ފުރަތަމަ ފަހަރަށް ސިންތެޓިކް ހިއުމަން އެމްބްރިޔޯ އުފެއްދުން

އެމްބްރިއޮނިކް ސެޓްމް ސެލްތައް ބޭނުންކޮށްގެން ފުރަތަމަ ފަހަރަށް ސައިންވެރިންވަނީ ސިންތެޓިކް ހިއުމަން އެމްބްރިޔޯއެއް އުފައްދާފައެވެ. މިއީ އިންސާނުން ހެދިބޮޑުވުމާއި ކުރިއެރުމާއި ޖެހޭ ޖެނެޓިކް ޑިސްއޯޑާތަކާ ބެހޭގޮތުން އިތުރަށް މައުލޫމާތު ހޯދުމަށް ލިބޭ އިންޤިލާބީ ކުރިއެރުމެކެވެ.

ބޮސްޓަންގައި މިމަހު ކުރީކޮޅު ބޭއްވުނު އިންޓަނޭޝަނަލް ސޮސައިޓީ ފޯ ސްޓެމް ސެލް ރިސާޗްގެ އަހަރީ ބައްދަލުވުމުގައި، ކެމްބްރިޖް ޔުނިވާސިޓީ އާއި ކެލިފޯނިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ޕްރޮފެސަރު މެގްޑަލީނާ ސެރްނިކާ-ގޮއެޓްޒް ވިދާޅުވެފައިވަނީ އިންސާނުން ފަދަ މި އެމްބްރިޔޯތައް ހަދާފައިވަނީ އިންސާނުންގެ އެމްބްރިއޮނިކް ސްޓެމް ސެލްތައް ރީޕްރޮގްރާމްކޮށްގެން ކަމަށެވެ. މިއާއިއެކު އުފެދޭ އެތަކެއް ޤާނޫނީ އަދި އެތިކަލް ސުވާލުތަކެއް އެބަވެއެވެ.

ދިރާސާ ހަދާފައިވާގޮތް

މިއިން ކޮންމެ ސިންތެޓިކް ހިއުމަން އެމްބްރިޔޯއެއް އުފައްދާފައިވަނީ ސްޓެމް ސެލްއަކުންނެވެ. މި ދިރާސާގައި މި ސިންތެޓިކް އެމްބްރިއޯތައްވަނީ، އެމްބްރިއޯ އުފެދިގެންއަންނަ މަރުޙަލާތަކުގެ ތެރެއިން "ގެސްޓްރިކްއުލޭޝަން" މަރުހަލާއާއި ހަމައަށް ބޮޑުކޮށްފައެވެ. މިއީ އިންސާނުންގެ އެމްބްރިޔޯ އުފެދިގެން އައުމުގައި 14 ދުވަހުގެ މާކްއަށް ވުރެ ކުޑަ ދުވަސްކޮޅަށް އިތުރަށް ބޮޑުކުރުމެވެ.

ލެބެއްގައި އިންސާނުންގެ އެމްބްރިޔޯ އެއް އުފެދުމުގެ މުއްދަތެއްކަމަށް ޤާނޫނީގޮތުން ސައިންވެރިންގެ މެދުގައި ކަނޑައަޅާފައިވާ ލިމިޓަކީ 14 ދުވަހެވެ. މިއީ އިންސާނާގެ ބަނޑުގެ އެގް ފާޓިލައިޒޭޝަން އިން ފެށިގެން މައިބަދައިގެ ފާރުގައި އިމްޕްލާންޓް ކުރުމާ ހަމައަށް ގާތްގަނޑަކަށް ނަގާ މުއްދަތެވެ. އެހެންކަމުން، މިދިރާސާއަކީ ސިންތެޓިކް އެމްބްރިޔޯއެއް ކަނޑައެޅާފައިވާ މި މުއްދަތުގެ އިތުރަށް އުފެދުމުގެ ފުރުޞަތު ދެވުނު ފުރަތަމަ ފަހަރެވެ.

