ހަކުރުބައްޔަށް ފަރުވާއެއް ހޯދުމުގައި އިންޤިލާބީ ކުރިއެރުމެއް

ހަކުރު ބަލި ނުވަތަ ޑައިބެޓިކްސް އަކީ ލޭގައި ހަކުރު ނުވަތަ ގުލްކޯޒްގެ މިންވަރު މާ ބޮޑަށް މަތިވުމުން ޖެހޭ ބައްޔެކެވެ. މިއީ ހަށިގަނޑުގައި ގުލްކޯޒް ހުންނަ މިންވަރު ރެގިއުލޭޓް ކުރުމަށްޓަކައި ބޭނުންވާ އިންސިއުލިން ބޭނުންވާ މިންވަރަށް ނުހުރުމުން، ނުވަތަ އިންސިއުލިން ބޭނުންވާ ގޮތުގައި ބޭނުންކުރެވެން ނެތުމުން ދިމާވާ ބައްޔެކެވެ. މިހެންވެގެން ދަނީ ޕްންކްރިއަސްގައި އިންސިއުލިން އުފައްދާ ޕެންކްރިއޭޓިކް ބީޓާ ސެލްތައް ހަލާކުވެ ނުވަތަ މަރުވުމުގެ ސަބަބުންނެވެ. އެހެންކަމުން، ގުލޫކޯޒް ލޭގައި ދެމިހުރެ، ހަކަތަ ބޭނުންވާ ސެލްތަކާ ހަމައަށް ނުދެވެއެވެ. މިހެންވުމާއިއެކު ލޭގައި ހުންނަ ހަކުރުގެ މިންވަރު އިތުރުވެ، އޭގެ ސަބަބުން ލޮލާއި ކިޑްނީ އާއި ނާރުތަކާއި ހިތްފަދަ ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

ހަކުރު ބަލިޖެހިފައިވާ 537 މިލިއަން މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުންދާއިރު، މި ބަލިއަށް މިހާތަނަށް ހޯދިފައިވަނީ މައިގަނޑު އެންމެ ފަރުވާއެކެވެ. އެއީ ދިގުމުއްދަތަށް އިންސިއުލިން އިންޖެކްޝަން ނުވަތަ އިންސިއުލިން ޕަމްޕް ބޭނުންކުރުމެވެ. ގިނަ ޤައުމުތަކުގައި އިންސިއުލިން ލިބުމުގެ ދަތިވާ ހިނދު، މިގޮތަށް ފަރުވާކުރުމަކީ ހަރަދު ބޮޑު، އުނދަގޫ އަދި ވޭންދެނިވި ކަމެކެވެ. އެހެންކަމުން، މިބައްޔަށް ދެމެހެއްޓެނިވި ފަރުވާއެއް ހޯދުމަށް ސައިންވެރިން ދަނީ އެތަކެއް ދިރާސާއެއް ކުރަމުންނެވެ.

މިގޮތުން އެމެރިކާގެ ވެއިލް ކޯނެލް މެޑިސިންގެ ސައިންވެރިން ވަނީ މިކަމުގައި އިންޤިލާބީ ކުރިއެރުމެއް ހޯދައިފައެވެ. އެއީ އިންސާނުންގެ ބަނޑުގެ ޓިޝޫތަކުން ސްޓެމް ސެލްތައް ނަގައި، އެ ސެލްތައް ލޭގައި ހަކުރުގެ މިންވަރު މަތިވުމުން އިންސިއުލިން އުފައްދާ ޓިޝޫތަކަކަށް ރީޕްރޮގްރާމް ކުރުމެވެ. އަދި މި ރީޕްރޮގްރާމް ކުރެވިފައިވާ ސެލްތައް ނުވަތަ ގެސްޓްރިކް އިންސިއުލިން ސެކްރޭޓިން (ޖީއައިއެންސް) ސެލްތައް ހަކުރު ބަލި ޖެހިފައިވާ މީދަލަށް ޓްރާންސްޕްލާންޓް ކުރުމުން، އޭގައި ހަކުރު ބަލީގެ ނިޝާންތައް ވަނީ ރިވާސްވެގެން ގޮސްފައެވެ.

