ޕްލޭސްޓޭޝަނުގައި ރަސްމީކޮށް ޑިސްކޯޑު ތަޢާރަފުކޮށްފި

ޢާއިޝަތު ޝައިހާ 11 ފެބްރުއަރީ 2022

ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޕްލޭ ސްޓޭޝަން 4 އަދި 5 ގައި ރަސްމީކޮށް ޑިސްކޯޑު ތަޢާރަފުކޮށްފިއެވެ.

ސޮނީ އާއި މި މެސެޖުކުރުމުގެ މަންސައާއި ދެމެދު އެއްބަސްވެފައިވާ ޕާޓްނާޝިޕްގެ އިޢުލާނަށް 8 މަސް ވީ ފަހުން، ޑިސްކޯޑުން ވަނީ އެމެރިކާގައި ބޭނުންކުރާ ފަރާތްތަކަށް 'މަޑުމަޑުން ތަޢާރަފުވަމުން' އަންނަ ކަން ކަށަވަރުކޮށްދީފައެވެ. އަދި މި ހިދުމަތް އެމެރިކާގެ އިތުރުން އެހެން ޤައުމުތަކަށްވެސް ލިބިގެން ދާނެކަމަށް ވަނީ ބުނެފައެވެ.

"ތިމާގެ ޑިސްކޯޑް އެކައުންޓް ތިމާގެ ޙަރަކާތްތައް ދައްކައިދޭ އެހެން ޚިދުމަތަކަށް ގުޅާފައި ވާނަމަ، ހަމަ މީގައި ވެސް މަސައްކަތް ކުރާނީ އެއާއި ދާދި އެއްގޮތަކަށް،" ކުންފުނިން އޮޅުންފިލުވައިދެމުން ބުނެފައި ވެއެވެ. "ޑިސްކޯޑު އެކައުންޓު ގުޅުމުން، ތިމާ ޕީއެސް 4 ނުވަތަ 5 ގައި އެ ކުޅޭ ގޭމެއް ފެންނާނީ ތިމާގެ ޙަރަކާތެއްގެ ގޮތުގަ."

ޕްލޭ ސްޓޭޝަން ބޭނުންކުރާ ފަރާތްތަކުން އެމީހުންގެ ޕްރޮފައިލްގައި އެމީހުންގެ ޕްލޭ ސްޓޭޝަން ނެޓްވޯކް އޮންލައިން އައިޑީ ފެންނަ ގޮތަށް ހެދޭނެއެވެ. އޭރުން ޑިސްކޯޑް އެކުވެރިންނަށް އެމީހަކު އެޑްކުރެވެރޭނެއެވެ. "ތިމާގެ އެކުވެރިޔާ ކުޅޭ ގޭމަކީ އެހެން މަންސައެއްގައި ކްރޮސް ޕްލޭ ސަޕޯޓް ކުރާ ގޭމެއްތޯ ބަލައިލުމަށް މިއީ ރަނގަޅު ގޮތެއް." ޑިސްކޯޑުން ބުނެފައި ވެއެވެ.

ޑިސްކޯޑް އެކައުންޓެއް ޕްލޭ ސްޓޭޝަން ނެޓްވޯކް އެކައުންޓަކާއި ގުޅާލަން ބޭނުންވާ ކަމުގައި ވާނަމަ، ބޭނުންކުރާ ފަރާތްތަކުން ޑިސްކޯޑް ހުޅުވާލުމަށްފަހު ޔޫސަރ ސެޓިންގްސްއަށް ދާށެވެ. ދެން އޭގައިވާ ކަނެކްޝަންސްއަށް ފިތާލުމަށްފަހު އެއަށް އަލަށް އިތުރުކޮށްފައިވާ ޕްލޭ ސްޓޭޝަން އައިކޮން އަށް ފިތާލުމުން ގުޅުން ފުރިހަމަ ވެގެން ދާނެއެވެ.

ޑިސްކޯޑަކީ އޮންލައިންކޮށް ގޭމް ކުޅެމުންދާ ވަގުތު ގޭމްގެ ބައިވެރިންނާއި ވާހަކަ ދެއްކުމަށްޓަކައި 2015 އަހަރު އުފެދުނު މަންސައެކެވެ. މިއަދު، މަހެއްގެ މައްޗަށް 140 މިލިއަން ވުރެއް ބޭނުންކުރާ ފަރާތްތައް އިތުރުވަމުން ދާ އިރު، ގޭމް ކުޅުމުގެ އިތުރުން އެހެނިހެން އެތައް މައުޟޫއުތަކާއި ގުޅޭ ކޮމިއުނިޓީތައް ޑިސްކޯޑުގައި ވެއެވެ.

ޕާޓްނާޝިޕްގެ އިޢުލާނުގެ ކުރިން، ސޮނީއިން ވަނީ މިދިޔަ އަހަރު މި މަންސައަށް ކުޑަ އިންވެސްޓްމެންޓެއް ކޮށްފައެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ އަންނަ އަހަރުގެ ކުރީ ކޮޅުން ފެށިގެން ޑިސްކޯޑާއި ޕްލޭ ސްޓޭޝަންގެ ތަޖުރިބާތައް ކޮންސޯލްއާއި މޯބައިލްގައި ކައިރިކޮށް، ގޭމް ކުޅެމުންދާ ވަގުތު އެކުވެރިންނާއި، ގްރޫޕްތަކުގެ އިތުރުން ކޮމިއުނިޓީތައް އެކުގައި ވަގުތު ހޭދަކޮށް، މަޖާކޮށް އަދި ފަސޭހައިން މުވާޞަލާތުކުރުން ފަހިކޮށްދިނުން." އެސްއައިއީ ގެ ސީއީއޯ ޖިމް ރަޔަން ބުނެފައި ވެއެވެ.

"ކުޅޭ ފަރާތްތަކުން ކޮމިއުނިޓީތައް ހެދުމަށް ހިތްވަރު ދީ، ގޭމްތަކުން ލިބޭ ތަޖުރިބާތައް އެކަކު އަނެކަކާއި ހިއްސާކުރުމަކީ އަޅުގަނޑުމެން ކުރާ މައިގަނޑު މަސައްކަތް. އެހެންކަމުން އަޅުގަނޑުމެން ދުނިޔޭގެ އެންމެ މަޤްބޫލު މުވާޞަލާތީ ޚިދުމަތާއި އެކީ މި ފައްޓާ ދަތުރުގެ ސަބަބުން އަޅުގަނޑުމެން މިތިބީ ނުހަނު އުފަލުން."

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.