ޑިޒްނީން ސްޓްރީމިން ސަރވިސަސްގެ އަގުތައް ބޮޑުކުރަނީ

ވޯލްޓް ޑިޒްނީއިން ދަނީ އެކުންފުނީގެ ސްޓްރީމިން ހިދުމަތްތަކުގެ އަގުތައް ބޮޑުކުރަމުންނެވެ. މިގޮތުން، އޮގަސްޓް 9 ވީ ބުދަ ދުވަހު، އެކުންފުނިން ބުނެފައިވާ ގޮތުގައި އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ތިރީގައިވާ ގޮތަށް ޑިޒްނީ ޕްލަސްގެ ޕްކޭޖްތަކުގެ އަގުތައް ބަދަލުވެގެން ދާނެކަމަށެވެ. މިގޮތުން:

(1) ޑިޒްނީ ޕްލަސް (އެޑް-ފްރީ) ޕްލޭންގެ އަގު: 10.99 ޑޮލަރުން 13.99 ޑޮލަރަށް ބޮޑުވެގެންދާނެ.

(2) ހުލޫ (އެޑް-ފްރީ) ޕްލޭންގެ އަގު: 14.99 ޑޮލަރުން 17.99 ޑޮލަރަށް ބޮޑުވެގެންދާނެ.

(3) ޑިޒްނީ ޕްލަސް އަދި ހުލޫ (އިޝްތިހާރުތަކާ) ޕްލޭންގެ އަގު: ކުރިން ނަގަމުންދާ ފަދައިން މަހަކު 7.99 ޑޮލަރު.

(4) ޑިޒްނީ ޕްލަސް (އެޑް-ފްރީ)، ހުލޫ (އެޑް-ފްރީ)، އަދި އީއެސްޕީއެން ޕްލަސް (އެޑްސްއާއިއެކު) ގެ ޓްރިއޯ ބަންޑަލްގެ އަގު: 24.99 ޑޮލަރަށް އިތުރުވެގެންދާނެ.

(5) ހުލޫ – ލައިވް ޓީވީ (އެޑްސްއާއިއެކު) ޕްލޭން: 76.99 ޑޮލަރަށް ބޮޑުވެގެންދާނެ.

ޕްލޭންތަކުގެ އަގުތަކަށް ބަދަލުގެނުމާއިއެކު، މި ކުންފުނިންވަނީ ޑިޒްނީ ޕްލަސް އަދި ހުލޫގެ އެޑް-ފްރީ ޕްލޭން އެއްކޮށް އާ ކޮންބޯ ސަބްސްކްރިޕްޝަން ބަންޑަލް ޕްލޭނެއް ތައާރަފް ކުރުމަށް ނިންމާފައެވެ. މިޕްލޭން ސެޕްޓެމްބަރ 9 އިން ފެށިގެން ލިބެމުންދާނެއިރު، މީގެ އަގަކީ މަހަކު 19.99 ޑޮލަރެވެ.

ތައާރަފްކުރެވޭ އާ ޕްލޭނާއިއެކުވެސް، މިހާރު ލިބެމުންދާ ޕްލޭންތަކުގެ އަގުމިވަނީ، އެހެން ކުންފުނިތަކާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން މަތިވެފައެވެ. ޑިޒްނީން އެންމެ ފަހުން ޑިޒްނީ ޕްލަސްގެ އަގު މަހަކު 10.99 ޑޮލަރަށް ބޮޑުކުރީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭރު އެޑް ފްރީ ހުލޫގެ އަގު ވަނީ 14.99 ޑޮލަރަށް އަރައިފަ އެވެ. ދެވަނަ ފަހަރަށް މިބޮޑުކުރެވުނު އަގުތަކާއިއެކު، އެޑް-ފްރީ ހޫލޫގެ އަގު މިހާރު މިވަނީ ވޯނާ ބްރޯސް ޑިސްކަވަރީގެ މެކްސް ޕްލޭން (މަހަކު 15.99 ޑޮލަރު) އަދި ނެޓްފްލިކްސްގެ “ސްޓޭންޑަރޑް” ޕްލޭން (މަހަކު 15.49 ޑޮލަރު)ގެ އަގަށް ވުރެ ބޮޑުވެފައެވެ.

މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ކުރިން ޑިޒްނީ ޕްލަސްގެ ސްޓްރީމިން ސަރވިސަސް ފައިދާ ހުރި ވިޔަފާރިއަކަށް ހެދުމަށް އެކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ދެވޭ ހިދުމަތްތަކުގެ އަގުތަށް ބޮޑުކުރެވުނު ދެވަނަ ފަހަރެވެ. މިގޮތުން 5.5 ބިލިއަށް ޑޮލަރު ސޭވް ކުރުމުގެ މަގްސަދުގައި މިކުރެވެމުންދާ މަސައްކަތުގެ ތެރެއިން ވަނީ މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ސްޓްރީމިންއިން ލިބުނު ގެއްލުން ކުރީއަހަރުގެ ދެބައިކުޅަ އެއްބަޔަށް ދަށްކުރެވިފައެވެ.

މިމަހު ރިޕޯޓްކުރެވިފައިވާ ގޮތުގައި މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުން ޖުމްލަ 146 މިލިއަން ސަބްސްކްރައިބަރސް މި ހިދުމަތްތައް ބޭނުންކުރަމުން އެބަދެއެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާރޓަރ އާއި އަޅާބަލާއިރު %7 ދަށް އަދަދެކެވެ. އެއީ ޑިޒްނީ ޕްލަސްގެ ހިދުމަށް ބޭނުންކުރުމަށް 800،000 އިތުރު ސަބްސްކްރައިބަރސް ރެޖިސްޓަރވި ކަމުގައި ވީނަމަވެސް އިންޑިއާގެ ޑިޒްނީ ހޮޓްސްޓާގެ ހިދުމަތް 12.5 ސަބްސްކްރައިބަރސް ބޭނުންކުރުން ހުއްޓާލުމުންނެވެ. މީގެ މައިގަނޑު ސަބަބަކަށް ބެލިފައިވަނީ އިންޑިއަން ޕްރިމިއާ ލީގުގެ ކްރިކެޓް މުބާރާތުގެ ރައިޓްސް ޑިޒްނީ ޕްލަސްގެ އިންޑިއާ ޔުނިޓަށް ގެއްލުމެވެ.

ޑިޒްނީގެ ޗީފް އެގްޒެކެޓިވް ބޮބް އިގަރ ވިދާޅުވެފައިވާ ގޮތުގައި މިގޮތަށް އަގު ބޮޑުކުރުމުގެ މަގްސަދަކީ އެޑްއާއިއެކު މިހާރު ފޯރުކޮށްދޭ އަގުހެޔޮ ޕްލޭންތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް ބާރުއެޅުމަށެވެ. މި ޕްލޭންތަކުގެ އަގަކަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ސްޓްރީމިންގެ ހިދުމަތްތަކުގެ ތެރޭގައި އިޝްތިހާރުކުރުމުގެ މާރކެޓް "އުފުލިގެން ދާކަމަށް" ބަޔާންކޮށް ބޮބް އިގަރ ތަފްސީލްކޮށްފައިވަނީ "އަޅުގަނޑުމެންގެ ޕްރައިސިން ސްޓްރެޓެޖީއާ އެކު، ހާމަކަން ބޮޑުގޮތެއްގައި މަސައްކަތް ކުރަމުން މިގެންދަނީ އިޝްތިހާރު ސަޕޯޓްކުރާ ޓަޔަރތަކަށް އިތުރު ސަބްސްކްރައިބަރުން ފޮނުވުމަށެވެ."

