ފިޓްބިޓް ޗާޖު 6 : ބާޒާރުގައި ހުރި އެންމެ މޮޅު އެއް ފިޓްނަސް ގަޑި

އަޝްނާ ރަޝީދު 17 އޮކްޓޯބަރު 2023

ފިޓްނަސް ޓްރެކަރުންގެ ތެރެއިން ފިޓްބިޓް އަކީ ގިނަ ދުވަސްތަކެއް ވަންދެން އެންމެ މަގުބޫލު އެއް ބްރޭންޑެވެ. އަދި މިހާރު ފިޓްބިޓް ޗާޖް 6 ނެރުމާއެކު، އެއީ މާކެޓުގައި ހުރި އަތްފޯރާފަށުގައިވާ އެންމެ މޮޅު އެއް ފިޓްނަސް ޓްރެކަރަކަށް ވެދާނެވެ. ފިޓްބިޓް ޗާޖް 6 އަކީ ސްމާޓްވޮޗެއް ނޫނެވެ. ނަމަވެސް، އެއާއި ގާތްކުރެއެވެ.

ފިޓްބިޓުގެ ބެލެނިވެރި ކުންފުނިކަމަށްވާ ގޫގަލްގެ ނުފޫޒު މިއައު ޓްރެކަރުން ފެނެއެވެ. ޔޫޓިއުބު މިއުޒިކު، ގޫގަލް މެޕްސް އަދި ވޮލެޓު ފަދަ ގޫގަލް އެޕްތަކަށް މިހާރު ވަދެވެއެވެ. އަދި ފިޓްބިޓު ބޭނުންކުރުމަށްޓަކައި ގޫގްލް އެކައުންޓަކަށް ވަންނަންޖެހެއެވެ.

އެހެން ފިޓްނަސް ޓްރެކަރުތަކާއި އަޅާ ބަލާއިރު، ފިޓްބިޓު ޗާރޖު 6 ދާދި އަގުހެވެ. 159$ އިން ފެށިގެން ލިބޭ މި ފިޓަނަސް ޓްރެކަރު ފިޓްބިޓު ޗާރޖު 5ކާއި މާރުކޭޓުގައި ލިބެންހުރި އެހެން ފިޓްނަސް ޓްރެކަރުތަކާއި އަޅާބަލާއިރު ދާދި އަގުހެވެ. މީގެ މޮޅުކަމަކީ ޗާރޖު 6 އާންމުކޮށް މިފަދަ ޑިވައިސްތަކުގައި ހުންނަ ފީޗަރުތައް ހުރެ، އަދި އައު އީޖާދީތަކެއް ގެނެސްފައި މިއަގު ދަމަހަށްޓާކަމެވެ.

ފިޓްބިޓު ޗާޖު 6 އާންމު ފިޓްނަސް ޓްރެކަރުތައް ކުރާކަންތައް ކުރެއެވެ. އަދި މިކަންތައް މާ މޮޅަށްވެސް ކުރެވޭކަމަށް އެކުންފުނިން ބުނެއެވެ. ޕިކްސަލް ވޮޗްގައި ބޭނުންކުރަމުންދާ އަލްގޮރިދަމުގެ އެހީގައި ހިތުގެ ވިންދު މާ ރަނގަޅަށް ހޯދައިދެއެވެ. އަދި އީސީޖީ ބަލާ ހިތުގެ ރިތަމުގައި އާދަޔާ ޙިލާފުކަމެއް އޮވޭތޯ ބަލާ، އެސް.ޕީ.އޯ2 މިފަދަ އެތައް ސިއްހަތާބެހޭ އެއްޗެހި ވަރަށް ރަނގަޅަށް ބަލައިދެއެވެ. އަދި ސޮފްޓުވެއާއަށް ބަދަލުތަކުގެ އެހީގައި މާ ރަނގަޅަށް މީއްޗެހި ފާހަގަ ކުރެވެއެވެ.

