ދުވާލަކު 4 ގަޑިއިރު އެޕްތަކުގައި ހޭދަކުރޭ، އެންމެ ކުރީގަ ޓިކްޓޮކް

ރީޝަން 12 އޯގަސްޓު 2022

ލޮކްޑައުންގެ ދުވަސްތައް ފާއިތުވެގެން ދިޔަ ނަމަވެސް، އެމެރިކާ އާއި އެހެން ބައެއް ގައުމުތަކުގައި ވެސް މޯބައިލް ބޭނުން ކުރުމުގެ ނިސްބަތް ދަނީ އިތުރުވަމުން ކަމަށް ރިޕޯޓްތަކުން ދައްކައެވެ. އެންޑްރޮޑް އާއި އައިފޯން ހިމެނޭ ގޮތަށް 2022 ވަނަ އަހަރުގެ ދެވަނަ ކުއަރޓާރގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޓިކްޓޮކް އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ގިނައިން ބޭނުން ކުރާ އެޕް އެވެ. އަދި އިންސްޓަގްރާމް އަކީ މި މުއްދަތުގެ ތެރޭގައި އެންމެ ގިނައިން ޑައުންލޯޑް ކޮށްފައިވާ އެޕްލިކޭޝަން އެވެ.

މި ދިރާސާ ކޮށްފައިވަނީ އެޕް އިންޓެލިޖެންސް މަސައްކަތްކުރާ ކުންފުންޏެއް ކަމަށްވާ ޑޭޓާ.އޭ އިންނެވެ. ދިރާސާތައް ދައްކާ ގޮތުގައި ދުވާލަކު ހަތަރު ގަޑިއިރަށް ވުރެ ގިނައިރު އެޕްތައް ބޭނުން ކުރަމުންދާ 13 މާކެޓެއް އެބަހުއްޓެވެ.

އެމެރިކާ، އިންޑޮނޭޝިއާ، ސިންގަޕޫރު، ބްރެޒިލް، މެކްސިކޯ، އޮސްޓްރޭލިއާ، އިންޑިއާ، ޖަޕާން، ދެކުނު ކޮރެއާ، ކެނެޑާ، ރަޝިޔާ، ތުރުކީ، އަދި އިނގިރޭސިވިލާތުގެ އިތުރުން އައިފޯނާއި އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުން ދުވާލަކު ހަތަރު ގަޑިއިރަށް ވުރެ ގިނައިރު ހޭދަކުރަނީ އެޕްތައް ބޭނުންކުރުމަށެވެ.

އެ މާކެޓްތަކުގެ ތެރެއިން ތިން މާކެޓެއް ކަމަށްވާ އިންޑޮނޭޝިއާ، ސިންގަޕޫރު އަދި ބްރެޒިލްގައި މޯބައިލް ބޭނުންކުރާ މީހުން ދުވާލަކު ފަސް ގަޑިއިރަށް ވުރެ ގިނައިރު ހޭދަކުރަނީ ސޯޝަލް މީޑިއާ އާއި ފޯނުގައި ހުންނަ އެހެނިހެން އެޕްލިކޭޝަންތަކުގައެވެ.

ރިޕޯޓްގައި ވާގޮތުގައި ޕެންޑަމިކް ގެ ސަބަބުން މޯބައިލް އެޕްތަކާއި ސޯޝަލް މީޑިއާ ބޭނުން ކުރާ މިންވަރު އިތުރުވެ ދެވިހިފާފައި ވެއެވެ. އަދި އާންމު ހާލަތަށް އެންބުރި އައުމުންވެސް އެ އާދަތަށް ގިނަ ބަޔަކު ދޫކޮށްލާފައި ނުވެއެވެ.

މި ދިރާސާއިން ދައްކާފައިވާ ގޮތުގައި 2022 ގެ ދެވަނަ ކުއާޓަރގެ އެންމެ ގިނައިން ޑައުންލޯޑް ކޮށްފައިވާ އެޕްތަކަކީ އިންސްޓަގްރާމް، ފޭސްބުކް، ޓިކްޓޮކް އަދި ވަޓްސްއެޕް އެވެ. މިމުއްދަތުގައި އެންމެ ގިނައިން ބޭނުން ކޮށްފައިވަނީ ޓިކްޓޮކް، ޔޫޓިއުބް، ޓިންޑަރ އަދި ޑިސްނީ ޕްލަސް އެވެ. އެކްޓިވް ޔޫސަރުން އެންމެ ގިނައި ފޭސްބުކް އެވެ. މި ގިންތީގައި ފޭސްބުކް ގެ ފަހަތުގައި ދެން އެންމެ ކުރީގައި އުޅެނީ ވަޓްސްއެޕް، އިންސްޓަގްރާމް އަދި ފޭސްބުކް މެސެންޖަރ އެވެ.


ރީޝަން

ރީޝަން

ލިޔުންތެރިކަމުގެ ފުރަތަމަ ބިންގާ މި މަންސައިން

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.