އައިއެސްއެސް އަނބުރާ ބިމަށް ގެންނަން ނާސާއިން ރާވަނީ

އަޙްމަދު ދާއޫދު 26 ސެޕްޓެމްބަރު 2023

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ޑިއޯބިޓް ކުރަން ނުވަތަ އަނބުރާ ބިމަށް ގެންނަން ނާސާއިން ރާވަމުން ދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ޑިކޮމިޝަން ކުރާއިރު ދިމާވެދާނެ މައްސަލަތަކާ މެދު ނާސާއިން އެކުލަވާލި އެންމެ ފަހުގެ ޕްލޭންތައް ހާމަކޮށްފައި ވާއިރު، އެމަސައްކަތަށް ބޭނުންވާ އާ ޖައްވީ އުޅަނދަކަށް ޕްރޮޕޯސަލް ހޯދުމަށް ނާސާއިން ވަނީ އެދިފައެވެ.

މިހާރުގެ އުސޫލުގައިވާ ގޮތުން ނާސާ އާއި އެ ޖަމިއްޔާގެ ބައިނަލްއަގުވާމީ ގިނަ ޕާޓްނަރުންގެ ވިސްނުން ހުރީ 2030 ވަނަ އަހަރާ ހަމައަށް އައިއެސްއެސް އޮޕަރޭޓް ކުރުމަށެވެ. މައްސަލައަކީ 100 ޓަނުގެ އޮނިގަނޑު ރައްކާތެރިކަމާއެކު ނައްތާލާނެ ގޮތަކާމެދު އެއްބަސްވުމަކަށް ނާދެވުމެވެ.

އަދި އެކަމަށް ބޭނުންވާ ގިނަ އަދަދެއްގެ ހަކަތަ އާއި އެ މަސައްކަތަށް ބޭނުންކުރާނެ ޖައްވީ އުޅަނދު ހަލާކުވެދާނެ ކަމުގެ ކަންބޮޑުވުން ތައް ހުރުމުގެ ސަބަބުން އެ އުޅަނދު އަނބުރާ ބިމަށް ވައްޓާލުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ.

ދެން އޮތް ގޮތަކީ ޖައްވުގައި އެ ސްޓޭޝަން ގޮއްވާލުމެވެ. ޖައްވުގައި އެފަދަ ގޮތަކަށް އެ ސްޓޭޝަން ގޮއްވާލާނަމަ އޭގެ ބައިތައް މީހުން ނޫޅޭ ހިސާބުތަކަށް ވައްޓާލުމުގެ ބާރު ނުވަތަ ކޮންޓްރޯލް ޑިސްޓެންޝަނެއް ޖައްވުގެ ތެރެއަށް ވެއްދުމެވެ. ސައިންސްވެރިން ބުނާގޮތުން އެއީކީވެސް ވަކި ކުޑަކަމެއް ނޫނެވެ.

ރިޕޯޓްތައް ބުނާގޮތުން ނާސާގެ އަސްލު ވިސްނުމަކީ ރަޝިއާގެ ރޮބޮޓިކް ޕްރޮގްރެސް ކާގޯ އުޅަނދުތަކުގެ ސިލްސިލާއެއް ބޭނުންކޮށްގެން އައިއެސްއެސް ބޭނުންވާ އޯބިޓަށް ވައްޓާލުމެވެ.

އެކަމަކު އެމެރިކާއާއި ރަޝިއާ ދެމެދު އުފެދިފައިވާ ދެބަސްވުންތަކުގެ ސަބަބުން މިފަދަ ފިޔަވަޅަކަށްވެސް އުންމީދުކުރުމުގެ ފުރުޞަތު ނާސާއަށް މިވަގުތު ވަރަށް ކުޑައެވެ.

ނާސާއިން ނުބުނެވޭ ހަގީގަތަކީ 2028 ވަނަ އަހަރު ރަޝިއާ ސްޓޭޝަނުން ނުކުތުމަށް ހަމަޖެހިފައިވާއިރު، ރަޝިއާ އާއި އެހެން ބައިވެރިންނާ ދެމެދު އޮންނަ ގުޅުން ހީނަރުވުމުގެ ސަބަބުން ކުރީގެ ޕްލޭންތަކަށް އޮތް އިތުބާރު ކުޑަވެފައިވާ މިންވަރެވެ.

ކޮންމެއަކަސް އައިއެސްއެސްގެ އުމުރުން ދުވަސްވުމާއި، އޭގެ ބައިތައް ބާވުން ފަދަ ސަބަބު ތަކަށްޓަކައި އެފަދަ އެހެން ސްޓޭޝަނެއްގެ މުހިންމުކަން ނާސާއަށް މިއަދު މިވަނީ ބޭނުން ބޮޑުވެފައެވެ.

އަޙްމަދު ދާއޫދު

އަޙްމަދު ދާއޫދު

ބިނާކުރަނިވި ޚިޔާލުތަކާއެކު ލިޔުންތެރިކަމަށް އުފަލާއެކު މަރުޙަބާ ކިޔަމެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.