އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއިން އެގައުމުގެ ގައުމީ ސަލާމަތަށް އަސަރުކުރާގޮތަށް ފަތުރަމުންދާ ދޮގުމައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކައި ހާއްސަ އިދާރާއެއް އުފެއްދުމަށް ނިންމައިފިއެވެ. އެގޮތުން ކޮންގްރެސްގައި ވާހަކަ ދައްކަމުން އެގައުމުގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ވަނީ ޑިސްއިންފޮމޭޝަން ގަވަނަންސް ބޯޑްގެ ނަމުގައި އިދާރާއެއް އުފެއްދުމަށް ނިންމާފައިވާކަން ހާމަކޮށްފައިއެވެ. މިއިދާރާގެ ސަބަބުން އެގައުމުގެ ގައުމީ ސަލާމަތާއި އިންތިހާބުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެކަމަށް އޭނާ ވަނީ ހާމަކޮށްފައިއެވެ.
ދޮގުމައުލޫމާތު ފެތުރުން ހުއްޓުވުމަށް ހާއްސަކޮށް އިދާރާއެއް އުފެއްދުމަށް ނިންމާފައިވާއިރު އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކުރާ ގޮތުގައި މިއިދާރާގެ މައިގަނޑު މަގްސަދަކީ ރަޝިއާއިން އެމެރިކާއާއި ދެކޮޅަށް ފަތުރާ ދޮގުމައުލޫމާތު ހުއްޓުވުމާއި އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރު ސަރަހައްދާއި ގުޅޭގޮތުން ފަތުރާ ދޮގު މައުލޫމާތު ހުއްޓުވުމެވެ.
މިއިދާރާގެ ވެރިއަކަށް އައްޔަން ކޮށްފައިވަނީ ވިލްސަން ސެންޓަރުގެ ކުރީގެ ޑިސްއިންފޮމޭޝަން ފެލޯއެއްކަމަށްވާ ނީނާ ޖެންކޮވިކްޒްއެވެ. އޭނާ ކޮށްފައިވާ ޓްވީޓެއްގައި ހާމަކޮށްފައިވާ ގޮތުގައި މި އިދާރާ އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ހޯމްލޭންޑް ސެކިއުރިޓީއިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، މަދަނީ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަށް އިތުރަށް ހަރުދަނާ ކުރުމެވެ.
އެގައުމުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި އިދާރާއަކީ އެގައުމުގެ ދެކުނު ބޯޑަރު ސަރަހައްދުގައި ހުރި މައްސަލަތަށް ހައްލުކުރުމަށް ނުކުޅެދިފައިވުމުން ސަރުކާރުން އެކަން ފޮރުވުމަށް ކުރާ މަސައްކަތެކެވެ. މީގެ އިތުރުން މިއިދާރާ ބޭނުންކޮށްގެން އެގައުމުގެ ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް މަސައްކަތްކުރާނެކަމަށްވެސް އެފަރާތްތަކުން ވަނީ ހާމަކޮށްފައިއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް