އައިފޯން 14 އިމަޖެންސީ ފީޗާގެ އެހީގައި މީހަކު ސަލާމަތްކޮށްފި

އަޙްމަދު ދާއޫދު 05 ޑިސެމްބަރު 2022

އައިފޯން 14 އިމަޖެންސީ އެސްއޯއެސް ފީޗާގެ އެހީގައި އެމެރިކާގެ އަލަސްކާގައި ހާލުގައި ޖެހުނު މީހަކު ސަލާމަތްކޮށްފިއެވެ.

އެލަސްކާގެ ސަލާމަތީކަންކަމާ ބެހޭ ޔުނިޓް "އެލަސްކާ ސްޓޭޓް ޓްރޫޕާސް" އިން ބުނީ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު، އެލަސްކާގެ ދުރު އަވަށެއް ކަމަށްވާ ނޫރްވިކް އިން ކޮޓްޒެބޫއަށް ސްނޯމެޝިން މެދުވެރިކޮށް ދަތުރުކުރަމުންދިޔަ އުމުރުން ދުވަސްވީ ފިރިހެނަކު ތާށިވެ ހާލުގައި ޖެހުމުން އޭނާގެ އައިފޯނުން ސެޓެލައިޓް މެދުވެރިކޮށް އިމަޖެންސީ އެސްއޯއެސް އެލާޓް ލިބިފައިވާ ކަމަށެވެ. އެ ނޮޓިފިކޭޝަން ނުވަތަ މެސެޖް ކަމާބެހޭ ފަރާތަށް ލިބިފައިވާއިރު، ތާށިވި މީހާ ހުރިހިސާބުގައި ނުވަތަ އެ ސަރަހައްދުގައި ވައިފައި ނުވަތަ ސެލިއުލާ ކަވަރޭޖެއް ނެތްކަމަށްވެސް ސްޓޭޓް ޓްރޫޕާސްއިން ބުނެފައިވެއެވެ.

އެޕަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރުން ވަނީ ޓްރޫޕާސް އާއި ނޯތުވެސްޓް އާކްޓިކް ބަރޯ ސާޗް އެންޑް ރެސްކިއު ކޯޑިނޭޓަރަށް ހާލުގައި ޖެހުނު މީހާގެ ޖީޕީއެސް ކޯޑިނޭޓްސް ފޯރުކޮށްދީ، އެތަނުގައި ތިބި ހަތަރު ވޮލަންޓިއަރ ސާޗަރުން ހޯދައި، އޭނާ ކޮޓްޒޫބަށް ގެންގޮސްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އެލަސްކާ ޑިޕާޓްމަންޓް އޮފް ޕަބްލިކް ސޭފްޓީގެ ތަރުޖަމާނަކު އިންސައިޑާއަށް ވިދާޅުވީ ފަތިހު 3:30 ހާއިރު ސާޗް އެންޑް ރެސްކިއު ޓީމުތައް ފޮނުވާފައިވާ ކަމަށާއި ތާށިވެފައި ހުރި މީހާ ހެނދުނު 6:00 ހާއިރު ކޮޓްޒެބުއަށް ގެންގޮސްފައިވާ ކަމަށެވެ. އިންސައިޑާ އިން ބުނި ގޮތުގައި ހާލުގައި ޖެހުނު އެ މީހާހުރި ހިސާބަކީ ސެޓެލައިޓް ކޮމިއުނިކޭޝަންގެ އެހެން އެއްވެސް ޚިދުމަތެއް ނުލިބޭ ހިސާބެއް ކަމަށެވެ.

އެ މީހާ ސަލާމަތްކުރި ޓްރޫޕަރުން ނެރުނު ބަޔާނެއްގައި ބުނީ "އިނިޝިއަލް އެލާޓްގައި ހިމަނާފައިވާ މައުލޫމާތުގެ ސައްހަކަމާއި ފުރިހަމަކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

މި ޚަބަރު ފެތުރިފައި މިވަނީ އެޕަލް އިން އެމެރިކާ (ގުއާމް ނުވަތަ އެމެރިކަން ސަމޯއާ ފިޔަވައި) އަދި ކެނެޑާގައި އައިފޯން 14 ބޭނުންކުރާ ފަރާތްތަކަށް އިމަޖެންސީ އެސްއޯއެސް ސެޓެލައިޓް ފީޗާ ތައާރަފްކުރަން އެޕަލް އިން އިއުލާންކުރިތާ ހަފުތާއެއްހާ ދުވަސް ވީތަނާއެވެ. މި ސޭފްޓީ ހިދުމަތުގެ ދަށުން ސެލިއުލާ އަދި ވައިފައި ކަވަރޭޖްގެ ބޭރުން އިމަޖެންސީ ހިދުމަތްތަކަށް މެސެޖު ކުރެވޭނެ އެވެ.

މި ފީޗާގެ ސަބަބުން އައިފޯން 14 ބޭނުންކުރާ މީހުންނަށް ފައިންޑް މައި އެޕް ބޭނުންކޮށްގެން ރައްޓެހިންނާއި އާއިލާއާ އެކު ސެޓެލައިޓް މެދުވެރިކޮށް ލޮކޭޝަން ހިއްސާ ކުރެވޭނެ އެވެ. އައިފޯން 14 ލައިންއަޕްގައި ހިމެނޭ ކޮންމެ މޮޑެލެއްގައިވެސް މި ފީޗާ ބޭނުން ކުރެވޭނެ އެވެ. އެކަމަކު އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، ފަރަންސޭސިވިލާތް އަދި އަޔަލޭންޑް ފަދަ ޔޫރަޕްގެ ބައެއް މާކެޓްތަކަށް މިފީޗާ ރޯލްއައުޓްކުރާނީ މި މަހުގެ ތެރޭގައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.