ސައިބަރ ސޭފްޓީ އާއި މީޑީއާ ލިޓްރެސީ ވޯކްޝޮޕެއް އައްޑޫ ސިޓީގައި ބާއްވަނީ

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ވިމެން އިން ޓެކް މޯލްޑިވްސް އާއި ނޭޝަނަލް ޑިމޮކްރެޓިކް އިންސިޓިޓިއުޓް އިން އިސްނަގައިގެން އައްޑޫގައި ހަރަކާތްތެރިވާ މަދަނީ ޖަމްއިއްޔާތަކަށް 24 ނޮވެމްބަރ 2022 އިން 26 ނޮވެމްބަރ 2022 ގެ ނިއަލަށް މީޑިއާ ލިޓެރަސީ އާއި ސައިބަރ ސެކިއުރިޓީ ވޯރކްޝޮޕެއް އައްޑޫ ސިޓީ ގަމުގެ އިކުއޭޓަރ ވިލެޖްގެ ބްލޫ ލެގޫންގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި 03 ދުވަހުގެ ވޯރކްޝޮޕަކީ ވިމެން އިން ޓެކް މޯލްޑިވްސް ގެ ސައިބަރ ސޭފް ގެ ސީރިސް ގެ ދަށުން ބާއްވާ 2 ވަނަ ވޯރކްޝޮޕްއެކެވެ. މިދިއަ އޮކްޓޯބަރ 21 އިން 22 އަށް މާލޭގައި ހަރާކަތްތެރިވާ މަދަނީ ޖަމްއިއްޔާތަކަށް ޚާއްސަކޮށްގެން ފުރަތަމަ ސައިބަރ ސެކިއުރިޓީ ވޯރކްޝޮޕް ބާއްވާފައެވެ.

ރާއްޖޭގައި ހަރަކާތްތެރިވާ އަމިއްލަ މަދަނީ ޖަމްއިއްޔާތަކަކީ މުޖުތަމައުއަށް އެކިއެކި ގޮތްގޮތުން، އެކިއެކި ދާއިރާތަކުން، ފައިދާ ހުރި ގިނަގުނަ ކަންތައްތަކެއް ބުރަކޮށް މަސައްކަތް ކުރަމުންދާ ބައެކެވެ. ކޮންމެ ދާއިރާއެއްގައި ހަރާކްތެރިވި ނަމަވެސް މި ޒަމާނުގައި ކޮންމެ މަދަނީ ޖަމްއިއްޔާއަކީވެސް ޑިޖިޓަލް މާހައުލެއްގައި އެބައެއްގެ ގިނަގުނަ މަސައްކަތްތައް ކުރަންޖެހިފައިވާ ބައެކެވެ. އޮންލައިންކޮށް މަސައްކަތް ކުރާއިރު ގިނަ ފަރާތްތަކަށް ދިމާވެފައިވާ އެއް ގޮން ޖެހުމަކީ ރައްކާތެރިކަމާއި އެކު ޑިޖިޓަލް މާހައުލެއްގައި މަސައްކަތް ކުރުމަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު ލިބުން ދަތިވުމާއި، ސައިބަރ އެޓޭކެއް އައިސްފިނަމަ، އަމަލުކުރަންވީ ގޮތުގެ މައުލޫމަތު ލިބުން ދަތިވުމެވެ.

ވިމެން އިން ޓެކް އަދި ނޭޝަނަލް ޑިމޮކްރެޓިކް އިންސިޓިޓިއުޓް އިން މައުލޫމާތު ދޭގޮތުގައި، މި ވޯރކްޝޮޕްގެ މަޤްސަދަކީ މިފަދަ ގޮންޖެހުންތަކުން އަރައިގަންނަން ސިވިލް ސޮސައިޓީސްތަކަށް އެހީތެރިވެ ހޭލުންތެރިކުރުމެވެ. މަދަނީ ޖަމްޢިއްޔާތަކަށް އެ ފަރާތްތަކުގެ ގެންގުޅޭ މުހިންމު ޑޭޓާ ހިމާޔާތްކޮށް ރައްކާތެރިކުރުމަށާއި، އަދި އޮންލައިންކޮށް އުޅުމުގައި ރައްކާތެރވެ ސަމާލުކަން ދޭންޖެހޭ ކަންތައްތައް ދެނެގަތުމަށް އެހީތެރިވެދިނުމަކީ މި ޕްރޮގްރާމްގެ މަޤްސަދަކެވެ.

އަދި މި ވޯކްޝޮޕުގައި މީޑިއާ ލިޓެރަސީ އާއި ބެހޭގޮތުން ފުޅާ ދާއިރާގައި ސިވިލް ސޮސައިޓީސްތައް ހޭލުންތެރިކުރުމެވެ. މީޑިއާ މެދުވެރިކޮށް ލިބޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމާއި ތެދު މައުލޫމާތު ހޯދުމުގައި ބޭނުންކުރާނެ އާލާތްތަކާއި އުކުޅުތައް ދަސްކޮށްދޭނެއެވެ.

އޮންލައިންކޮށް ދިމާވާ މައްސަލަތަކަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން ޖަމްއިއްޔާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ގިނަ ފައިދާ ލިބޭނެއެވެ. ޖަމްއިއްޔާގެ ހިންގުންތެރިންނާއި، މެމްބަރުން، އަދި ޕާރޓްނަރުންގެ މައުލޫމާތާއި ޑޭޓާ ރައްކާތެރިކުރުމަށް އެހީއަކަށް ވާނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ފަރާތްތަކުން ވިމެން އިން ޓެކް މޯލްޑިވްސްގެ ވެބްސައިޓް www.womenintechmv.org އިން ރަޖިސްޓަރ ކުރެވޭނެއެވެ. މި ވޯކްޝޮޕްގައި ބައިވެރިވުމަށް ބައިވެރިންގެ އަތުން އެއްވެސް ފީއެެއް ނުނަގާނެއެވެ.

ވިމެން އިން ޓެކް މޯލްޑިވްސް

ވިމެން އިން ޓެކް މޯލްޑިވްސް

ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވައި މިދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތައް އަންގައިދީ ހޭލުންތެރިކުރުވައި، އީޖާދީ އުފެއްދުންތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.