ޖައްވީ ދިރާސާ އަދި ކާރިސާގެ ހާލަތްތަކުގައި ބޭނުން ކުރުމަށް ހާއްސަކޮށް ޖަޕާނުގެ އިންޖިނިއަރުން 3.5 ޓަނުގެބަރުދަން ހުންނަ އަދި 15 ފުޓޫގެ ދިގު ރޮބޮޓް ސޫޓް އެއް އުފައްދައިފިއެވެ. ޓޯކިޔޯގައި ޤާއިމް ވެފައިވާ ސްޓާޓްއަޕް އެއް ކަމުގައިވާ ސުބާމެ އިންޑަސްޓްރީސް އިން އުފައްދާފައިވާ މި ރޮބޮޓް ސޫޓް ވައްތަރީ 1970 ގެ އަހަރުތަކުގައި ޖަޕާނުގެ މަޝްހޫރު ޓީވީ ޝޯއެއްގައި ކަމުގައިވާ "މޯބައިލް ސޫޓް ގުންޑޭމް" ގައި ފެންނަ ރޮބޮޓް އާއެވެ.
ގާތްގަނޑަކަށް ތިން މިލިއަން އެމެރިކާ ޑޯލަރުގެ މި ރޮބޮޓް ސޫޓް އޮޕަރޭޓް ކުރާ މީހާއަށް ހާއްސަކުރެވިފައިވާ ކޮކްޕިޓް ގައި އިންދެގެން ޖޮއިސްޓިކް މެދުވެރިކޮށް އޭގެ އަތް ބޭނުންވާ ގޮތަކަށް ގެންގުޅުމަށް އެހީވެދިނުމަށާއި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ނެވިގޭޓްކުރެވޭ ގޮތަށް އެ ސޫޓްގެ ބޭރުފުށުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ލައިވް ފީޑް ފެންނަ ގޮތަށް ހުރެއެވެ. މި މަހުގެ ފަހުކޮޅު ޖަޕާނުގައި ބޭއްވުމަށް ތާވަލްކޮށްފައިވާ ޖަޕާން މޮބިލިޓީ ޝޯގައި ތައާރަފް ކުރުމަށް ތައްޔާރުވަމުންދާ މި ރޮބޮޓް ސޫޓް ގައި ތަފާތު 2 އޮޕަރޭޝަނަލް މޯޑް އެއް ވެއެވެ. އެއި ހަމައިސްކޮޅަށް ތެދުވެ ހުރު މަސައްކަތް ކުރާ "ރޮބޮޓް މޯޑް" އާއި ގަޑިއަކު 10 ކިލޯމީޓަރު ބާރުމިނުގައި ދަތުރު ކުރެވޭ "ވެހިކަލް މޯޑް" އެވެ.
"ޖަޕާން އަކީ އެނިމޭޝަން، ގޭމް، ރޮބޮޓް އަދި އޮޓޯމޯބައިލް ދާއިރާގައި މަޝްހޫރު ތަނެއް، އަހަރެން ހިތައް އެރީ އެހުރިހާ ދާއިރާއެއް އެއްކޮށްފައި ޕްރޮޑަކްޓް އެއް އުފައްދަން. އަހަރެން ބޭނުންވީ 'މީ ޖަޕާން' ގޮތުގައި ސިފައިވާ ފަދަ އެއްޗެއް އުފައްދަން" ސުބާމޭ އިންޑަސްޓްރީސް ގެ ސީއީއޯ އެންމެ 25 އަހަރުގެ ރިޔޯ ޔޮޝިދާ ބުންޏެވެ. އޭނާގެ އުންމީދަކީ ކުރިއަށް އޮތްތަނުގައި ކާރިސާ ހިރާސް ކުރުމަށް ކުއްލިހާލަތުގައި މަސައްކަތް ކުރުމަށާއި، ޖައްވީ ދިރާސާގައި މި އުފެއްދުން ބޭނުން ކުރުމެވެ.
ރޮބޮޓިކް އެކްސޯސްކެލަޓަން ދާއިރާއިން މަަސައްކަތްކުރާ ގިނަ ސްޓާޓްއަޕް ތަކުގެ ތެރޭގައި ސުބާމޭ އިންޑަސްޓްރީސް ހިމެނޭ އިރު، މި ކުންފުނި ތަކުން ދަނީ ޑެލިވަރީ އެސިސްޓަންޓުން ގޮތުގައި ބަރުއެއްޗެތި އުފުއްލުން ނުވަތަ މިލިޓަރީ ދާއިރާގައި "ސުޕަރ ސޯލްޖަލްްސް" ގޮތުގައި ބޭނުން ކުރާ އެކްސޯ ސްކެލަޓަންތައް އުފައްދަމުންނެވެ. އެމެރިކާގެ އަަސްކަރިއްޔާއިން މިހާރުވެސް ވަނީ 10 މެރީންސް ގެ ބާރު ހުންނަ ކަމަށް ވަކާލާތުކުރާ އެކްސޯސްކެލަޓަން އެއްގެ ޕްރޮޓޯޓައިޕް އެއް ދައްކާލާފައެވެ.
ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް