މިއީ އާޓިފިޝަލް އިންޓެލިޖެންސްގެ ޒަމާނެވެ. އިންސާނާގެ ޙަޔާތުގެ ކޮންމެ ކަމަކަށް ވެސްވަނީ އޭގެ ނުފޫޒު ސީދާ ނުވަތަ ނުސީދާ ގޮތުން ފޯރާފައެވެ. ވަގުތުން އޮފީހުގައި ލިޔަންޖެހޭ އީމެއިލްތައް ލިޔާނެ ގޮތް ކިޔައިދޭ ޗެޓްބޮޓް ތަކުން ފެށިގެން މަދު ވަގުތުކޮޅެއްގެ ތެރޭގައި ބޭނުންވާ ކުރެހުމެއް ހަދައިދޭ އާޓް ޖެނެރޭޓަރ ތަކުންވަނީ އިންސާނާގެ ދިރިއުޅުން ބަދަލުކޮށްލާފައެވެ. އެހެންކަމުން އިންސާނާއަށް ގެއްލުންދޭ، އަދި ޙަޔާތް ކުރުކުރާ ބަލިތަކަށް ފަރުވާއެއް ހޯދުމަށް އޭއައި ބޭނުންކުރަމުންދާކަމީ ހައިރާންވާންޖެހޭ ކަމެއްނޫނެވެ.
މިގޮތުން ސައިންސްވެރިން އޭއައި ބޭނުންކޮށްގެން ހޯދައިފައިވާ އެންމެފަހުގެ މެޑިކަލް ކުރިއެރުމަކީ ބަލިތަކަށް ބޭސް ހޯދުމަށް ދިރާސާ ކުރާގޮތް އެއްކޮށް ބަދަލުކޮށްލާނެ ކުރިއެރުމެކެވެ. އެއީ އޭއައި މޮޑެލް ބޭނުންކޮށްގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން "ޕްރިއޮރިރީ ޕެތޯޖަންސް" ގެ "ކިރިޓިކަލް" ނުރައްކަލެއްގެ ގޮތުގައި ގިންތިކޮށްފައިވާ "ސުޕާރ ބަޖް" އެސިނެޓޯބެކްޓީރިއާ ބައުމަނީ އަށް ފަރުވާއެއް ހޯދުމެވެ. މިއީ ހޮސްޕިޓަލްގެ ތަންތަނުންނާއި ސާމާނުގައި ގިނަ ދުވަހު ދިރިހުރެވޭ، އެގޮތުން މީހުންނަށް ފެތުރޭ ޖަރާސީމެކެވެ. އަދި އޭގެ މާހައުލުން އެންޓިބަޔޮޓިކް ރެސިސްޓެންސް ޖީންތައް ނަގުމުގެ ބާރު ލިބިގެންވާ، މިހާތަނަށް ހޯދިފައިވާ ހުރިހާ އެންޓިބަޔޮޓިކަކަށް ވެސް ދިފާއުވާ ބެކްޓީރިއާއެކެވެ.
މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި މެކްމާސްޓާ ޔުނިވާސިޓީގެ ސައިންވެރިން އޭއައި އެލްގޮރިދަމް މޮޑަލް އެއް ބޭނުންކޮށްގެން މި ބެކްޓީރިއާ އަށް ފަރުވާ އެއް ނުވަތަ އެންޓިބަޔޮޓިކްއެއް ހޯދުމަށްވަނީ 6،680 ކޮންޕައުންޑްސް ތަހުލީލުކޮށްފައެވެ. މި ތަހުލީލުތަކުން ވަނީ މިހާރު ހުރި އެންޓިބަޔޮޓިކްސް ނުވަތަ މޮލިކިއުލްތަކާ ތަފާތު ސްޓްރަކްޗަރތައް ހުރި 240 ކޮމްޕައުންޑް އުފެދިފައެވެ. މި ކޮންޕައުންޑްސްގެ އިތުރު ލެބޯޓްރީ ޓެސްޓް ތަކުން އެންޓިބެކްޓީރިއަލް ކަމަށް ބެލެވޭ 9 ކޮންޕައުންޑް ހޯދިފައިވެއެވެ. މި ދިރާސާގެ މަޤްސަދު ޙާޞިލްވެފައިވަނީ ހޯދުނު ކޮންޕައުންޑްސްގެ ތެރެއިން "އެބައުސިން" (abaucin) އިންނެވެ.
