އާޓިފިޝަލް ކިޑްނީ - ކިޑްނީގެ ބަލިތަކަށް އާ ފަރުވާއެއް

މަރިޔަމް އިޝްރާޤް ވަޙީދު 29 ސެޕްޓެމްބަރު 2023

kidney.org އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދުނިޔޭގައި އުރަމަތީގެ ކެންސަރު ނުވަތަ ޕްރޮސްޓޭޓް ކެންސަރަށް ވުރެން ކިޑްނީގެ ބަލީގައި މަރުވާ މީހުންގެ އަދަދު ގިނައެވެ. މިގޮތުން، އެމެރިކާގެ ގާތްގަނޑަކަށް 37 މިލިއަން މީހުންނަށް ނުވަތަ ބޮޑެތި މީހުންގެ އާބާދީގެ 15 އިންސައްތަ މީހުންނަށް މިބަލި ޖެހިފައިވާވެއެވެ.

މި ބަލީގެ ފަރުވާއެއްގޮތުން ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ނަމަވެސް، ޓްރާންސްޕްލާންޓް ކުރުމަށް ކިޑްނީ ލީބޭ މިންވަރަށްވުރެން އެކަމަށް ބޭނުންވެފައިވާ މީހުން ގިނައެވެ. މީގެ އިތުރުން، ހަށިގަނޑުން ޓްރާންސްޕްލާންޓްކުރާ ގުނަވަން ރިޖެކްޓްކުރުން ފަދަ ކޮމްޕްލިކޭޝަންތައް ކުރިމަތިވެއެވެ. ޑަޔަލިސިސް އަކީ މިހާރު ލިބެންއޮތް އެންމެ އެކަށީގެންވާ ފަރުވާ ނަމަވެސް، މިއީ ބަލި މީހުންނަށް ވަރަށް އުނދަގޫ އަދި ބުރަ މި ޕްރޮސެސް އެކެވެ.

މިހާރު މިކަމަށްވާ ހައްލެއް، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސާވިސަސް (އެޗްއެޗްއެސް) އާއި އެމެރިކަން ސޮސައިޓީ އޮފް ނެފްރޮލޮޖީ (އޭއެސްއެން) އާ ދެމެދު، "ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމާއި ދެނެގަތުމާއި ފަރުވާ ދިނުމުގައި އިނޮވޭޝަން ހަލުވިކުރުމަށް" އުފެއްދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްއިން ހޯދިފައިވާކަމަށް، ޔުނިވާސިޓީ އޮފް ކެލިފޯނިއާ ސެން ފްރެންސިސްކޯއިންވަނީ މި އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގައި ނެރުނު ނޫސް ބަޔާނަކުން އިއުލާނުކޮށްފައެވެ.

އެބޭފުޅުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެބޭފުޅުން އުފައްދާފައިވާ، ބަޔޯރިއެކްޓަރ ނަމަކަށް ކިޔާ އިމްޕްލާންޓޭބަލް ޑިވައިސްއެއް ބޭނުންކޮށްގެން ކިޑްނީގެ ސެލްތައް އޫރުގެ ހަށިގަނޑަށް ލުމުން، އެތަކެތިވަނީ ހަށިގަނޑުގެ ތެރޭގައި ދެމިހުރެ، ކިޑްނީގެ މުހިންމު ގިނަ މަސައްކަތްތަކެއް ނަކަލުކޮށްފައެވެ. މިއީ އިމްޕްލާންޓޭބަލް ބަޔޯއާޓިފިޝަލް ކިޑްނީއެއް އުފައްދާފައިވާ ފުރަތަމަ ފަހަރެވެ. މި ޑިވައިސް އިންޖިނިއަރ ކޮށްފައިވަނީ އިންސާނުންގެ ކިޑްނީގެ ސެލްތައް، އިންސާނާގެ ދިފާއީ ބާރު އެޓޭކް ނުކުރާނެ ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި ހަށިގަނޑުގައި ބެހެއްޓުމަށެވެ.

މި ޕްރޮޖެކްޓްގެ އަމާޒަކީ ހަށިގަނޑުގެ ފްލުއިޑްތައް ބެލެންސްކޮށް، ލޭގެ ޕްރެޝަރ ރެގިއުލޭޓް ކުރުމަށް ބޭނުންވާ ހޯމޯންތައް ދޫކުރުން ފަދަ މުހިއްމު މަސައްކަތްތައް ކުރާ ކިޑްނީގެ ތަފާތު ސެލްތައް މި ބަޔޯރިއެކްޓަރއަށްލައި އިންސާނާގެ ހަށިގަނޑަށް ލުމެވެ.

