މީސްމީޑިޔާގެ ނުރައްކާތަކަކީ އަޅުގަނޑުމެންނަށް އަބަދުވެސް އިވެމުންދާ ވާހަކަތަކެކެވެ. ބޮޑުވެގެން އަންނަ ޖީލުތަކަށް މީސްމީޑިޔާގެ ސަބަބުން ދިމަވާ ނަފްސާނީ އަދި އިޖްތިމާއީ ގެއްލުމާކީ އަޅުގަނޑުމެންނަށް އާންމުކޮށް އިވެމުންދާ އަޑުތަކެކެވެ. ޒުވާނުންނަށް ދިމާވާ ހާސްކަމާއި، މުއާމަލާތްކުރުމަށް ދިމާވާ ދަތިކަމާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބުރުއެރުން ފަދަ ނޭދެވޭ އަސަރު ތަކަކީ އަޅުގަނޑު މެންނަށް ވަރަށް އާންމުކޮށް އިވޭ ޝަކުވާތަކެކެވެ. ނަމަވެސް މީސްމީޑިއާގެ ސަބަބުން އަޅުގަނޑުމެންގެ ވިސްނުމަށް ކުރާނޭދެވޭ އަސަރަތަކަކީ ކޮބައިތޯ؟
މީސްމީޑިޔާގެ ސަބަބުން އަޅުގަނޑުމެންގެ ވިސްނުމަށް އެތަކެއް ނޭދެވޭ އަސަރެއް ފޯރުވައެވެ. މީގެ ސަބަބުން އަޅުގަނޑުމެން ވިސްނާގޮތައް ވެސް ނޭދެވޭ ބަދަލުތަކެއް އާދެއެވެ.
މިއީ އަޅުގަނޑުމެން ކަންކަމަށްދެވޭ ސަމާލުކަން ކުރުވެ، ޙަބަރުގެ ތެދުދޮގާ މެދު ފަރުވާކުޑަވާ ވާހަކައެއް ނޫނެވެ. އަދި އަމިއްލަޔަށް ވިސްނުމުގެ ބަދަލުގައި އެހެން މީހުންގެ ހިޔާލުތަކަށް ބަރޯސާވުމެއް ވެސް ނޫނެވެ. މިބުނަނީ މިއަށް ވުރެވެސް މާބިރުވެރި ކަމެއްގެ ވާހަކައެވެ. އަޅުގަނޑުމެން ދުނިޔެދެކޭ ގޮތާއި ވިސްނޭގޮތާއި މެދު މިކަމުގެ ސަބަބުން ހަނިވާ ހަނިވުމެވެ.
މިހެން މިދިމާވަނީ ކީއްވެތޯ؟ މިކަމުގެ ސަބަބަކީ އަޅުގަނޑުމެންގެ ކަންކަމާއި މެދު ވިސްނުމާއި ހިޔާލުތައް އުފެދިގެން އަންނަ ގޮތެވެ. އަޅުގަނޑުމެންގެ ތަޖުރިބާތަކާއި ލިބޭ މައުލޫމާތުތަކުގެ އަލީގައި އަޅުގަނޑުމެން ކަންކަމުގައި އާންމުކޮށް ދިމާވާގޮތާއި މެދު "mental model" އަޅުގަނޑުމެން ހަދަމެވެ. މީގެ ޒަރިއްޔާއިން އެއާއި އެއްފަދަ އެހެން ހާލަތްތަކުގައި އަޅުގަނޑުމެންނަށް ކަމުގެ ހަޤީގަތް ފަސޭހައިން ނަގައިގަނެވެއެވެ.