އިތުރަށް ކުރެވުނު ތަހުލީލުތަކުން ދެއްކި ގޮތުގައި އެބައުސިން ހަމައެކަނި އޭ.ބައުމަނީ ބެކްޓީރިއާއި ދެކޮޅަށް މަސައްކަތްކުރާ "ނެރޯ ސްޕެކްޓްރަމް" ކޮންޕައުންޑް އެކެވެ. މިހެންކަމުން، މިއާއި ދެކޮޅަށް ބެކްޓީރިއާގެ ދިފާއީ ބާރުތައް ދިގު މުއްދަތުގެ ތެރޭގައިވެސް ވަރަގަދަވުމުގެ ޤާބިލުކަން ކުޑަވެއެވެ. އަދި އެ ބޭހެއްގެ ގޮތުގައި ބޭނުންކުރި ނަމަވެސް، އިންސާނާގެ ގޮހޮރުގައި ދިރިއުޅޭ ފައިދާހުރި ބެކްޓީރިއާތައް ނައްތާލުމަކާއި ނުލައި، އެހެނިހެން އިންފެކްޝަންތަކުން އިންސާނާ ދުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.
އޭއައި މޮޑެލް ބޭނުންކޮށްގެން މިކޮންޕައުންޑް ހޯދުމުގެ އިތުރުން، ދިރާސާވެރިންވަނީ މި ހޯދުނު ހޯދުންތަކަކީ އިންސާނުންނަށް ފައިދާކުރަނިވި ހޯދުމެއްކަން ސާބިތުކޮށްދީފައެވެ. އެގޮތުން އޭ. ބައުމަނީ ބެކްޓީރިއާގެ ސަބަބުން މީދާގައި ޖެހިފައިވާ ޒަޚަމްގެ އިންފެކްޝަންތައް އެބައުސިންއިން ފަރުވާކުރެވޭނެކަން ވަނީ ދައްކަވާފައެވެ. އަދި ބަލިމީހުންގެ ހަށިގަނޑުން ނަގައިފައިވާ އޭ.ބައުމަނީ ސްޓްރެއިންސް އާއި ދެކޮޅަށް އެބައުސިން ދިފާޢުކޮށްދޭކަންވެސް ވަނީ ހާމަކުރައްވާފައެވެ.
އޭއައި މޮޑެލް ބޭނުންކޮށްގެން ސުޕަރބަގް އަކާއި ދެކޮޅަށް މިލިބުނު ކާމިޔާބާއިއެކު ދިރާސާވެރިންވަނީ މި މޮޑެލިންގް އެޕްރޯޗް ބޭނުންކޮށްގެން އެހެނިހެން އިންފެކްޝަންތަކަށް ފަރުވާ ހޯދުމަށް ވިސްނާފައެވެ. މި ދިރާސާގައި ބައިވެރިވެފައިވާ ޖޮނަތަން ސްޓޯކްސް (މެކްމާސްޓާ ޔުނިވާސިޓީގެ ބަޔޯކެމިސްޓްރީ އާއި ބަޔޯމެޑިކަލް ސައިންސްގެ އެސިސްޓެންޓް ޕްރޮފެސަރ) ވިދާޅުވެފައިވާ ގޮތުގައި އޭއައި މެތަޓްސް ބޭނުންކުރުމަކީ ކުޑަ އެގެއްގައި އާ އެންޓިބަޔޮޓިކްސް ހޯދުމުގެ ރޭޓް ވަރަށް ބޮޑަށް އަވަސްކޮށްދޭނެ މަގެކެވެ. ހަމަ ޔަޤީނުންވެސް، މިހާރު އިންސާނުންގެ އުމުރުގެ މުއްދަތު ދިގުކުރެވޭނެ ގޮތްތައް ހޯދަމުން ދާއިރު، މިދިރާސާ ވެގެންދާނީ ދުޅަހެޔޮކަމާއިއެކު އިންސާނާ ދިރިއުޅުމަށް އެހީތެރިވެދޭނޭ ސައިންޓިފިކް ހޯދުމަކަށެވެ.
ބަޔޯކެމިސްޓް، ސޯޝިއޯ އިކޮނޮމިކް ރިސާޗަރ، ފްރީލާންސް ރައިޓަރ