ނެޓްފްލިކްސްގެ ކަސްޓަމަރުން އެޗްބީއޯ އަށް ބަދަލުވަނީބާ؟

އައިމިނަތު މިންހާ 23 އޭޕްރީލު 2022
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މި ފަހުން އެންމެ ބޮޑަށް ވައިރަލްވެގެން ދިޔަ ޚަބަރަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ ގިނަބަޔަކު ބޭނުންކުރަމުންގެންދާ ސްޓްރީމިންގ ސާވިސް ކަމަށްވާ ނެޓްފްލިކްސްގެ އެތައް މިލިޔަން ކަސްޓަމަރުންތަކެއް ގެއްލިގެން ދިޔަ ވާހަކައެވެ. ނުވަތަ ނެޓްފްލިކްސް ފޮލޯކުރުން ހުއްޓަލިވާހަކައެވެ.

މިއަދު އަނެއްކާވެސް އިވިގެން މިދަނީ ދުނިޔޭގެ ސްޓްރީމިން ސާވިސްގައި ނެޓްފްލިކްސް އާއި އެންމެ ގާތުން އެންމެ ބޮޑަށް ވާދަކުރަމުން އަންނަ އެޗްބީއޯ އަދި އެޗްބީއޯ މެކްސްއަށް މިއަހަރުގެ ފުރަތަމަ ކުއާރޓާގައި ތިން މިލިއަނެއްހާ ސަބްސްކުރައިބަރސް ނުވަތަ ކަސްޓަމަރުން އިތުރަށް ލިބިގެން ދިޔަ ވާހަކައެވެ.

މިކަން މިގޮތަށް ވެގެން ގޮސްފިކަމުގައިވާނަމަ މިކަން ވެގެންދާނީ ނެޓްފްލިކްސް ދޫކޮށްދާ ކަސްޓަމަރުން އެޗްބީއޯ އަދި އެޗްބީއޯ މެކްސްއަށް ބަދަލުވަމުން ދަނީ ކަމުގައެވެ.

އެޗްބީއޯ އަދި އެޗްބީއޯ މެކްސް ހިންގާ މައިކުންފުނި އޭޓީއެންޑްޓީން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު އެޗްބީއޯ އަދި އެޗްބީއޯ މެކްސް ސަސްކުރައިބް ކޮށްފައިވާ ނުވަތަ ޚިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ އަދަދު 76.8 މިލިއަނަށް އަރައެވެ. މީގެ ތެރޭގައި މިދިޔަ އަހަރު އެކަނިވެސް އެކުންފުންޏަށް އަލަށް ލިބުނު 12.8 ކަސްޓަމަރުން ހިމެނެއެވެ.

ގިނަ ޚިދުމަތްތަކެއް އެއްކޮށްލައިގެން މިއަހަރު މުޅިން އަލަށް ފެށުމަށް ހަމަޖެހިފައިވާ "ވޯނާރ ބުރޯސް ޑިސްކަވަރީ" ފެށުމަށްޓަކައި އެޗްބީއޯ އާއި އެޗްބީއޯ މެކްސް މިހާރު ވަނީ ދުނިޔޭގެ ނަން މަޝްހޫރު ޑިސްކަވަރީގެ މީޑިޔާ ގްރޫޕްގެ ދަށަށް ބަދަލުކޮށްފައެވެ.

މި ބަދަލުތަކާއި އެކު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ނެޓްފްލިކްސްގެ ސަސްކުރައިބްސް ނުވަތަ ކަސްޓަމަރުންގެ އަދަދު އިތުރަށް ދަށްވެ އަދި އެޗްބީއޯ އާއި އެޗްބީއޯ މެކްސްގެ ކަސްޓަމަރުންގެ އަދަދު އިތުރުވެގެން ދާނެކަމަށް ބެލެވެއެވެ.

އައިމިނަތު މިންހާ

އައިމިނަތު މިންހާ

ޓެކްނޮލޮޖީގެ އައު ހޯދުންތަކާއިއެކު ލިޔުންތެރިކަމައިގެން ކުރިއަށް ދިއުމުގެ އަޒުމުގައި

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.