މިކަން އެންމެ ފަސޭހައިން ދައްކައިދެވޭނީ މިސާލަކުންނެވެ. އަޅުގަނޑުމެންގެ ޅަފަތުގެ ދުވަސްވަރާއި މެދު ވިސްނާލަމާއިތޯއެވެ. އަޅުގަނޑުމެންނަށް ފެންނަ ހުރިހާ އެއްޗަކީ ހުސް އައު އަދި މިޒާޖު ނޭންގޭ އެއްޗިއްސެވެ. ނަމަވެސް އަޅުގަނޑުމެންގެ މައިންބަފައިންނާއި މުދައްރިސުން އެއްޗެހިގެ ނަމާއި ބޭނުން ކިޔައިދެއެވެ. އަދި ކުރަންވި އަދި ނުކުރަންވީ ކަންތައް ތަޖުރިބާއިންނާއި ނަސޭހަތުން ދަސްވެއެވެ. އަޅުގަނޑުމެންނަށް މޭވާއަކީ ކާންރަނގަޅު އެއްޗެހިކަމާއި، ރާއްޖޭގައި ނަމަ، ކުރަފިފަދަ ސޫފާސޫތްޕަކީ ކާއެއްޗިއްސެއްނޫންކަން ވިސްނިގެން ދެއެވެ. މިގޮތުން ކެއުން ރަނގަޅު އެއްޗިއްސާއި ރަނގަޅު ނޫން އެއްޗެހި އެނގި މޮޑަލްތަކެއް އަޅުގަނޑުމެންގެ ސިކުނޑީގައި އުފެދިގެން ދެއެވެ.
އިންސާނުންނަކީ މިޒާޖުގެ ގޮތުން ވަރައް އިޖުތިމާއީ ބައެކެވެ. އަޅުގަނޑުމެންގެ ހިޔާލުތަކާއި ވިސްނުމަކީ އަޅުގަނޑުމެން ވަށައިގެންވާ މުޖުތަމައުގެ ނުފޫޒާއި އެކު އުފެދިގެން އަންނަ އެއްޗެކެވެ. ކުރިން ބުނެވިފައިވާ މިސާލުންވެސް އަޅުގަނޑުމެންގެ މުޖުތަމައު ވިސްނުމަށް ކުރާ ނުފޫޒު ވަރަށް ބޮޑަށް ފާހަގަކުރެވެއެވެ.އެ މުޖުތަމައުއެއްގެ އެންމެގެ ވިސްނުންތަކާއި ފިކުރުތަކުން އާންމު ވިސްނުމެއް އުފެދިގެން އާދެއެވެ. މި އާންމު ވިސްނުން އުފެދިގެން އަންނަ މުޖުތަމަޣުއަށް ސިޔާސީ ސައިންޓިސްޓުންގެ "public sphere" ކިޔައި އުޅެއެވެ. މީސްމީޑިޔާގެ ބިރުވެރިކަމަކީ އަޅުގަނޑުމެންގެ މި މުޖުތަމަޢުތައް އަޅުގަނޑުމެން ދެކޭގޮތް ބަދަލުކުރާތީއެވެ.
މީސްމީޑިޔާގެ ސަބަބުން އަޅުގަނޑުމެންނަށް ފެންނަނީ އަޅުގަނޑުމެންގެ މުޖުތަމައުތަކުގެ ވަރަށް ހަނި މަންޒަރެކެވެ. މީސްމީޑިޔާ މަސައްކަތް ކުރާގޮތަކީ އަޅުގަނޑުމެންނަށް އޮންލައިންކޮށް ލިބޭ މައުލޫމާތު ކިއުރޭޓްކޮށްގެންނެވެ. މީގެ ޒަރިއްޔާއިން އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުވަނީ އަލްގޮރިދަމްތަކުން ހަނިކޮށްފައެވެ. ކޮންމެ ފަރުދަކަށް އެމީހަކަށް ފެންނަ މައުލޫމާތާއި ނަޒަރިއްޔާތައް ވުން އެކަށީގެންވަނީ ދާދި އެއްގޮތް އަދި ހަނި ވިސްނުމަކަށެވެ. އެހެން އިދިކޮޅު ހިޔާލުތަކާއި ވިސްނުންތައް އަޑުއިވުމަކީ ދާދި މަދުން ދިމާވާނެ އެއްޗެކެވެ. ނަމަވެސް މީސްމީޑިޔާގެ ބިރުވެރިކަމަކީ އަޅުގަނޑުމެންނަށް މިލިބޭ މައުލޫމާތުގެ ހަނިކަން އަޅުގަނޑުމެންނަށް އިހުސާސު ނުކުރެވޭކަމެވެ. މިކަމުގެ ސަބަބުން މިއީ އަޅުގަނޑުމެންގެ މުޖުތަމައުގެ ބޮޑުބައި ދެކޭގޮތް ކަމަށް ހީކޮށް އަޅުގަނޑުމެންނަށް އާންމު ވިސްނުން ރަނގަޅަށް ބިނާކުރުމަށް ގޮންޖެހުންތަކަކާ ދިމާވެއެވެ.