ޒެރްނިކާ-ގޮއެޓްޒް ދިރާސާގެ ޕްލިމިނަރީ ރިޕޯޓް ދެއްވަމުން ވިދާޅުވަފައިވަނީ އޭނާގެ ލެބުން އުފައްދާފައިވާ އެމްބްރިޔޯ ފަދަ ސްޓްރަކްޗަރތަކަކީ އިންސާނުންގެ އެމްބްރިއޮނިކް ސްޓެމް ސެލްތައް ބޭނުންކޮށްގެން ވަކިވަކި ތިން ޓިޝޫ ލޭޔާރސްއިން އުފެދައިފައިވާ އެއްޗެއްކަމަށެވެ. މީގެ ތެރޭގައި އާންމުގޮތެއްގައި ޔޮކް ސެކާއި ޕްލެސެންޓާ އަދި އެމްބްރިޔޯ އަމިއްލައަށް އުފައްދާނޭ ސެލްތައް ހިމެނެ އެވެ. އަދި މިއީ އެގް އަދި ސްޕާމްއަށް އުފެދިގެންދާނޭ ޖާމް ސެލްތައް ހިމެނިފައިވާގޮތަށް އެމްބްރިޔޯ ފަދަ ސްޓްރަކްޗާތަކެއް އުފެއްދިފައިވާ ފުރަތަމަ ފަހަރެވެ. ނަމަވެސް މިއީ މިއީ އިންސާނުންގެ އެމްބްރިޔޯއެއްނޫނެވެ. މި މޮޑެލްތަކަށް ގުދުރަތީ ގޮތުން އުފެދޭ އެމްބްރިޔޯއެއްގެ ސިފަތަކުގެ ތެރެއިން ބައެއް ސިފަތައް ނަކަލުކުރެވޭކަން ފާހަގަކުރެވިފައިވެއެވެ.

ކުރިން ހެދިފައިވާ ދިރާސާތައް

އިޒްރޭލުގެ ވާދަވެރި ޓީމަކާއެކު ޒަރްނިކާ-ގޮއެޓްޒް އާއި އޭނާގެ ޓީމުން މީގެ ކުރިން ވަނީ މައުސް ސްޓެމް ސެލްތަކުން މޮޑެލް އެމްބްރިޔޯ ކަހަލަ ސްޓްރަކްޗާތަކެއް އުފެއްދިފައިވާކަން ރިޕޯޓްކޮށްފައެވެ. އެ "އެމްބްރިއޮއިޑްސް" އިން ސިކުނޑިއާއި ހިތާއި ގޮހޮރުގެ ޓްރެކްޓް ތައް އުފެދިގެން އައުމުގެ ފެށުން އެ ހެދިބޮޑުވުމުގައި ގާތްގަނޑަކަށް އަށް ދުވަސް ތެރޭގައި ފެނިފައިވާކަން ވަނީ ރިޕޯޓްކުރެވިފައެވެ. އެގޮތުން މި މީދާ ސެލްތަކުން އުފެއްދުނު ސިންތެޓިކް އެމްބްރިޔޯތައް ގުދުރަތީ އެމްބްރިޔޯއާ ގާތްގަނޑަކަށް ހުރިހާގޮތަކުން އެއްގޮތް ކަމަށް ރިޕޯޓްކުރެވިފައިވެއެވެ. ނަމަވެސް އަންހެން މީދަލުގެ ބަނޑަށް އެތަކެތި އިމްޕްލާންޓް ކުރިއިރު، އެތަކެތި އިތުރަށް ބޮޑުވެ ދިރޭ އެއްޗަކަށް އުފެދިފައެއް ނުވެއެވެ.

މީގެ އިތުރުން، މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޗައިނާގެ ސައިންސްވެރިން ވަނީ ރާމާމަކުނު ސެލްތަކުން ސިންތެޓިކް އެމްބްރިޔޯ އުފައްދައި ރާމާމަކުނުގެ ބަނޑުގައި އެ އިމްޕްލާންޓްކޮށްފަ އެވެ. މީގެ ތެރެއިން ބައެއް ރާމާމަކުނު ބަޑުބޮޑުވުމުގެ ފުރަތަމަ އަލާމާތްތައް ދެއްކިކަމުގައި ވިއަސް، އެއްވެސް އެއްޗެއް މަދު ދުވަސްކޮޅަކަށްވުރެ އިތުރަށް ބޮޑުވެފައެއް ނުވެއެވެ.

މި ދިރާސާތަކުގެ ބޭނުން

މޮޑެލް އެމްބްރިޔޯތައް ބޭނުންކޮށްގެން މި ކުރެވެމުންދާ ދިރާސާތަކުގެ މައިގަނޑު އަމާޒަކީ އިންސާނުން އުފެދިގެން އައުމުގައިވާ "ބްލެކް ބޮކްސް" ޕީރިއަޑް އޮފް ޑިވެލޮޕްމަންޓް އިތުރަށް ދެނެގަތުމެވެ. މިއީ ފާޓިލައިޒޭޝަންގެ ގާތްގަނޑަކަށް 16 ނުވަތަ 17 ދުވަސް ފަހުން، އަދި ފްރީ ފްލޯޓިން އެމްބްރިޔޯ ބަނޑުގެ ފަށަލައަށް އެންކާވާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. މިއަށްފަހު މާބަނޑު މީހުންގެ ސްކޭންތަކާއި ދިރާސާކުރުމަށް ލިބިފައިވާ އެމްބްރިޔޯތަކަށް ބެލުމަށްފަހު އުފެދިގެން އަންނަގޮތް އެގިގެންދާނެއެވެ.