ނޭޗާ ސެލް ބަޔޮލޮޖީގައި އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ޝާއިއުކުރެވިފައިވާ މި ދިރާސާގައި ބޭނުންކޮށްފައިވާ ޖީއައިއެންސް ސެލްތަކަކީ ޙަޤީޤީ ބީޓާ ސެލްތަކެއް ނޫނެވެ. ނަމަވެސް ބީޓާ ސެލްތަކުގެ މަސައްކަތް ނަކަލު ކޮށްލުމުގެ ޤާބިލުކަން އެޔަށް ލިބިގެންވެއެވެ. މިސެލްތައް އުފައްދައިފައިވަނީ ހަށިގަނޑުގައި ހުންނަ ސްޓެމް ސެލްތަކުންނެވެ. ސްޓެމް ސެލްތަކަކީ އެހެން ސެލް ވައްތަރުތަކަށް ބަދަލުވެ، ފަސޭހަކަމާއިއެކު އަވަހަށް ހަށިގަނޑުގައި ފެތުރިގެން ދިއުމުގެ ޤާބިލުކަން ލިބިފައިވާ ސެލްތަކެކެވެ. ބަލި މީހާގެ އަމިއްލަ ހަށިގަނޑުން ނަގާ ސްޓެމް ސެލްތައް މިގޮތަށް ބަދަލުކޮށް ޓްރާންސްޕްލާންޓް ކުރުމުން ހަށިގަނޑުން އެސެލްތައް ރިޖެކްޓްކުރުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.

މި ދިރާސާގެ އިސް ސައިންވެރިޔާ، ޑރ ޖޯ ޒޫ (ރިޖެނެރޭޓިވް މެޑިސިންގެ ޕްރޮފެސަރު އަދި ހާޓްމަން އިންސްޓިޓިއުޓް ފޯ ތެރަޕިއުޓިކް އޯގަން ރިޖެނެރޭޝަން އެޓް ވެއިލް ކޯނެލް މެޑިސިންގެ މެމްބަރު) ތަފްޞީލްކޮށް ދެއްވާފައިވާ ގޮތުގައި "ބަނޑުން އަމިއްލައަށް ހޯމޯން ދޫކުރާ ސެލްތައް ހުރުމާއިއެކު، ބަނޑުގެ ސެލްތަކާއި ޕެންކްރިއޭޓިކް ސެލްތައް އެމްބްރިއޮނިކް މަރުހަލާތަކުން އުފެދިގެން އަންނަނީ ޖެހިޖެހިގެނެވެ. އެހެންކަމުން، ގެސްޓްރިކް ސްޓެމް ސެލްތައް އެހާ ފަސޭހައިން ބީޓާ ކަހަލަ އިންސިއުލިން ދޫކުރާ ސެލްތަކަކަށް ބަދަލުވުމަކީ މުޅިން ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ".

މިދިރާސާގައި ގޭސްޓްރިކް ސްޓެމް ސެލްތައް، ބަލިމީހުންގެ ގައިން ނަގައިފައިވަނީ އެންޑޯސްކޯޕީ ޕްރޮސީޖާއިންނެވެ. މިއީ ފަސޭހަކަމާއިއެކު ބަލިމީހާ ހޮސްޕިޓަލްގައި އެޑްމިޓްވުމަކާއިނުލައި ކުރެވޭ ޕްރޮސީޖާއެކެވެ. މި ނެގުނު ގޭސްޓްރިކް ސްޓެމް ސެލްތައް ބީޓާ ސެލްތަކުގެ ގޮތުގައި ރީޕްރޮޤްރާމް ކުރުމަށްފަހު އެސެލްތައް ކުދި ކްލަސްޓާތަކުގައި ހެދިބޮޑުވުމަށް ފުރުސަތުދެވުނެވެ. މި ކްލަސްޓާތަކަށް ދެވިފައިވާ ނަމަކީ އޯގަނޮއިޑްސްއެވެ. ދިރާސާއިން ދެއްކިގޮތުގައި މި އޯގަނޮއިޑްސް ގުލޫކޯޒްއަށް ހާމަކުރުމުން އެއިން އިންސިއުލިން އުފައްދައި ގުލޫކޯޒްގެ ލެވެލްތައް ވަކި މިންވަރެއްގައި ހިފެހެއްޓުމުގެ ޤާބިލްކަން އެއަށް ލިބިގެންވެއެވެ.