މިކަމުގެ މިސާލެއް ބަލާލަމާތޯއެވެ. އަޅުގަނޑުމެންނަކީ ވަކިކަހަލަ ވިސްނުންތަކެއް ގެންގުޅޭ ބައެއް ކަމުގައިވާ ނަމަ، އަޅުގަނޑުމެންނަށް މީސްމީޑިޔާއިން ފެންނާނީ ގާތްގަނޑަކަށް ހުސް މިވިސްނުމަށް ބާރުދޭ ކަހަލަ މައުލޫމާތާއި ހިޔާލުތަކެކެވެ. މިކަމުގެ އެހީގައި އަޅުގަނޑުމެންގެ ވިސްނުމުގައި މިވިސްނުމަކީ ތެދެއްކަމަށް އިތުރު ހެއްކާއި ބާރު ލިބިގެންދެޔެވެ. ނަމަވެސް، މީސްމީޑިޔާގެ މިޒާޖުން، މިކަމާއި އިދިކޮޅު ހިޔާލުތަކާއި އަޑުތައް އަޅުގަނޑުމެންނާއި ހަމަޔަށް އައުން މަދުވެއެވެ. އަޅުގަނޑުމެންނަށް މިކަމުގެ ބޮޑު މަންޒަރެއް ނުފެނެއެވެ. އަދި އަޅުގަނޑުމެންނަށް ނޭންގޭވަރު ވަނީ ފޮރުވިފައެވެ. މިއީ ވަރަށް ބިރުވެރި ހާލަތެކެވެ. ނަމަވެސް މިއީ މީސްމީޑިޔާގެ ސަބަބުން އަޅުގަނޑުމެންނަށް ދިމާވެފައިވާ ހާލަތެވެ.
ދެން އަޅުގަނޑުމެންނަށް ހިތަށް އަރާނެ ސުވާލަކީ މިކަމުގެ ހައްލެއްވާނެތޯއެވެ. ބައެއް ބޭފުޅުންގެ ހިޔާލަކީ މީސްމީޑިޔާއިން މިގޮތައް ކިޔުރޭޓުކޮށްފައި ދައްކާ ކޮންޓެންޓު އާންމު މައުލޫމާތާއި ވަކިކޮށް ފާހަގަ ކުރުމެވެ. މިއީ އަޅުގަނޑުމެންނަށް މުސްތަގުބަލުގައި ފެންނާނެ ބަދަލެއްކަމުގެ ޔަގީންކަމެއް ނެތެވެ. މިއީ މީސްމީޑިޔާ ކުންފުނިތަކުގެ އަތުގައި ލިބިފައިވާ ބާރެކެވެ. މިގޮތަށް ކަންތައް އޮތްއިރު އަޅުގަނޑުމެންނަށް ކުރެވެން އޮތީ އެންމެ ކަމެކެވެ. އެއީ މީސްމީޑިޔާއިން އަޅުގަނޑުމެންނާއި ހަމަޔަށް ފޯރަނީ ވަރަށް ކުޑަ ނަޒަރިތްޔާތެއް ކަން އަމިއްލަ ނަފްސަށް ދެނެގަނެ، އަޅުގަނޑުމެންގެ ހިޔާލުތައް ބިނާކުރުމުގައި އެހެނިހެން ވަސީލަތްތައް ހޯދުމަށް އިތުރު މުހިންމުކަމެއް ދިނުމެވެ.
ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.