ލަންޑަންގެ ފްރާންސިސް ކްރިކް އިންސްޓިޓިއުޓްގެ ސްޓެމް ސެލް ބަޔޮލޮޖީ އެންޑް ޑިވެލޮޕްމަންޓް ޖެނެޓިކްސްގެ ހެޑް ރޮބިން ލޮވެލް-ބެޖް ވިދާޅުވި ގޮތުގައި ވިސްނުމަކީ ސްޓެމް ސެލްތައް ބޭނުންކޮށްގެން އާންމުކޮށް ހިއުމަން އެމްބްރިއޮނިކް ޑިވެލޮޕްމަންޓް މޮޑެލް ކުރެވިއްޖެނަމަ، އިންސާނުންގެ އާލީ އެމްބްރިޔޯ ބޭނުން ކުރުމަކާއިނުލައި، އެމްބްރިޔޯ އުފެދި ބޮޑުވެގެންދާގޮތާއި، ގޯސްވެގެންދާނެ ކަންތައްތަކާ ބެހޭ ގޮތުން ގިނަ މައުލޫމާތުތަކެއް ހޯދުމެވެ.

ޒަރްނިކާ-ގޮއެޓްޒް މި ދިރާސާގެ މަޤްޞަދު ތަފްޞީލްކުރަމުން ވިދާޅުވެފައިވަނީ އޭނާގެ ދިރާސާގެ މަގުސަދަކީ ދިރުން އުފެއްދުން ނޫން ކަމަށެވެ. ނަމަވެސް ގެއްލިގެންދާ ދިރުންތައް މަދުކުރުމެވެ. މިގޮތުން މިސްކެރިއޭޖް ވެގެންދާ ސަބަބުތައް ނުވަތަ ފާޓިލައިޒޭޝަން އާއި އިމްޕްލާންޓް ކުރުމަށް ފަހު ބައެއް ފަހަރު އެމްބްރިޔޯ ތައް ނުއުފެދޭ ސަބަބުތައް ދެނެގަނެ އެކަން ހުއްޓުވުމަށެވެ.

އިތުރަށް ބަލަންވީ ކަންކަން

ގާތް މުސްތަގުބަލެއްގައި ސިންތެޓިކް އެމްބްރިޔޯތައް ކްލިނިކަލީ ބޭނުންކުރެވޭކަށް ނެތެވެ. ފުރަތަމަ ކަމަކަށް ޤާނޫނީ ގޮތުން މިތަކެތި ބޮޑުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ 14 ދުވަހުގެ ލިމިޓް ކަނޑައަޅާފައިވަނީ މިއީ އެމްބްރިޔޯގެ ތެރޭގައި ހުންނަ ސެލްތައް ތަފާތުވެ ހަށިގަނޑުގެ މުހިންމު ނިޒާމުތައް ކަމަށްވާ ބަނޑާއި ސިކުނޑި އަދި ފުއްޕާމޭ އުފެއްދިގެންދާނެ ހިސާބުކަމުންނެވެ. ނަމަވެސް، އިންޓަނޭޝަނަލް ސޮސައިޓީ ފޯ ސްޓެމް ސެލް ރިސާޗްގެ އަޕްޑޭޓް ކޮށްފައިވާ 2021 ވަނަ އަހަރުގެ ގައިޑްލައިންގައި މިހާރު ބުނެފައި ވަނީ 14 ދުވަހުގެ އުސޫލާ މެދު އަލުން ވިސްނަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، އެތަކެތި އެ ލިމިޓްގެ އިތުރަށް ބޮޑުކުރިކަމުގައިވިއަސް އިންސާނެއްގެ ބަނޑަށް މިތަކެތި އިމްޕްލާންޓް ކުރުމަކީ ގާނޫނާ ގޮތުން މަނާކުރެވިފައިވާ ކަމެކެވެ. އަދި މި މޮޑެލްތައް އުފެދުމުގެ އެންމެ ކުރީ މަރުހަލާތަކަށް ވުރެ އިތުރަށް ބޮޑުވެގެން ދިއުމުގެ ގާބިލުކަން ހުރި ކަމެއް އަދި ސާފުވެފައެއްނެތެވެ. މިހާތަނަށް ކުރި ދިރާސާތަކުން އެކަން ވަނީ ކާމިޔާބުނުވެފައެވެ. އެހެންކަމުން މިމަރުޙަލާއަށް ދިރާސާތައް ގެންދިއުމަށްޓަކައި ސައިންވެރިން މާބަނޑު ދުވަސްވަރުގެ ހާލަތްތައް ފުރިހަމައަށް ނަކަލު ކުރާނެ ގޮތް ހޯދާ ބަލަންޖެހެއެވެ. އަދި މިހާރު ހޯދިފައިވާވަރަށް ވުރެ އިތުރަށް ދިރާސާކުރުމަށްޓަކައި އޮތީ ޓެކްނިކަލް ނުވަތަ އަސާސީ ބަޔޮލޮޖިކަލް ހުރަހެއްތޯ އެގެންޖެހެއެވެ.