"މިހާރު މި މަސައްކަތްކުރަނީ ކިޑްނީގެ މައިގަނޑު މަސައްކަތްތައް ރައްކާތެރިކަމާއެކު ނަކަލުކުރުމަށެވެ." ޔޫސީއެސްއެފް ސްކޫލްސް އޮފް ފާމަސީ އެންޑް މެޑިސިންގެ ޖޮއިންޓް ޑިޕާޓްމަންޓެއް ކަމަށްވާ ޑިޕާޓްމަންޓް އޮފް ބަޔޯއިންޖިނިއަރިން އެންޑް ތެރަޕިއުޓިކް ސައިންސަސްގެ ފެކަލްޓީ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބަޔޯއިންޖިނިއަރިންގ ޕްރޮފެސަރ ރޯއީ ވިދާޅުވެފައިވެއެވެ. "ބަޔޯއާޓިފިޝަލް ކިޑްނީގެ ސަބަބުން ކިޑްނީގެ ބަލިތަކަށް ދެވޭ ފަރުވާ އިތުރަށް ހަރުދަވާނެ، މިހާރަށްވުރެން ބޮޑަށް ޓޮލަރަބަލް އަދި ފަސޭހަ ފަރުވާއެއް ފޯރުކޮށްދެވޭނެއެވެ."

ރޯއި އާއި އޭނާގެ ޓީމްއިން ބަޔޯރިއެކްޓަރު އިންޖިނިއަރ ކޮށްފައިވަނީ، ސީދާ ލޭހޮޅިތަކާއި ނާރުތަކާ ގުޅާލައި، ޓްރާންސްޕްލާންޓް ކޮށްފައިވާ ކިޑްނީއެއް ފަދައިން ނިއުޓްރިއެންޓްސް އާއި އޮކްސިޖަން ދަތުރުކުރެވޭނެ ގޮތަށްށެވެ. އަދި ސިލިކަން މެމްބްރޭންސް ބޭނުންކޮށްގެން ބަޔޯރިއެކްޓަރުގެ ތެރޭގައި ހުންނަ ކިޑްނީ ސެލްތައް ބަލިމީހާގެ ދިފާއީ ސެލްތަކުގެ ހަމަލާއިން ރައްކާތެރިކޮށްދެއެވެ.

ޓެސްޓު ކޭހެއްގެ ގޮތުގައި އެ ޓީމުން ބޭނުންކޮށްފައިވަނީ ފެނާއި ލޮނު ރެގިއުލޭޓްކުރާ ޕްރޮކްސިމަލް ޓިއުބުލް ސެލް ނަމަކަށް ކިޔާ ކިޑްނީ ސެލްގެ ބާވަތެކެވެ. ޔުނިވާސިޓީ އޮފް މިޝިގަންގެ އެމްޑީ، އެޗް ޑޭވިޑް ހިއުމްސް މީގެ ކުރިން ވަނީ މި ސެލްތައް ބޭނުންކޮށްގެން އައިސީޔޫގައި ތިބި ޑައިލިސިސް ޕޭޝަންޓުންނަށް ފަރުވާ ކުރުމަށް ބޭނުންކޮށްފަ، އެބަލިމީހުންގެ ފުރާނަ ސަލާމަތްކުރަނިވި ނަތީޖާއެއް ހޯދާފައެވެ. މި ޕްރޮޖެކްގެ ދެންއޮތް މަރުހަލާއަކީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބޭނުންވާ ގޮތަށް މަސްދުވަހުގެ ޓްރެއިލްތައް (ފުރަތަމަ ޖަނަވާރުންގެ، ދެން އިންސާނުންގެ) ކުރިއަށްގެންދިޔުމެވެ.

ރޯއީ އިތުރަށް ތަފްޞީލްކޮށްފައިވާ ގޮތުގައި "އާޓިފިޝަލް ކިޑްނީގެ ތަސައްވުރަކީ ޑަޔަލިސިސް އަށް ވުރެ ބަލި މީހުންނަށް ފުރިހަމަ މޮބިލިޓީ އަދި ރަނގަޅު ފިޒިއޮލޮޖިކަލް ނަތީޖާތަކެއް ހޯދައިދިނުމެވެ." އަދި ޕްރޮޖެކްގެ މަރުޙަލާއާއި ބެހޭގޮތުން ބުނެފައިވެއެވެ. "އަޅުގަނޑުމެން ޖެހުނީ ފަންކްޝަނަލް ބަޔޯރިއެކްޓަރަކަށް އިމިއުނޯސަޕްރެސެންޓް ބޭސް ބޭނުން ނުވާނެކަން ސާބިތުކޮށްދޭން- އެކަން މިއޮތީ ކުރެވިފައެވެ. މިހާތަނަށް އަޅުގަނޑުމެން ކުރި މަސައްކަތުގައި އެއްވެސް ކޮމްޕްލިކޭޝަނެއް ނެތެވެ. ދެން އޮތީ އިޓަރޭޓް ކޮށް، ހިއުމަން ސްކޭލްގައި ކިޑްނީގެ ފަންކްޝަންތަކުގެ މުޅި ޕެނަލަށް ވާސިލްވުމަށް މަސައްކަތްކުރުމެވެ." "މީގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކިޑްނީ ފެއިލްވެފައިވާ އެތައް މިލިއަން ބައެއްގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ވައުދުވެއެވެ."

މަރިޔަމް އިޝްރާޤް ވަޙީދު

މަރިޔަމް އިޝްރާޤް ވަޙީދު

ބަޔޯކެމިސްޓް، ސޯޝިއޯ އިކޮނޮމިކް ރިސާޗަރ، ފްރީލާންސް ރައިޓަރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.