ޓިކްޓޮކް ބޭނުންކުރުން އެމެރިކާގައި މަނާކުރުމުގެ އަޑު ފެތުރިފައިވާއިރު އެމެރިކާގެ ކޮންގްރެސްއަށް ޓިކްޓޮކްގެ ސީއީއޯ ޝޯ ޗޫ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު (23 މާރޗް 2023) ހާޒިރުކޮށްފިއެވެ.
ޗައިނާއާ އެކު ކުންފުނިން އޮތް ގުޅުމާއި، ކަންބޮޑުވާ ކޮންޓެންޓް ހިފެހެއްޓުމާއި، ޓިކްޓޮކްގެ އެންމެ ބޮޑު މާކެޓް އެމެރިކާއަށް އިތުބާރު އުފެއްދުމަށް ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ހަރުކަށި ސުވާލުތަކާއި ސިންގަޕޫރަށް އުފަން ސީއީއޯ ޗޫ ކުރިމަތިލާން ޖެހުނެވެ.
ފަސް ގަޑިއިރަށް ދިގުދެމިގެންދިޔަ މި އަޑުއެހުން ކުރިއަށް ދިޔައިރު، ޗޫ ވަނީ ޓިކްޓޮކާމެދު ހީކުރާ ނުބައިހީކުރުންތަކަކީ ގޯސް ވިސްނުމެއްކަމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ޔަގީންކޮށްދީފަ އެވެ. އަދި އެމެރިކާގެ ޔޫޒަރުންގެ ޑޭޓާ ޓިކްޓޮކުން ޗައިނާ ސަރުކާރާ ހިއްސާކޮށްފައި ނުވާ ކަމަށާއި، އެކަމަށް އެދުމެއް ވެސް ލިބިފައި ނުވާ ކަމަށް ވެސް ޗޫ ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ހަރުކަށި މައްސަލަތަކުގައި މާއްދީ ޖަވާބު ހޯދުމަށް ޗޫއަށް ޕްރެޝަރުކޮށް، ކުންފުނީގެ ބައެއް ކާމިޔާބީތައް މާބޮޑަށް ފާހަގަކޮށް، ހަރުކަށި މައްސަލަތައް ތަކުރާރުކޮށްފައެވެ.
އަދި ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސް ޗައިނާގެ މިލްކުވެރިކަމާއެކު ޗައިނާގައި ހުންނަ ކަމަށާއި، ޗައިނާ ސަރުކާރުން ދައުލަތުގެ މަސްލަހަތު އިތުރަށް ކުރިއަށް ގެންދިއުމަށް ބޭނުންކުރެވިދާނެ ކަމުގެ ކަންބޮޑުވުންތައް ވެސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ފާހަގަކުރެއްވި އެވެ.
ޗައިނާއިން އެމެރިކާގެ މީހުންގެ ޑޭޓާ ހޯދަމުންދާ ކަމުގެ އެއްވެސް ހެއްކެއް ނުވަތަ ގަސްތުގައި ސިޔާސީ ސުލޫކު ބައްޓަން ކުރަމުންދާ ކަމުގެ އެއްވެސް ހެއްކެއް ނެތް ނަމަވެސް، ކުންފުނީގެ ޕްރައިވެސީ ޕްރެކްޓިސްތަކާ މެދު ކަންބޮޑުވާން ޖެހޭ ކަމަށް ޤާނޫނު ހަދާ މަޖްލީހުގެ މެމްބަރުންވަނީ ބުނެފައެވެ.
ޗޫ ތަކުރާރުކޮށް ކަށަވަރުކޮށްދިނީ ޓިކްޓޮކުން ދުވަހަކުވެސް އެމެރިކާ ޔޫޒަރުންގެ ޑޭޓާ ޗައިނާ ސަރުކާރާއި ހިއްސާކޮށްފައި ނުވާ ކަމަށާއި އެކަން ކުރުމަށް އެދުމެއް ވެސް ލިބިފައި ނުވާ ކަމަށެވެ. އެމެރިކާގެ މީހުންގެ ޑޭޓާ ހޯދުމަށް ޗައިނާއިން އެދިއްޖެ ނަމަވެސް އެ ކުންފުނިން އެކަމަށް އަމަލު ނުކުރާނެ ކަމަށް ޗޫ ބުނެފައިވެއެވެ.
ޗައިނާގެ މެއިންލޭންޑްގައި ޓިކްޓޮކް ބޭނުން ނުކުރެވޭ ކަމަށާއި ޓިކްޓޮކް ބޭނުންކުރާ މީހުންގެ ޑޭޓާ ބެކަޕް ބަލަހައްޓަނީ ސިންގަޕޫރުގައި ކަމަށްވެސް ޗޫ ހާމަކުރިއެވެ. ނަމަވެސް ގާނޫން ހަދާ މެމްބަރުން ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓް ޑާންސްއާއި ގުޅޭގޮތުން ސުވާލުތައް ކުރިމަތި ކުރިއެވެ.
"އަޅުގަނޑު މިކަން ޝައްކެއްވެސްނެތްގޮތުގައި ދަންނަވާލަން، ބައިޓްޑާންސް އަކީ ޗައިނާގެ ނުވަތަ އެހެން ގައުމެއްގެ އޭޖެންޓެއް ނޫން،" ޗޫ ވިދާޅުވި އެވެ.
އަޑުއެހުން ކުރިއަށް ދިޔައިރު، ދެ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ޗައިނާއާ އެކު ކުންފުނިން އޮތް ގުޅުމާއި، ހާސްކުރުވަނިވި ކޮންޓެންޓް އާއި، އެންމެ ބޮޑު މާކެޓް ކަމަށްވާ އެމެރިކާއަށް އިތުބާރު އުފެއްދުމަށް ރާވާފައިވާ ކަންކަމާ ގުޅޭ ގޮތުން ޖަވާބު ހޯދުމަށް ޗޫ އަށް ޕްރެޝަރުކޮށްފަ އެވެ.
އެ އަޑުއެހުމުގައި ގިނަ މަންދޫބުންގެ ސުވާލުތައް ފޯކަސް ކުރީ ޓިކްޓޮކްގެ ސަބަބުން ޒުވާނުންނަށް ކުރާ އަސަރަށެވެ. ފުރާވަރުގެ ކުދިންނަށް އެޕްގެ 60 މިނެޓްގެ ގަޑި ލިމިޓް ކަނޑައެޅުމަށް ޗޫ ވާހަކަ ދެއްކުމުން، ރިޕަބްލިކަން ޖޯން ސާބޭންސް ވަނީ ސޯޝަލް މީޑިއާ އެޑިކްޝަނުން ރައްކާތެރިވުމަށް އެކުންފުނިން ބުނާ ވާހަކަތައް ތަކުރާރު ކޮށްފަ އެވެ.
"އަޅުގަނޑަށް ވިސްނޭ ގޮތުގައި ޓީންސް އަށް ބޭނުން ނަމަ އެޕް ބޭނުން ކުރަމުން ގެންދިއުމަށް ނޮޓިފިކޭޝަން ކިތަންމެހާވެސް ފަސޭހައިން ބައިޕާސް ކުރެވޭނެ،" “ މާނައަކީ، ލޭޓްސް ފޭސް އިޓް، އަހަރެމެންގެ ޓީންސް އަހަރެމެންނަށް ވުރެ ދެގުނަ ސްމާޓް އަދި އެމީހުންނަށް ޓެކްނޮލޮޖީ ބޭނުން ކުރަން އެނގޭ އަދި ބޭނުން ނަމަ މި ލިމިޓްތަކާ އެކުވެސް އުޅެވޭނެ.” ސާބަނޭސް ބުންޏެވެ.
ހެކިބަހުގެ ކުރީކޮޅު ޗޫ ވަނީ އިންޓަނެޓް ވޮޗްޑޮގް ސިޓިޒަން ލެބްގެ ރިޕޯޓަކާ ހަވާލާދީ ޗައިނާ ސަރުކާރާއި ޓިކްޓޮކްގެ ޑޭޓާއާ އެއްވެސް ގޮތަކަށް އެ ކުންފުންޏަށް ކަނޑައެޅިގެން ނުފެންނަ ކަމަށް ބުނެފަ އެވެ. ސިޓިޒަން ލެބްގެ ޑިރެކްޓަރު ވަނީ ޓްވިޓާގައި ރިއަލް ޓައިމްގައި ޖަވާބު ދެއްވައި، އެ ކަމަށް ތާއީދު ކޮށްފައެވެ.
"އަޅުގަނޑުމެންގެ ތަހުލީލު ސާފުކޮށް ދެއްކީ ޔޫޒަރ ޑޭޓާ އެއްކޮށް އަނބުރާ ޓިކްޓޮކްގެ ސާވަރުތަކަށް ޓްރާންސްމިޓް ކުރުމުން ޔޫޒަރ ޑޭޓާއަށް ވީގޮތް ފެންނަން ނެތް ކަމުގެ ވާހަކަ،" އޭނާ ބުންޏެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގެ ކުރިން ޗޫ ވަނީ އެމެރިކާގައި މިހާރު ޓިކްޓޮކްގެ 150 މިލިއަނަށް ވުރެ ގިނަ ޔޫޒަރުން ތިބިކަން އިއުލާން ކުރައްވާފައެވެ. މިއީ އެންމެ ފަހުން ރިޕޯޓްކުރި އަދަދަށް ވުރެ ބޮޑު ކުރިއެރުމެކެވެ. މިހާބޮޑު ޑިމާންޑެއް އެމެރިކާގެ ރައްޔިތުންގެ މެދުގައި ޓިކްޓޮކްގެ އޮތްއިރު، ޓިކްޓޮކް މަނާކޮށްފިނަމަ ޒުވާނުން މުޒާހަރާއަށް ނުކުންނާނެކަމުގެ ބިރުވެސްއެބައޮތެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި މި ހަފްތާގައި ވޮޝިންޓަން ޑީސީގައި ހުށަހަޅާފައިވާ މި މަނާކުރުމާ ގުޅިގެން ޒުވާނުންގެ ގުރޫޕަކުން މުޒާހަރާ ކުރަމުންދެއެވެ.
އެޕްގައި ކުޑަކުދިން ހިމާޔަތް ކުރުމަށް ޓިކްޓޮކުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ކޮމިޓީން ޗޫއަށް ޕްރެޝަރު ކުރިއިރު، މި އަޑުއެހުމަކީ ޓެކް ކުންފުނިތަކުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުތަކަށް ޖަވާބުދާރީވުމަށް މަގުފަހިވާ މަސައްކަތެއްކަން ފާހަގަކުރި އެވެ.
ޕްރޮޖެކްޓް ޓެކްސަސްއާއި ގުޅޭގޮތުން ޗޫ ފާހަގަ ކުރެއްވި ގޮތުގައި އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާމީހުންގެ މައުލޫމާތު ނުވަތަ ޑޭޓާ އެމެރިކާގައި ބެހެއްޓުމަށް އޮރެކަލް ފަދަ އެމެރިކާގެ ޓެކްނޮލޮޖީ ކުންފުންޏަކާއި ޓިކްޓޮކްއިން ވަނީ ޕާޓްނަރޝިޕް ހަދާފަ އެވެ. މީގެ އިތުރުން، ހާމަކަން ބޮޑުކަމާއި ޖަވާބުދާރީވުން އިތުރުކުރުމުގެ ވަސީލަތެއްގެ ގޮތުގައި، މިނިވަން ޕާޓީތަކުން ޓިކްޓޮކްގެ ޑޭޓާ ޕްރެކްޓިސްތައް މޮނިޓަރ ކުރުމަށް ހުޅުވާލާނެކަމަށްވެސް ހާމަކުރެއްވިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ޔޫޒަރުންގެ ޑޭޓާގެ ސަލާމަތާ ގުޅޭ ކަންބޮޑުވުންތައް ލުއިކޮށްދިނުމުގެ އިތުރުން ގަވާއިދުތަކަށް އަމަލުކުރުމަށާއި އެއްވެސް ކަންބޮޑުވުމެއް އޮތްނަމަ ހައްލުކުރުމަށް ސަރުކާރުގެ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ޓިކްޓޮކުން ވައުދުވެފައިވާކަން ވެސް އޭނާ ކޮންގްރެސްގައި ހާމަކުރެއްވި އެވެ.
މި އިންޓަރވިއު ކުރިޔަށް ދިޔައިރު ގާނޫން ހަދާ ބައެއް މެމްބަރުން ކުރި ސުވާލުތަކަށް ޓިކްޓޮކް ބޭނުން ކުރާ ފަރާތްތަކާއި ސޯޝަލް މީޑިއާގައި މަލާމާތާއި ފާޑުކިޔުން އަމާޒުވިއެވެ. ޓިކްޓޮކުން ވައިފައި ބޭނުން ކުރޭތޯ އެހުމާއި ޓިކްޓޮކްއިން ކެމެރާ ބޭނުންކޮށްގެން މީހުންގެ ލޮލުގެ ކަޅި ބޮޑުވޭތޯ ބަލާތޯ ކުރި ސުވާލުތަކަކީ ހަމަ ހަގީގަތުގައިވެސް ގަބޫލު ކުރަން ދަތިވި ސުވާލުތަކެވެ.
ޖުމްލަކޮށް ބަލާއިރު، މި އަޑުއެހުމުން ދައްކާ ގޮތުގައި ޓިކްޓޮކުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ކަންބޮޑުވުންތައް ސީރިއަސްކޮށް ނަގަމުންދާއިރު، އެމެރިކާ ސަރުކާރާއި އެމެރިކާގެ އާންމުންނާ މެދު އިތުބާރާއި ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި ބައިޓް ޑާންސަކީ ޗައިނާގެ ކުންފުންޏެއް ކަމުގައި ބުނާ ބުނުމުން ޗައިނާގެ ގާނޫނުތަކަށް ޓިކްޓޮކްއިން ކިޔަމަންތެރި ވާން ޖެހޭނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ޓެކްނޮލޮޖީ ކުރިއަރަމުންދާއިރު، ކުންފުނިތަކުން ޑޭޓާ ޕްރައިވެސީ އާއި ޔޫޒަރ ސޭފްޓީއަށް އިސްކަން ދިނުމަކީ މުހިންމު ކަމެއް ކަމަށްވާއިރު، ޓިކްޓޮކް ވެސް މި އުސޫލުން އިސްތިސްނާ ނުވާނެއެވެ. މި އަޑުއެހުމަށްފަހު ވެސް ޓިކްޓޮކް އެމެރިކާގައި މަނާކުރުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.
ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.