ޤާނޫނީ މައްސަލަތައް

މި ދިރާސާއިން ހާމަވެފައިވަނީ މި ދާއިރާއިން ސައިންސްގެ ހޯދުންތައް ދަނީ ހަދާފައިވާ ގާނޫނަށް ވުރެ ހަލުވިމިނެއްގައި ކުރިއަރަމުންނެވެ. ރޮބިން ލަވެލް-ބެޖް ވިދާޅުވެފައިވަނީ "މި ދިރާސާތަކުގެ މައިގަނޑު ވިސްނުމަކީ މި މޮޑެލްތަކަކީ ހަމަ ގުދުރަތީ ގޮތުން އުފެދޭ އެމްބްރިޔޯތަކާއި އެއްގޮތް މޮޑެލްތަކެއް ކަމަށް ވަންޏާ، އެ މޮޑެލްތަކާ މެދު (ޤާނޫނީ ގޮތުން) އަމަލުކުރަން ޖެހޭނީ ވެސް ހަމަ އެއްގޮތަކަށްށެވެ. މިހާރު ގާނޫނެއްގައި އެ ތަކެތި ހިމެނިފައެއް ނެތެވެ. މިއީ މީހުން ކަންބޮޑުވެފައިވާ ކަމެކެވެ."

މިއާއިބެހޭގޮތުން ފްރާންސިސް ކްރިކް އިންސްޓިޓިއުޓްގެ އެސޯސިއޭޓް ރިސާޗް ޑިރެކްޓަރު ޖޭމްސް ބްރިސްކޯ ވިދާޅުވެފައިވެފައިވަނީ "ގާއިމުކުރެވިފައިވާ ގާނޫނީ އޮނިގަނޑެއް އޮންނަ އިން ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) އިން އުފެދޭ ހިއުމަން އެމްބްރިޔޯއާ ހިލާފަށް، އިންސާނުންގެ ސްޓެމް ސެލް ތަކުން ޑްރައިވްޑް ހިއުމަން އެމްބްރިޔޯ މޮޑެލްތަކާ ބެހޭ ގޮތުން ސާފު ގަވާއިދެއް ހެދިފައެއް ނެތެވެ. އެހެންކަމުން ސްޓެމް ސެލް ތަކުން ޑްރައިވްޑް ހިއުމަން އެމްބްރިޔޯ މޮޑެލްތައް އުފައްދައި ބޭނުންކުރާނެ ގޮތުގެ އޮނިގަނޑެއް އެކުލަވާލުމަށް ޓަކައި ޤާނޫނީ ގަވާއިދުތަކެއް އަވަހަށް ހަދަންޖެހެއެވެ."

އެހެންކަމުން، ސިންތެޓިކް އެމްބްރިޔޯގެ މަސައްކަތްތައް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި އިނގިރޭސިވިލާތާއި އެހެން ގައުމުތަކުގެ ސައިންސްވެރިން މިހާރުވެސް ދަނީ ވޮލަންޓަރީ ގައިޑްލައިންތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްގެންދަމުންނެވެ.

އުފެދޭ އެތިކަލް އަދި މޯރަލް ސުވާލުތައް

ދެން ބަލާލަން އޮތީ އިންސާނުންގެ އެމްބްރިޔޯ ތައް ދިރާސާކުރުމަށް ބޭނުންކުރުމުގައި އުފެދޭ މޯރަލް ނުވަތަ އެތިކަލް ސުވާލުތަކެވެ. މި ސިންތެޓިކް އެމްބްރިޔޯތަކަކީ ޤުދުރަތީ ގޮތުން އުފެދޭ އިންސާނުންގެ އެމްބްރިޔޯތަކާ އޭގެ ސިފަތައް ނަކަލުކުރެވޭފަދަ "ގާތް" އެއްޗެއް ހެއްޔެވެ؟ މިތަކެތި ދިރާސާތަކަށް ބޭނުންކުރުމުން ބޭނުންތެރި ހޯދުންތަކެއް ހޯދޭނެ ހެއްޔެވެ؟

މިހާތަނަށް ޖަނަވާރުގެ މްޑެލްއިން ދިރާސާކުރެވިފައިވާ ސިންތެޓިކް އެމްބްރިޔޯތަކުން އެނގިފައިވަނީ މިތަކެއްޗަށް ފުރިހަމަ ދިރިހުރި އެއްޗަކަށް ބޮޑުވުމުގެ ޤާބިލުކަން ނެތެވެ. މީދާއާއި ރާމާމަކުނުގެ ދިރާސާތަކުން މިހާތަނަށް އެނގިފައިވާ ގޮތުގައި ސިންތެޓިކް އެމްބްރިޔޯތައް އަންހެނެއްގެ ބަނޑަށް އިމްޕްލާންޓް ކުރުމަށް ފަހު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަރުވެއެވެ. އެހެންކަމުން އެއީ ވައެބަލް އެއްޗެއް ނޫންކަމެވެ.

އެހެންކަމުން، ހިއުމަން ސިންތެޓިކް އެމްބްރިޔޯތަކަކީ ހިތާއި ސިކުނޑި ފަދަ ހަށިގަނޑުގެ މުހިންމު ގުނަވަންތަކާއި ފުރިހަމަ އިންސާނުންގެ ގޮތުގައި އުފެދުމުގެ ގާބިލުކަން ލިބިފައިވާ ނުވާތަކެތިނަމަ، އިންސާނުންގެ އުފެދުމުގައި ދިމާވާ މައްސަލަތައް ދިރާސާކުރުމަށް މިތަކެތި ބޭނުންކުރުމުގައި ވަރަށް ގިނަ ލިމިޓޭޝަންއާއި ދިމާވާނެއެވެ.

މިއާއިއެކު، ހިއުމަން ސިންތެޓިކް އެމްބްރިޔޯތަކަކީ ފުރިހަމަ ދިރުންތަކަކަށް އުފެދުމުގެ ޤާބިލުކަން ލިބިފައިވާ އެމްބްރިޔޯތަކެއް ކަމުގައިވާނަމަ، މިއީ އެތިކަލް ކަމެއްތޯ ވިސްނަންޖެހޭ - ހަމައެކަނި ދިރާސާކުރުމުގެ ބޭނުމަށްޓަކައި އިންސާނުން ފަދަ ދިރޭ ތަކެތި އުފެއްދުމަކީ އެތިކަލް ކަމެއްތޯ އަޅުގަނޑުމެން ވިސްނަންޖެހެއެވެ.

މެޑިކަލްގެ ދާއިރާއިން ކުރެވެމުންދާ ގިނަ ދިރާސާތަކަކީ އޭގެ ސަބަބުން އިތުރު އެތިކަލް އަދި ޤާނޫނީ ސުވާލުތަކެއް އުފެދޭ ދިރާސާތަކެކެވެ. ވަކި ގައިޑްލައިން އާއި ޤަވާއިދުތަކެއް ހަދިފައިވަނީ މިސަބަބަށްޓަކައެވެ. ނަމަވެސް ދިރާސާތައް މިހާރު މިކުރިއަރަމުންދާ ހަލުވިމިނުގައި ކުރިއަށްދާނަމަ، މިހާރު ހެދިފައިވާ ޤަވާއިދުތަކަކީ އެންމެ އެކަށީގެންވާ ޤަވާއިދުތަކެއްތޯ ބެލުން މުހިންމެވެ. އެއާއިއެކު، ކުރެވެމުންދާ ދިރާސާއަކީ އިންސާނުންނަށް އެންމެ ބޭނުންތެރި ގޮތުގައި ކުރެވެމުންދާ ކަމެއްތޯ ވެސް ބަލަންޖެހެއެވެ. އެދިރާސާއެއްގެ ސަބަބުން ދިގުމުއްދަތައް ކުރާނޭ ބަދަލުތަކާއި މެދު ސައިންވެރިން ވިސްނަންޖެހެއެވެ.

މަރިޔަމް އިޝްރާޤް ވަޙީދު

މަރިޔަމް އިޝްރާޤް ވަޙީދު

ބަޔޯކެމިސްޓް، ސޯޝިއޯ އިކޮނޮމިކް ރިސާޗަރ، ފްރީލާންސް ރައިޓަރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.