ގޫގަލް ބާޑަށް ހެދުނު ގޯހަކުން އަލްފަބެޓަށް 144 ބިލިއަން ގެއްލުން

އަޙްމަދު ދާއޫދު 10 ފެބްރުއަރީ 2023

ގޫގަލްގެ މައި ކުންފުނި އަލްފަބެޓްގެ އަގު ވަރަށް ބޮޑަށް ދަށަށް ގޮސް، އެ ކުންފުނީގެ އާ އޭއައި ޗެޓްބޮޓް، ބާޑް އިޝްތިހާރެއްގައި ގޯހެއް ހެދުމުން 144 ބިލިއަން ޑޮލަރުގެ ގެއްލުމެއް އެކުންފުންޏަށް ލިބިއްޖެއެވެ.

ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕާ ބެހޭ ގޮތުން ޗެޓްބޮޓުން ދިން ދޮގު މައުލޫމާތުގެ ސަބަބުން އަލްފަބެޓްގެ ހިއްސާގެ އަގު 7.7 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، މިއީ އޮކްޓޯބަރު މަހަށް ފަހު އެއް ދުވަހުގެ ތެރޭގައި އެންމެ ބޮޑު ދަށްވުމެކެވެ. މިކަން ހިނގާފައި މިވަނީ ގޫގުލްގެ އެންމެ ބޮޑު ވާދަވެރި ކުންފުނި މައިކްރޮސޮފްޓުން ވެބް ސާޗް ސްޕޭސްގައި އާ ކެމްޕޭނެއް ފަށަން އުޅޭ ދަނޑިވަޅެއްގަ އެވެ.

ގޫގަލްގެ ބާޑްގެ ތަޢާރަފް ކުރުމުގެ ފުރަތަ އިޝްތިހާރުގައި ދިން މައުލޫމާތުތަކުގެ ތެރެއިން ދޮގު މައުލޫމާތެއްކަމަށް ނާސާއިން ކަށަވަރު ކޮށްދީފައިވަނީ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ހޯދި އާ ހޯދުންތަކާ ބެހޭ ގޮތުން ޗެޓްބޮޓް އަށް ހުށަހެޅި ސުވާލަށް ދިންޖަވާބެކެވެ. ގޫގަލްގެ ބާޑް ޗެޓްބޮޓުން ބުނެފައި ވަނީ އެކްސްޕްލޮނެޓްސްގެ ފުރަތަމަ ފޮޓޯ ނެގުމަށް ޖޭޑަބްލިއުއެސްޓީ ބޭނުންކުރި ކަމަށެވެ. އެކަމަކު އެވާހަކަ ވަނީ ނާސާއިން ދޮގެއްކަން ކަށަވަރުކޮށް ދީފައެވެ.

އަލްފަބެޓަށް ލިބުނު ގެއްލުމާއި ގުޅޭގޮތުން އޭބީސީނިއުސްގައި ޝާއިއު ކޮށްފައިވާ އާރޓިކަލް އެއްގައި ބަޔާން ކޮށްފައި ވާ ގޮތުން ގޫގަލްގެ ޗެޓްބޮޓަށް އެރި މި އޮޅުމުން ހަރުކަށި ޓެސްޓިން ޕްރޮސެސްއެއްގެ މުހިންމުކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ގޫގަލްގެ ތަރުޖަމާނު ވިދާޅުވީ ބާޑްގެ ޖަވާބުތަކުގެ ކޮލިޓީ އާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓްރަސްޓެޑް ޓެސްޓަރ ޕްރޮގްރާމެއް އެ ކުންފުނިން ފަށަން ނިންމާފައިވާ ކަމަށެވެ.

އަލްފަބެޓްގެ ސްޓޮކް ދަށަށް ގޮސްފައި ވަނީ މިދިޔަ ހަފުތާގައި ޗުއްޓީ ސީޒަން ކުއާޓަރުގައި ގޫގަލްގެ އިޝްތިހާރު ވިއްކާ މިންވަރު އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު ދަށަށް ގޮސްފައިވާ ކަމަށް ބުނާ ރިޕޯޓެއް ނެރުމުންނެވެ. މައިކްރޮސޮފްޓްގެ މިހާރުވެސް މަގުބޫލު ޗެޓްބޮޓް، ޗެޓްޖީޕީޓީ، އެ ކުންފުނީގެ ބިންގް ސާޗް އިންޖީނުގައި ހިމެނުމަށް ރާވާފައިވާ ޕްލޭންގެ ފުރިހަމަކަމާއި އަދި ގިނަ ބައެއްގެ ތަރުހީބު ލިބުމުން ވެސް އަލްފަބެޓްގެ ހިއްސާގެ އަގު ދަށަށް ދިޔަ އެވެ. މި އިއުލާނާ އެކު މައިކްރޮސޮފްޓްގެ ހިއްސާ ވަނީ 0.5 ޕަސެންޓް އިތުރުވެފަ އެވެ.

ގޫގަލް އިން ސާޗް އިންޖީނުގައި އޭއައި ބޭނުން ކުރުމަށް ނިންމީ މައުލޫމާތު ފޯރުކޮށްދޭ އިތުބާރު ހުރި ވަސީލަތެއްގެ ގޮތުގައި ގޫގަލް އޮތުމުން ކަމަށް ވިޔަސް މައިކްރޮސޮފްޓްގެ ބިންގް ސާޗް އިންޖީނަކީ މާބޮޑު ޓެސްޓްތަކެއް އަދި ނުކުރެވޭ ޓެކްނޮލޮޖީއާ އެކު އެކްސްޕެރިމެންޓް ކުރުމުގެ ލަގްޒަރީ އިންޖީނެކެވެ.

ސެންޓާ ފޯ ފައިނޭންޝަލް ރިސާޗް އެންޑް އެނަލިސިސް އެނަލިސްޓް އެންޖެލޯ ޒިނޯ ވިދާޅުވި ގޮތުގައި ޗެޓްޖީޕީޓީއިން ދައްކަނީ ނުރައްކަލެއް އޮތް ކަން ކަމަށާއި އެކަމުގެ ސަބަބުން މުޖުތަމައު އޮތީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.