ކްލައުޑްފްލޭއާ ޑައުންވުމުން ގިނަ އޮންލައިން ޚިދުމަތްތަކެއް ކެނޑިއްޖެ

ޝުޖާޢަތު ރަޝީދު 21 ޖޫން 2022

ގިނަ ކުންފުނިތަކަށް މަޝްހޫރު ކޮންޓެންޓް ޑެލިވަރީ ނެޓްވޯކެއް ކަމަށްވާ ކްލައުޑްފްލޭއާއިން މިއަދުގެ ވަގުތެއްގައި ހިދުމަތް ކެނޑުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ގިނަ ވެބްސައިޓްތަކެއް އާންމުންނަށް ބޭނުން ނުކުރެވޭ ވަރަށް ހިދުމަތް ކެނޑިގެން ގޮސްފިއެވެ.

އޭގެ ތެރޭގައި ކެންވާ، ސްޓްރީމްޔާޑް އަދި ލަންޑަންގައި ހުންނަ ސްޓާޓްއަޕް އެއްވެސް އެއްޗެއް ނެތް ވެބްސައިޓް ވެސް ހިމެނެ އެވެ.

ހިދުމަތް ކެނޑުމުގެ މައްސަލަ ރިޕޯޓްކުރާ ވެބްސައިޓެއް ކަމަށްވާ ޑައުންޑިޓެކްޓާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޑިސްކޯޑް، ޒީރޯދާ، ޝޮފިފީ، އެމޭޒަން ވެބް ސާވިސަސް، ޓްވިޓާ، ކެންވާ އަދި މަޝްހޫރު ބެޓްލް ރޯޔަލް ޝޫޓިން ޓައިޓަލް ވަލޯރަންޓް އަދި އޯޕަން ވޯލްޑް ޓައިޓަލް ޖެންޝިން އިމްޕެކްޓް ފަދަ ސައިޓްތަކުން ވަނީ އެވަގުތުގައި ހިދުމަތް ކެނޑިފަ އެވެ.

ދިވެހިރާއްޖޭގެ ގިނަ ސައިޓުތަކުގެ ޚިދުމަތްތައް މެދުކެނޑުނެވެ. މިގޮތުން ދިރާގު ވެބްސައިޓު އަދި މޯބައިލް އެޕް، ރައީސްއޮފީސް ވެބްސައިޓު، ސިވިލް ސަރވިސް ކޮމިޝަން ގެ ބައެއް ޚިދުމަތްތައް، ބެންކުތަކާއި ސަރުކާރާއި އަމިއްލަ ބައެއް ކުންފުނިތަކުގެ ޚިދުމަށްތައް ހިމެނެއެވެ.

މިއަދު ހެނދުނު މައްސަލަ ދިމާވި ވަގުތުން ފެށިގެން ކްލައުޑްފްލެއާއިން ވަނީ އެމީހުންގެ ޚިދުމަތް ކެނޑުނުކަން އިނގޭ ކަމަށާއި، އެކަން ހައްލު ކުރުމަށް ފިކްސެއް އިމްޕްލިމެންޓް ކުރަމުންދާ ކަމަށް ބުނެ ޓުވީޓު ކޮށްފައެވެ.

ކްލައުޑްފްލޭއާއަށް މީގެ ކުރިން ވެސް މިފަދަ މައްސަލަތައް ކުރިމަތިވެފައި ވާއިރު، 2020 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހު ވެސް މިފަދަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

އެންމެ ފަހުގެ އަޕްޑޭޓުގައި ކްލައުޑްފްލޭއާއިން ހާމަކޮށްފައިވަނީ މި މައްސަލަ ހައްލު ކޮށްފައިވާ ކަމަށެވެ.

ކްލައުޑްފްލޭއާ އަކީ ގިނަ ސައިޓްތަކުން ބޭނުންކުރާ ބޮޑު ނެޓްވޯކް ޚިދުމަތެކެވެ.އެއީ ވެބް އެޕްތަކުގެ ޕާފޯމަންސް ކުރިއެރުވުމަށް ސެކިއުރިޓީ އާއި އާލާތްތައް ފޯރުކޮށްދޭ ވަސީލަތެކެވެ. ބޮޑެތި ސައިޓްތަކަށް އަންނަ ހަމަލާތަކުން ރައްކާތެރިވުމަށްޓަކަ ކްލައުޑްފްލޭއާއިން ރިވާސް ޕްރޮކްސީ ފޯރުކޮށްދިނުމަކީ ކްލައުޑްފްލޭއާގެ އެންމެ މުހިންމު އެއް ޚިދުމަތެވެ.

ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.