"ނެކްސްޓްޖެންޖަރލްސް 2022" ޕްރޮގްރާމް ފަށައިފި

އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވިމެން އިން ޓެކް މޯލްޑިވްސްގެ ފަރާތުން "ނެކްސްޓްޖެން ގަރލްސް ވާޗުއަލް އިނޮވެޝަން ޓުއަރ" ގެ ނަމުގައި ޕްރޮގްރާމެއް ފައްޓައިފިއެވެ. މިއަހަރުވެސް މި ޕްރޮގްރާމް ކުރިއަށްދަނީ މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމް.އެމް.އޭ) އާއި ގުޅިގެންނެވެ. މީގެ ކުރިން 2021 ވަނަ އަހަރުވެސް މިޕްރޮގްރާމްވަނީ ހިންގިފައެވެ. މިޕްރޮގްރާމް ކުރިއަށް ދަނީ އެޕްރީލް 26, 27, 28 ދުވަސްތަކުގައި ވަރޗުއަލްކޮށްނެވެ.

މިޕްރޮގްރާމްގެ މަގުސަދަކީ އައި.ސީ.ޓީ އަކީ ކުރިމަގުގެ އަންހެން ކުދިންނަށް ކެރިއަރއެއްގެ ގޮތުގައި އިޚްތިޔާރު ކުރެވިދާނެ ދާއިރާއެއްކަމުގައި ދައްކާދިނުމާއި އެކަމަށް ހިތްވަރު ދިނުމެވެ. ޕްރޮގްރާމުގައި ބައިވެރިވާ އިދާރާތަކާއި ކުދިންނާއި ގުޅުވައިދީ މަޢުލޫމާތު ބަދަލުކުރެވުމުގެ ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމެވެ. މިގޮތުން ސަރުކާރުގެ އަދި ރާއްޖޭގެ ބައެއް އަމިއްލަ ކުންފުނިތަކުގެ އައިސީޓީ ޑިޕާޓްމަންޓްތަކުން ކުރާ މަސައްކަތްތަކާއި, އެ އިދާރާތަކުން އުފައްދާފައިވާ ޑިޖިޓަލް ޚިދުމަތްތަކާއި ޕްރޮޑަކްޓްތަކާއި ބެހޭ މަޢުލޫމަތު މިޕްރޮގްރާމުގައި ދެވޭނެއެވެ. މިއީ މިދާއިރާއާއި މެދުގައި އަންހެން ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމެކެވެ.

މިއަހަރުގެ ހަރަކާތައް އަމާޒުކުރެވެނީ ރާއްޖޭގެ އެކި ސަރަހައްދުން 2000 ގަރލް ގައިޑުންނަށެވެ. ކުދިންނަށް މަޢުލޫމާތު ދިނުމަށް 12 އިދާރާއަކުން ވަރޗުއަލް ސެޝަންތަކެއް ކުރިއަށް ގެންދާނެއެވެ.

ވިމެން އިން ޓެކް މޯލްޑިވްސް އިން ދެކޭ ގޮތުގައި ނެކްސްޓްޖެން ގާލްސް ވާރޗުއަލް ޓުއަރ މިއިވެންޓަކީ ވަރަށް މުހިންމު އަދި އެހާމެ ބޭނުންތެރި މަޢުލޫމާތުތަކެއް ޙިއްސާ ކުރެވިގެން ދާނެ އިވެންޓެކެވެ. މަސައްކަތުގެ ދާއިރާއަށް ކުދިން ނުކުންނަން ތައްޔާރުވާއިރު ޓެކްނޮލޮޖީ ދާއިރާއަށް އަހުލުވެރިކުރުމަކީ މުސްތަގްބަލުގައި ކުދިން ކެރިއަރ ޚިޔާރުކުރުމަށް މުހިއްމު ކަމެކެވެ. މިޕްރޮގްރާމް މެދުވެރިވެ މިދާއިރާއާއި ބެހޭ އަގުހުރި މަޢުލޫމާތުތަކެއް ކުދިންނާއި ހިއްސާކުރެވޭނެއެވެ. މިދާއިރާގައި ކުރިއަށްދެވެން ހުރި ފުރުސަތުތަކަށް ކުދިން އަހުލުވެރިކުރުވައި ކެރިއަރއެއް ގޮތުގައި އައި.ސީ.ޓީ ޚިޔާރުކުރާ އަންހެން ކުދިން މުސްތަގުބަލުގައި އިތުރުވެގެން ދިޔުމަކީ ވިމެން އިން ޓެކް މޯލްޑިވްސްގެ އުންމީދެވެ.

އައިސީޓީ ދާއިރާގެ އަންހެން ކުދިންގެ ދުވަހަކީ އިންޓަރނޭޝަނަލް ޓެލެކޮމް ޔޫނިއަން (އައި.ޓީ.ޔޫ) އިން ކޮންމެ އަހަރަކު، ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. މިއީ މިދުވަސް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ 11 ވަނަ އަހަރެވެ. މިދުވަސް ފާހަގަ ކުރުމުގެ މަގްސަދަކީ އަންހެންކުދިންނާއި އަންހެނުންގެ މެދުގައި އައިސީޓީ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ, އެރޮނގުން މަތީ ތަޢުލީމާއި ވަޒީފާ ޚިޔާރުކުރުމަށް އެންހެން ކުދިންނަށް ހިއްވަރުދިނުމެވެ. މިދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 4 ވަނަ ބުރާސްފަތި ދުވަހުއެވެ. އެގޮތުން މިއަހަރު މިދުވަސް ރަސްމީކޮށް ފާހަގަކުރާނީ 28 އެޕްރީލް ވާ ބުރާސްފަތި ދުވަހުއެވެ.

ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.