އެއަށްފަހު މި އޯގަނޮއިޑްސް ހަކުރު ބަލިޖެހިފައިވާ މީދަލަށް ޓްރާންސްޕްލާންޓް ކުރުމުން، ޕެންކްރިއޭޓިކް ބީޓާ ސެލްތަކުން ލޭގެ ގުލްކޯޒް މައްޗަށް ދިއުމާ ގުޅިގެން އިންސިއުލިން ދޫކޮށް ލޭގައި ގުލްކޯޒް ހުންނަ މިންވަރު ރެގިއުލޭޓްކުރާ ފަދައިން މީދަލުގައިވެސް މި އޯގަނޮއިޑްސް ލޭގައި ގުލްކޯޒް ހުންނަ މިންވަރު ރެގިއުލޭޓްކުރިއެވެ. "ޓްރާންސްޕްލާންޓް ކުރުމުން ފެށިގެން ދިރާސާ ކުރިއަށް ގެންދިޔަ 6 މަސް ދުވަސް ނިމެންދެކަށްވެސް އެސެލްތައް ދިޔައީ އިންސިއުލިން ސެކްރީޓްކޮށް، މީދަލުގައިވާ ޑައިބެޓީސް ރިވާސް ކުރަމުންނެވެ". މީގެން މިފަރުވާއަކީ ގިނަ މުއްދަތަށް ދެމިގެންހުންނާނެ ފަރުވާއެއްކަން ހާމަވެގެން ދެއެވެ.

މިދިރާސާ ކްލިނިކަލް ލެވެލްއެއްގައި ކުރިއަށް ގެންދިއުމުގެ ކުރިން ދިރާސާވެރިން ވިސްނައި، ހައްލު ހޯދަންޖެހޭ ކަންކަން ހުރި ނަމަވެސް މިއީ ހަކުރު ބަލިއަށް އިތުރު ޝިފާއެއް ހޯދުމަށްޓަކައި އޮތް ވަރަށް އުއްމީދީ ފެށުމެކެވެ. މި އެޕްރޯޗްގެ މައްޗަށް ބިނާކޮށް ސައިންސްވެރިން ހާސިލްކުރަން ބޭނުންވާ ނަތީޖާއަކީ ބަލި މީހުންގެ ކިބައިން ފަސޭހަކަމާއިއެކު ގެސްޓްރިކް ސްޓެމް ސެލްތައް ނަގައި، ކުޑަ މުއްދަތެއްގެ ތެރޭގައި، ލޭގައި ހުންނަ ހަކުރުގެ މިންވަރު، އިތުރު ބޭހެއް ބޭނުން ކުރުމަކާއިނުލައި ރެގިއުލޭޓްކުރެވޭނެ ގޮތަށް އިންސިއުލިން އުފައްދާ އޯގަނޮއިޑްސް ބަލިމީހާގެ ހަށިގަނޑަށް ޓްރާންސްޕާންޓު ކުރުމެވެ. ޑރ. ޖޯ ޒޫ ވިދާޅުވެފައިވާ ގޮތުގައި "މި ޕްރޫފް އޮފް ކޮންސެޕްޓް ދިރާސާއިން، ޓައިޕް 1 ޑައިބެޓީސް އާއި ސީވިއާ ޓައިޕް 2 ޑައިބެޓީސް ހުންނަ ފަރާތްތަކުގެ އަމިއްލަ ސެލްތަކުގެ މައްޗަށް ބިނާކޮށް ފަރުވާއެއް އުފެއްދުމަށް ހަރުދަނާ ބިންގަލެއް ލިބިގެންދެއެވެ".

މަރިޔަމް އިޝްރާޤް ވަޙީދު

މަރިޔަމް އިޝްރާޤް ވަޙީދު

ބަޔޯކެމިސްޓް، ސޯޝިއޯ އިކޮނޮމިކް ރިސާޗަރ، ފްރީލާންސް ރައިޓަރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.