ކަސްރަތުކުރުމަށް ވެސް މިފަހަރު އެމީހުން ވަނީ އިތުރު ބަދަލުތަކެއް ގެނެސްފައެވެ. މި ގޮތުން 40 ވައްތަރުގެ އެކިކަހަލަ ކުޅިވަރާއި ކަސްރަތުތައް މި ޓްރެކަރުން ބަލައިގަނެއެވެ. އޭގަތެރޭގައި އެރޮބިކްސް، ބޫޓްކެމް، ކެނޯއިން، ކޯ ޓްރެއިނިން، ކްރޮސް ކަންޓްރީ ސްކައި، ކްރޮސްފިޓް، ޑާންސިން، އެލިޕްޓިކަލް، ގޯލްފް، އެޗްއައިއައިޓީ، ހައިކް، އިންޑޯ ކްލައިމްބިން، އިންޓަވަލް ވޯކްއައުޓް، ކައިކިން، ކިކްބޮކްސިން، މާޝަލް އާޓްސް، އައުޓްޑޯ ވޯކްއައުޓް، ޕެޑަލްބޯޑިން، ޕައިލެޓްސް، ޕަވަރލިފްޓިން، ރޯލާބްލޭޑިން، ރޯވިން މެޝިން، ސްކޭޓިންގ، ސްކީ، ސްނޯބޯޑިންގ، ސްޕިނިންގ، ކުޅިވަރު، ސިޑިން އެރުވުން، ސްޓްރެންތް ޓްރެއިނިންގ، ރާޅާއެޅުން، ފަތާ، ޓެނިސް، ޓްރެޑްމިލް، ވެއިޓްލިފްޓިންގ، ވެއިޓްސް، ވޯކްއައުޓް އަދި ޔޯގާ ހިމެނެއެވެ. މީގެއިތުރުން ސަޕޯޓުކުރާ ކަސްރަތުކުރާ ޖިމް އެކުވިޕްމަންޓާއިވެސް މި ފިޓްބިޓު ގުޅުވައިލެވެއެވެ.

ފިޓްބިޓްގައި ފާހަގަކުރެވޭ އެހެންކަމަކީ މީގެން ނިދިބެލޭ ނިޒާމެވެ. ފިޓްބިޓު ލުއިވެފައި އަޅާފައިހުންނަން ފަސޭހަވިމުން ނިދާއިރުވެސް އަޅާފައިހުރުން ފަސޭހަވެގެން ދެއެވެ. ފިޓްބިޓުގެ ނިދި ޓްރެކް ކުރުމުން ނިދީގެ ޕްރޮފައިލުވެސް ބަލާލެވެއެވެ.

މިހުރިހާކަމެއް ވަނީ ވަރަށް ފުރިހަމަ ފިޓްނަސް ޓްރެކަރަކަށް އިށާރާތްކޮށްފައެވެ. ނަމަވެސް، ފިޓްބިޓުވަނީ ފާއިތުވި އަހަރުތެރޭގައި އޭގެ އަސާސު މަޑުމަޑުން ގެއލިގެން ދަމުންކަން ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. 2021 ވަނަ އަހަރު ގޫގަލް ފިޓްބިޓް ގަތުމަށް ފަހު، ފިޓްބިޓްވަނީ ބޮޑަށް ގޫގަލާއި ވައްތަރު ކުރެވިފައެވެ. މިގޮތުން ލަވަ އަޑުއެހޭ އެޕްތައް ކުރިޔާ ހިލާފަށް ވަނީ ހަމައެކަނި ގޫގަލްގެ ޔޫޓިއުބް މިއުޒިކަށް ލިމިޓުކޮށްފައެވެ. އަދި ފިޓްބިޓު އެޕުވެސް ވަނޯ ގޫގަލުގެ އެހެން އެޕްތަކާއި އެއްފަދަކޮށްފައެވެ. ބައެއް ފަރާތްތަކުން ވަނީ މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފިޓްބިޓު ޗާޖު 6 ވަނީ ފިޓްބިޓަށާއި ފިޓްނަސް ޓްރެކަރުތަކަށް ވަރަށް ގިނަ ބަދަލުތަކެއް ގެނަސްފައެވެ. އަދި ކަސްރަތާއި އެކި ކުޅަވަރުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އިތުރު އެތަކެއް ފީޗަރުތަކެއް ގެނެސްފައެވެ. އެންޑްރޮއިޑައި އައިފޯނާއި އެކުވެސް ބޭނުންކުރެވޭ މި ފިޓްނަސް ޓްރެކަރަކީ ގިނަ މީހުންނަށް ގުޅޭނެ، ފަސޭހައިން ބޭނުންކުރެވޭނެ، އަގުހެޔޮ ޓްރެކަރެކެވެ. އެއާއި އެއްކޮށް ބައެއް ފީޗަރުތައް ބޭނުން ކުރަން ފިޓްބިޓު ޕުރިމިއަމް ނުވަތަ ގޫގަލުގެ އެހެން ސަރވިސްތަކަށް ސަބްސްކްރައިބް ކުރަންޖެހުނަސް، މި ސަބްސްކްރިޕްޝަންތަކާއި ނުލާވެސް ވަރަށް ފުރިހަމަކޮށް ބޭނުންކުރެވޭނެވެ.

އަޝްނާ ރަޝީދު

އަޝްނާ ރަޝީދު

ދުނިޔެއާއި، ކާއިނާތާއި އިންސާނުންގެ އުފެއްދުންތެރިކަމާއި މެދު އަބަދުވެސް ސުވާލުކޮށް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.