޯފަދަ ބޮޑެތި ސިޓީތަކުގައި މިކުންފުނިން ގޭމްއާކޭޑް ހިންގާތާ މިހާުރު ބައި ގަރުނުވެދާނެއެވެ. މިއަދު އިވިގެން މިއައި ޚަބަރަކީ، ޖަޕާނުގެ އެތަން މިތާ ހުޅުވާފައިހުރި ސެގާގެ އާކެޑުތައް "ގެންޑާ އިންކޯޕަރޭޓަޑް" އަށް ވިއްކާލި ޚަބަރެވެ.

އާކޭޑު ހިންގުމުގައި 50 އަހަރު ހޭދަކުރުމަށްފަހު ސެގާ ކުންފުނިން މިވިޔަފާރި ދޫކޮށްލަން ނިންމީ 2020ވަނަ އަހަރުއްސުރެ ފައްޓައިގެން މުޅި ދުނިޔެ ތަހައްމަލުކުރަމުންމިދާ ކޮވިޑް-19ގެ އާލަމީ ވަބާއާއިހުރެ ދިމާވި މާލީ ގެއްލުންތަކުގެ ސަބަބުންނެވެ. ކޮވިޑް-19ގެ އެންމެ ފޯރިގަދަ ދުވަސްވަރު، ފުރަބަންދުތަކާއެކު ގޭމްއާކޭޑުތަކަށް މާބޮޑު ވިޔަފާރިއެއްކުރެވިފަކައެއް ނުވާނެއެވެ. މިސަބަބާހުރެ 2020ގައި ސެގާއިންވަނީ އެމީހުންގެ ވަރަށް އާކޭޑް ޝެއާތަކުގެ 85% ގެންޑާއަށް ވިއްކާލާފައެވެ. އިތުރަށް ކުރިއެރުމެއް ނުލިބުމުން، އެމާކެޓުން މުޅިން ބޭރުވާން ބާކީ ހުރިބައިވެސް ގެންޑާއަށް ވިއްކާލަން ސެގާއިން މިހާރު މިވަނީ ނިންމާފައެވެ. ގެންޑާއަކީ "ގީގޯ"ގެ ނަމުގައި ޖަޕާނުގައި އާކޭޑުތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ.

ގޭމިންގް އާކޭޑުތަކަކީ 1980ގެ އަހަރުތަކުން ފައްޓައިގެން ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ވަރަށް މަޤްބޫލްކަން ހޯދާަފައިވާ މަންޒިލެކެވެ. އެހެންނަމަވެސް، 2000ގެ އަހަރުތަކުގެ ތެރޭ، ގޭގައި ކުޅެވޭ ވީޑިއޯ ގޭމްތަކާއި ޕްލޭސްޓޭޝަންތައް އާއްމުވެގެން ދިޔުމާއެކު ގޭމް އާކޭޑުގެ މާކެޓުވަނީ ވަަރަށް ބޮޑަށް ހަނިވެފައެވެ. އެހެންނަމަވެސް، ޖަޕާނުގައި މިއާކޭޑުތަކަކީ އަދިވެސް ވަރަށް ހިނގާ ވިޔަފާރިއެކެވެ. ޖަޕާނުގައި ހަދާ ގިނަ އެނިމޭ ކޮމިކްތަކާއެކު މުޅިދުނިޔެއަށްވެސް ޖަޕާނުގެ އާކޭޑުތައްވަނީ މަޝްހޫރުވެފައެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.