ޑިޒްނީ ފަދައިން ސްޓްރީމިންގް ސާރވިސަސް ފޯރުކޮށްދޭ ހުރިހާ ކުންފުނިތަކުން ދަނީ އެކުންފުނިތަކުން ފޯރުކޮށްދެމުންދާ ހިދުމަތްތަކަށް ބަދަލުތައް ގެނެސް، އޭގެ އަގު ބޮޑުކުރަމުންނެވެ. އެގޮތުން ސްޕޮޓިފައިގެ އެޑް ފްރީ ޕްރިމިއަމް ސްޓްރީމިން ޕްލޭންގެ އަގު މަހަކު އެއް ޑޮލަރު އިތުރުކޮށް، ޖުމްލަ 10.99 ޑޮލަރަށް އިތުރުކޮށްފައިވާއިރު، އެމެޒޯން މިއުޒިކްއިން ވަނީ މި އަހަރުގެ ކުރީކޮޅު އަންލިމިޓެޑް ލިސިނިންގް އިންޑިވިޖުއަލް ޕްލޭން ހަމަ މިއަގަށް (މަހަކު 10.99 ޑޮލަރަށް) އިތުރުކޮށްފައެވެ. ޔޫޓިއުބް މިއުޒިކްގެ އިންޑިވިޖުއަލް މިއުޒިކް ޕްލޭންގެ އަގުވެސް ވަނީ 10.99 ޑޮލަރަށް އިތުރުވެފައެވެ.

މީގެ އިތުރުން ނެޓްފްލިކްސްވެސް ވަނީ ޔޫއެސް އަދި ޔޫކޭގެ ކަސްޓަމަރުންނަށް އެޑް-ފްރީކޮށް ކުރިން ލިބެމުންދާ އެންމެ އަގެހެޔޮ ޕްލޭން ރިމޫވްކޮށްފައެވެ. އަދި އެންބީސީޔުނިވާސަލްގެ ޕީކޮކް ސްޓްރީމިން ޕްލެޓްފޯމުން ވެސްވަނީ އެ ކުންފުނީގެ ޕްރިމިއަމް ޕްލޭންގެ އަގު މަހަކު 4.99 ޑޮލަރުން 5.99 ޑޮލަރަށް އަދި ޕްރިމިއަމް ޕްލޭން (އެޑް-ފްރީ) މަހަކު 9.99 ޑޮލަރުން 11.99 ޑޮލަރަށް ބޮޑުކޮށްފައިވެއެވެ. ވޯނާ ބްރޯސް ޑިސްކަވަރީގެ މެކްސް އިން މި އަހަރުގެ ކުރީކޮޅު އެ ކުންފުނީގެ އެޑް-ފްރީ ޓަޔަރުގެ އަގު 14.99 ޑޮލަރުން 15.99 ޑޮލަރަށް އުފުލައިފައިވާއިރު ޕެރަމައުންޓް ޕްލަސް ވަނީ 9.99 ޑޮލަރުން 11.99 ޑޮލަރަށް އުފުލައިފައެވެ.

Investing.com ގެ ސީނިއާ އެނަލިސްޓް ޖެސީ ކޯހެން ވިދާޅުވެފައިވާ ގޮތުގައި ޑިމާންޑް އިތުރުކޮށް، ވާދަވެރިކަން އިތުރުވަމުންދާ ސިނާއަތެއްގައި އެ ކުންފުނީގެ މާކެޓް ހިއްސާ ދިފާއު ކުރުމުގެ ގޮތުން ޑިޒްނީއިން ޖެހޭނީ މިހާރު ހުރި މިންވަރަށްވުރެ އަގުތައް ކުޑަކުރަންށެވެ.

މަރިޔަމް އިޝްރާޤް ވަޙީދު

މަރިޔަމް އިޝްރާޤް ވަޙީދު

ބަޔޯކެމިސްޓް، ސޯޝިއޯ އިކޮނޮމިކް ރިސާޗަރ، ފްރީލާންސް ރައިޓަރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.