އޯޕެން އޭއައިގެ "އަރާކިސް" ޕްރޮޖެކްޓްއަށް ވީ ކިހިނެތް؟

މުހައްމަދު ސުނާދު 19 އޮކްޓޯބަރު 2023

ޗެޓް ޖީޕީޓީ ލޯންޗް ކުރިއިރުން ފެށިގެން އަބަދުވެސް އަޑު އިވެމުންދަނީ، އޯޕެން އޭއައި އިން ހޯދަމުން އަންނަ ކުރިއެރުންތަކުގެ ވާހަކައެވެ. ނުވަތަ އެ ކުންފުނީގެ ވެލިއު މަތިވަމުން އަންނަ ހަލުވިމިނުގެ ވާހަކައެވެ.އޭއައީގެ ދާއިރާގައި ގޫގަލްފަދަ ބޮޑެތި ކުންފުނިތަކަށް ގޮންޖަހާލާ ވާހަކައެވެ. މައިކްރޯސޮފްޓް ފަދަ ބޮޑު ކުންފުންޏަކުން 10 ބިލިއަން ޑޮލަރުގެ ބޮޑު ޑީލެއް އޯޕެން އޭއައި އާއިއެކު ހެދުމަކީ މިކަމަށް ދަލީލުކުރާކަމެކެވެ.އެހެންނަމަވެސް، މިއަދު އަޑު އިވިގެން މިދިޔައީ މުޅިން ތަފާތު ވާހަކައެވެ. އޯޕެން އޭއައިގެ ޕްރޮޖެކްޓެއް ފެއިލްވި ވާހަކައެވެ.

މި ޕްރޮޖެކްޓްގެ ނަމަކީ "އަރާކިސް" އެވެ. މިއީ މަޝްހޫރު ސައިންސް ފިކްޝަން ނޮވެލްއެއް ކަމަށްވާ "ޑޫން" ގެ ޑެޒާޓް ޕްލެނެޓްގެ ނަމުން ނަން ދެވިފައިވާ ޕްރޮޖެކްޓެކެވެ. ނަމަވެސް ސުވާލަކީ، ޖީޕީޓީ-4 ގެ ކާމިޔާބީއަށްފަހު އޯޕެން އޭއައި އިން އިތުރު އޭއައި މޮޑެލްއެއްގެ މަސައްކަތް ފެށީ ކީއްވެބާވައެވެ؟

ޗެޓް ޖީޕީޓީފަދަ އެޕްލިކޭޝަންތައް ހިންގާ އޭއައި މޮޑެލްސްތަކަކީ ވަރަށް ބޮޑު ހަރަދެއް ކުރަންޖެހޭ އެއްޗެކެވެ. އެސްޓިމޭޓްތައް ބުނާގޮތުން ޗެޓް ޖީޕީޓީ ހިންގުމަށްވެސް ކޮންމެ ދުވަހު 7 ލައްކަ ޑޮލަރު ހަރަދުވެއެވެ. އެހެންކަމުން އޯޕެން އޭއައި ގެ އަރާކިސް ޕްރޮޖެކްޓްގެ މައިގަނޑު ބޭނުމަކަށްވީ ހަރަދު ކުޑަ ގޮތެއްގައި އޭއައި މޮޑެލްއެއް ހިންގޭނެކަން މައިކްރޯސޮފްޓަށް ދެއްކުމެވެ. މިކަމަށްޓަކައި އެޒުއަރ ޕްލެޓްފޯމްގެ އެކްސެސްވެސް ވަނީ އޯޕެން އޭއައިއަށް ދީފައެވެ. އެހެންނަމަވެސް މައިކްރޯސޮފްޓްގެ ބައެއް އެގްޒެކްޓިވެސް އިމްޕްރެސް ކޮށްލެވޭގޮތެއް އެމީހުންނަކަށް ނުވިއެވެ. ނަތީޖާއަކަށްވީ މި ޕްރޮޖެކްޓް ހުއްޓާލަން ޖެހުމެވެ.

ހަލުވި ކުރިއެރުންތަކަކަށްފަހު އޯޕެން އޭއައި މިއީ ވަރަށް ބޮޑު ވެއްޓުމެކެވެ. ސަބަބަކީ ވަގުތުގެ ގޮތުންނެވެ. އެމީހުންގެ އެންމެ ބޮޑު ކޮމްޕެޓިޓަރ، ގޫގަލްވަނީ އެމީހުންގެ އޭއައި މޮޑެލް ކަމަށްވާ "ޖެމިނައި" ނެރެން ތައްޔާރުވެފައެވެ. ހަމަ އޭގެ އިތުރުން، އަންނަ މަހު އޮންނަ އޭއައި ސޭފްޓީ ސަމިޓްގައި އޯޕެން އޭއައިއަށް ވަރަށް އުނދަގޫ ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެކަން ޔަގީނެވެ. ސަބަބަކީ، ޑޭޓާ ޕްރައިވެސީ ފަދަ ބޮޑު މައްސަލަތައް ޖީޕީޓީ-4 އިން ފާހަގަ ކުރެވިފައިވާތީއެވެ. އޯޕެން އޭއައިގެ ޕްރޮފިޓް 1.3 ބިލިއަން ޑޮލަރަށް މަތިވާނެކަމަށް ޕްރޮޖެކްޓް ކުރެވިފައިވާއިރު، މިފަދަ ކަމަކީ ކުރިއަށް އޮތް އަހަރު އޯޕެން އޭއައިގެ ރެވެނިއުއަށް ކިހާ ބޮޑު އަސަރެއް ކުރާނެމާމެދުވެސް ސުވާލު އުފެދޭ ކަމެކެވެ. އެހެންނަމަވެސް ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، ސީއީއޯ ސޭމް އަލްޓްމަން ހުރީ ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ.އަލްޓްމަން ވަނީ ބޮޑު ޕްރޮޖެކްޓްއެއް ފަށަން އުޅޭ ކަމުގެ އިޝާރާތެއް، ވޯލް ސްޓްރީޓް ޖާނަލްގެ ޓެކް ކޮންފަރެންގައި ދީފައެވެ.

މުހައްމަދު ސުނާދު

މުހައްމަދު ސުނާދު

ޓެކް އެންތުސިއަސްޓެއްގެ ހައިސިއްޔަތުން ޓެކްނޮލޮޖީގެ ފަހުގެ ހަބަރުތަށް ގެނެސްދިނުމަށް ޓެކްނިއުސްއާއިއެކީ ކުރިއަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.